ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްގީ ކުރަން ދުބާއީގެ އިފްޒާ އާއި އިކޮނޮމިކް މިނިސްޓްރީ އާ ދެެމެދު އެމްއޯޔޫގައި ސޮއިކުރުން (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)

ސްޕެޝަލް އިކޮނޮމިިކް ޒޯންތައް ތަަރައްގީކުރަން ދުބާއީގެ 'އިފްޒާ'އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި ކ. ފުނަދޫގައި ގާއިމް ކުރަން ނިންމާފައިވާ ސްޕެޝަން އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނުގެ މަސައްކަތަށް ބޭނުންވާ ފައިސާ އިންވެސްޓު ކުރާނީ އިފްޒާ އިން

ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި ކ. ފުނަދޫގައި ގާއިމް ކުރަން ނިންމާފައިވާ ސްޕެޝަން އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއޭއީގެ އިންޓަނޭޝަނަލް ފުރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ ދެމެދު އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު މީރުމާ އިވެންޓު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ

  • އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މުހައްމަދު ސައީދު

  • އިފްޒާގެ ފަރާތުން ޗެއާމަން މާޓިން ޕީޑަސަން

އިހަވަންދިއްޕޮޅާއި ކ. ފުނަދޫގައި އިކޮނޮމިކް ޒޯންތަތައް ތަރައްގީ ކުރުމަށް ދުބާއީގެ އިފްޒާ އާޢެކު އެމްއޯޔޫގައި ސޮއިކުރުން (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)

ތަފްސީލް - މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ އިތުރުން އިހަވަންދިއްޕޮޅުގައި އިކޮނޮމިކް ގޭޓްވޭ ތަރައްގީކޮށް ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނުތައް ގާއިމްކޮށް އެތަންތަން ހިންގައި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ވެސް އިފްޒާ އިން ފޯރުކޮށްދޭނެ އެވެ.

ޔޫއޭއީ އާއި ޖަރުމަނު، ސޭޝެލްސް އަދި ޗައިނާ ފަދަ ގައުމުތަކުގައި ވެސް ފްރީ ޒޯނުތަކުގެ މަސައްކަތް ކުރާ އިފްޒާ އިން ރާއްޖޭގެ އުތުރާއި މެދުގައި އިކޮނޮމިކް ޒޯނުތައް ތަރައްގީކޮށް ބަލަހައްޓަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިއަދު އެމްއޯޔޫގައި ސޮޮއިކުރި އިރު މި އެމްއޯޔޫގެ ދަށުން ސޮއިކުރާ އެއްބަސްވުންތަކާ އެކު ރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސޯދު ކުރިއަރާނެ ކަމަށް އިފްޒާ އިން ބުންޏެވެ.

އިފްޒާގެ ޗެއާމަން މާޓިން ޕީޑަސަން (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)

"ދުނިޔޭގެ ބޮޑެތި އިގްތިސޯދުތަކުން ވިޔަފާރިތަކާއި އިންވެސްޓުމެންޓުތައް ރާއްޖެ ގެނައުމަށް އިފްޒާއަކީ މެދުވެރިއަކަށް ވާނެ،" އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިފްޒާއާ ގުޅޭ ގޮތުން ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނުގައި ބުންޏެވެ.

އިފްޒާއާ އެކީ އިކޮނޮމިކް މިނިސްޓްރީ އިން ސޮއިކުރި އެމްއޯޔޫގެ ދަށުން ދުނިޔޭގެ ބޮޑެތި ވިޔަފާރި ބްރޭންޑުތަކާއި އިންވެސްޓަރުން ރާއްޖެ އައުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ވެސް އިފްޒާ އިން ބުންޏެވެ. އެގޮތުން ފިންޓެކް، ކޮންސަލްޓެންސީ، ޓެކްނޮލަޖީ، ފައިނޭންޝަލް ސާވިސް އަދި ވިޔަފާރިއާ ގުޅުން ހުރި ދާއިރާތަކުން ރާއްޖޭގައި ވިޔަފާރިތައް ކުރިއަރާނެކަން އެ އިދާރާ އިން ފާހަގަކުރެ އެވެ.

އިފްޒާގެ ޗެއާމަން މާޓިން ޕީޑަސަން (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)

ބުނީ ކީކޭ؟ - މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިފްޒާގެ ޗެއާމަން މާޓިން ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫއާ އެކު ރާއްޖެ އަކީ ހަމައެކަނި ލަގްޒަރީ ޓޫރިޒަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ޕްރިމިއަމް ކޮމާޝަލް އަދި ފައިނޭންޝަލް  ހިދުމަތްތައް ލިބޭ ތަނެއްގެ ގޮތުގައި ރާއްޖެ ތަރައްގީވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ހާއްސަ ޕްރޮޖެކްޓާ އެކު ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ އަންނާނެ ގައުމެއްގެ ގޮތުގައި ރާއްޖެ ކުރިއަރައިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިފްޒާގެ ވަސީލަތްތަކާ އެކު ރާއްޖެއަށް ގިނަ އިންވެސްޓުމެންޓުތައް ގެނެވޭނެ ކަމަށެވެ.

"ދިވެހިންނަށާއި ބޭރުމީހުންނަށް ވަޒީފާތައް އުފެދޭނެ. ދިވެހިންނަށް ވެސް އަދި އިންވެސްޓަރުންނަށް ވެސް ގިނަ ފުރުސަތުތައް އުފެދިގެންދާނެ،" މާޓިން ވިދާޅުވި އެވެ.

މާޓިން ވިދާޅުވީ:

  • މި ޕްރޮޖެކްޓާ އެކު ދިގު މުއްދަތުގައި ރާއްޖެއަށް ފައިދާވާނެހެން ދިވެހިންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިވާނެ ކަމަށް

  • ޒަމާނީ ޓެކްނޮލަޖީ އާއި ވަސީލަތްތަކާ އެކު ގާއިމްކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފްރީ ޒޯނުތަކާ އެކު ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ އަންނާނެ ކަމަށް

  • އޭގެ ތެރޭގައި ހޮޓެލްތަކާއި ކޮންފަރެންސް ސެންޓަރުތައް އަދި ރިއަލް އެސްޓޭޓު ޕްރޮޖެކްޓެއް ހިމެނޭ

  • މި މަޝްރޫއުތައް ކުރިއަށް ގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއަށް ހުރިހާ ގޮތަކުން ވެސް ފައިދާވާނެ ހެން

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)

ސައީދު ވިދާޅުވީ މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ އިންވެސްޓުކުރާނީ އިފްޒާއިން ކަމަށެވެ.

އިފްޒާގެ މަސައްކަތް ދުބާއީގައި ވަރަށް ފުޅާ ކަމަށާއި މެދުއިރުމަތީގައި ވެސް އިންވެސްޓަރުން ހޯދުމުގެ މަސައްކަތުގައި އެއީ ފާހަގަކުރެވޭ ކުންފުންޏެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"އެބޭފުޅުންގެ ޕްރެޒެންސް ދުބާއީގައި ވަރަށް ފުޅާ ދާއިރާއެއްގައި އިންޓަނޭޝަނަލް އިންވެސްޓަރުން އެޓްރެކްޓުކޮށް އަދި މެދުއިރުމަތީގައި ވަރަށް ފުޅާ ދާއިރާއެއްގައި އެކަން ކުރަން ދަންނަ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ކޮމްޕެޓެޓިވް، އިންވެސްޓަރުންނަށާއި ވިޔަފާރި ކުރުމުގައި ޒަމާނީ މަންޒިލަކަށް ހަދަން ކުރާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

"އިންވެސްޓަރުން އަދި ރާއްޖެއަށް ވަޑައިގަންނަވަން ތިއްބެވި ވިޔަފާރި ކުރަން ރެޑީއަށް ތިއްބެވި ބޭފުޅުންނަށް އަޅުގަނޑުމެން ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ ހުއްޓުމެއް ނެތި ކުރިއަށްދާނީ މި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް،" ސައީދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް