ރައީސް މުއިއްޒު ޗައިނާގެ ރައީސް ޝީޖިން ޕިން އަރިހު (ފޮޓޯ/ރައީސް އޮފީސް)
ޗައިނާގެ ލޯނުތައް ފަސްކުރިކަމުގެ މައުލޫމާތެއް ނުލިބޭ: އެމްއެމްއޭ
ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުން ފަސްކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ފަސްކުރުމާ ގުޅޭ ވާހަކަތަކެއް ރައީސް މުހައްމަދު މުއިއްޒު ފާހަގަކުރައްވާފައިވާތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
ތަފްސީލް - އެ ސުވާލަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
"މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން ޗައިނާއަށް ދައްކަން ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރެވިފައި ހުރި ކަމަކަށް އަޅުގަނޑުމެންނަށް މައުލޫމާތެއް ނުލިބޭ،" އިމާދު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭން ނުވަތަ ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި އެ ކަމާ ގުޅޭ މަޝްވަރާތައް ފަށަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެވަޑައިގެން ނޫސްވެރިންނާ ދެއްކެވި ވާހަކަފުޅުގަ އެވެ.
"ރާއްޖެއަށް ވަރަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވައި ރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދެއްކުމުގައި، ފަސް އަހަރު ދުވަހު ނުދައްކާ، ވީހާ ވެސް ބޮޑަށް ގްރޭސް ޕީރިއަޑެއް ލައި، ދިގު ދަންމާލައި ފަސް އަަހަރުގެ ތެރޭގައި ވީހާ ވެސް ލުއި ގޮތަކަށް އެ ލޯނުތަކުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ދިރާސާކޮށް، ކަނޑައެޅުމަށް ވަރަށް އަވަހަށް ޗައިނާގެ ފިނޭންސް މިނިސްޓްރީ އާއި ފިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުވާނެ."
އެ ޓީމު ރާއްޖެ އައިކަމުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ސަރުކާރުގެ ސޮވެރިން ގެެރެންޓީ ހިމެނޭ ގޮތަށް ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކަ އެވެ. މިއީ ރާއްޖޭގެ ބޭރު ދަރަނީގެ %20 އެވެ.