ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަތައް ބާއްވަވައި އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ޗައިނާގެ ދަރަނި ދެއްކުން 5 އަހަރަށް ފަސްކުރަން މަޝްވަރާތައް ފަށަނީ
ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭން ނުވަތަ ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި އެ ކަމާ ގުޅޭ މަޝްވަރާތައް ފެށުމަށް ދެ ގައުމުގެ ދެމެދު އެއްބަސްވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ދެންމެއަކު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭން ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ ޝެޑިއުލަށް ބަދަލު ގެނެސްދެއްވުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ އަރިހުގައި، ދެ ގައުމުގެ ދެމެދު ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަތަކުގެ ތެރެއިން ދަންނަވާފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - "ޗައިނާއަށް ދައްކަންޖެހިފައިވާ ފައިސާ، އެކިއެކި ލޯނުތަކުން، ސީދާ ޑައިރެކްޓު ލޯނުތައް. އެ ލޯނުތައް ދެއްކުމަށްޓަކާ މިހާރު އޮތް ޕްލޭން ނުވަތަ ޝެޑިއުލަށް ލުއިތަކެއް ގެނައުމާ މެދުގައި ދެ ގައުމުގެ އެންމެ އިސް ލެވެލްގައި މަޝްވަރާ ކުރެވި، ޗައިނާގެ ރައީސަށް އެކަން އަޅުގަނޑު ހުށަހެޅުމުން ވަގުތުން އެކަން ރަސްމީ ޓޯކްސް [ވާހަކަތަކުގައި] ކަމާ ބެހޭ އިސް ވެރިންނަށް އެކަމާ ބެހޭ ގޮތުން [މަޝްވަރާކުރެއްވި]،" ރައީސް ވިދާޅުވި އެވެ.
"ރާއްޖެއަށް ވަރަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވައި ރާއްޖެ އިން ޗައިނާއަށް ދައްކަން ހުރި ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދެއްކުމުގައި، ފަސް އަހަރު ދުވަހު ނުދައްކާ، ވީހާ ވެސް ބޮޑަށް ގްރޭސް ޕީރިއަޑެއްލައި، ދިގު ދަންމާލައި ފަސް އަަހަރުގެ ތެރޭގައި ވީހާ ވެސް ލުއި ގޮތަކަށް އެ ލޯނުތަކުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ދިރާސާކޮށް، ކަނޑައެޅުމަށް ވަރަށް އަވަހަށް ޗައިނާގެ ފިނޭންސް މިނިސްޓްރީ އާއި ފިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުވާނެ."
ރައީސް ވިދާޅުވީ އެއާ އެކު ލޯނުތައް ދެއްކުމުގައި ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
ފާހަގަ ކުރެވޭ ކަމެއް - ސަރުކާރުގެ ސޮވެރިން ގެެރެންޓީ ހިމެނޭ ގޮތަށް ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކަ އެވެ. މިއީ ރާއްޖޭގެ ޖުމްލަ ބޭރު ދަރަނީގެ %20 އެވެ.