އެމްއައިބީ ރަމަޒާން ފެސްޓް 2024 ގައި ހުރި ސްޓޯލެއް. (ދައުރު ފޮޓޯ/ބާޝް އަޝްރަފް)

ރަމަޒާން ފެސްޓް

ރަމަޒާން ފެސްޓުގެ ފަހު ދުވަސް، އިނާމު ހޯދުމުގެ ފުރުސަތު މިއަދު ވެސް

މިރޭ 12 ޖަހަންދެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ހަރަކާތް ކުރިއަށް ދާނެ

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިދިޔަ ބުދަދުވަހު ފެށިގެން ކުރިއަށްދާ 'އެމްއައިބީ ރަމަޒާން ފެސްޓް 2024 ޕަވާޑް ބައި ހޮންޑާ' ގެ މިއަދަކީ ފަހު ދުވަހެވެ.

މިއީ ރޯދަ މަހުގެ ކުރިއަށް އެންމެން އެކީ ބައްދަލުކޮށްލެވޭނެ އުފާވެރި މާހައުލެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

'އެމްއައިބީ ރަމަޒާން ފެސްޓް 2024 ގައި ހުރި ސްޓޯލެއް. (ދައުރު ފޮޓޯ/ބާޝް އަޝްރަފް)

މި ފެސްޓުގައި 100 އަށް ވުރެ ގިނަ ވެންޑަރުން ބައިވެރިވާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް ދައްކާލައި ފެސްޓަށް ޒިޔާރަތްކުރާ މީހުންނަށް އެ ތަކެތި ގަނެ ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެކި ކަހަލަ ލުއިކާނާ އާއި ބުއިންތައް ވިއްކާ ވިޔަފާރިތަކުން ވެސް ރަމަޒާން ފެސްޓުގައި ބައިވެރިވާއިރު މިއީ އާއިލާ އާއި އެކުވެރިންނާ އެކު ޒިޔާރަތްކޮށް މީރު ރަހަތައް ތަޖުރިބާކޮށްލަން ވެސް ރަނގަޅު ފުރުސަތެކެވެ.

ރަމަޒާން ފެސްޓަށް ޒިޔާރަތްކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

'އެމްއައިބީ ރަމަޒާން ފެސްޓް 2024 ގައި ހުރި ޝީޝާގެ ސްޓޯލް. (ދައުރު ފޮޓޯ/ބާޝް އަޝްރަފް)

ފެސްޓަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް މި ހަރަކާތުގެ މެއިން ސްޕޮންސާ ޝީޝާ އިން ވަނީ ފެސްޓުގެ ގްރޭންޑް ޕްރައިޒްއެއްގެ ގޮތުގައި އެ ކުންފުނިން ވިއްކާ ހޮންޑާ ބްރޭންޑުގެ ސައިކަލުގެ ތެރެއިން ނަސީބުވެރިއަކަށް ހޮވޭ ފަރާތުން ބޭނުންވާ ކުލައަކުން 125ސީސީގެ ސައިލަކެއް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން މުނިހޯމްކެއާ އިން ހުށަހަޅާ ހަ ފޫޓުގެ ބަދިގެ ސެޓު ހޯދުމަށް ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވެސް އޮންނާނެ އެވެ. ބަދިގެ ސެޓުގެ އިތުރުން މުނި ހޯމްކެއާ އިން ވަނީ ނަސީބުވެރި އިތުރު 10 ފަރާތަކަށް 3000ރ.ގެ ވައުޗަރު ވެސް ހުށަހަޅާފައިވެ އެވެ.

ރަމަޒާން ފެސްޓްގައި ހުންނަ ކްރޮސްރޯޑްސްގެ ސްޓޯލް. (ދައުރު ފޮޓޯ)

ފެސްޓަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ނަސީބުވެރިއަކަށް ކްރޮސްރޯޑްސް މޯލްޑިވްސް އިން ވަނީ ކްރޮސްރޯޑު މޯލްޑިވްސްގައި ދެ މީހަކަށް ރޭނގަޑުގެ ކެއުމެއް ހުށަހަޅައިފަ އެވެ. ކްރޮސްރޯޑްސްގައި ހުންނަ ޖިއާއޯ ވޫ، ކިންކާއޯ ތައި ބިސްޓްރޯ ނުވަތަ ކެބާބް އެންޑް ކަރީ ރެސްޓޯރެންޓުގެ ތެރެއިން ނަސީބުވެރިއަކަށް ހޮވޭ ފަރާތުން ބޭނުން ރެސްޓޯރެންޓަކުން ކެއުން ހިޔާރު ކުރެވޭނެ އެވެ.

ރަމަޒާން ފެސްޓްގެ ފުރަތަމަ ދުވަހު އެމްއައިބީ ވަގުތުން އެކައުންޓް ޗެލެންޖް ކާމިޔާބުކުރި ފަރާތް. (ފޮޓޯ/އެމްއައިބީ)

މީގެ އިތުރުން މި ފެސްޓުގެ ޓައިޓަލް ސްޕޮންސާ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސްޓޯލަށް ޒިޔާރަތްކޮށް އެ ބޭންކުގެ އެކައުންޓެއް އެންމެ މަދު ވަގުތުކޮޅެއްގެ ތެރޭ ހުޅުވާ ކަސްޓަމަރަކަށް ކޮންމެ ދުވަހަކު 5،000ރ ގެ ފައިސާގެ އިނާމެއް ދެ އެވެ. އެންމެ އަވަހަށް އެކައުންޓު ހުޅުވައިގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު މިއަދު ވެސް އޮންނާނެ އެވެ.

ރަމަޒާން ފެސްޓުގައި ބައިވެރިވާ ވިޔަފާރިތަކުން ވިއްކާ ކާބޯތަކެތީގެ އަޖުމަ ބަލާލުމުގެ އިތުރުން ނަސީބުވެރިންނަށް ހުށަހަޅާފައިވާ އިނާމުތަކުން އިނާމެއް ލިބޭތޯ ނަސީބު ވަޒަންކޮށްލުމަށް އަވަހަށް ރަމަޒާން ފެސްޓަށް ޒިޔާރަތް ކޮށްލާށެވެ. މިރޭ 12ގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ދާނެ އެވެ.

މޯލްޑިވްސް ރަމަޒާން ފެސްޓުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. މެއިން ސްޕޮންސަރަކީ ރާއްޖޭގެ ހޮންޑާ ބްރޭންޑުގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓާ ޝީޝާ އެވެ. ސަޕޯޓިން ޕާޓްނަރަކީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އަދި އެޗްޑީސީ އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް