ފިޝަރީޒް މިނިސްޓަރު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: މީަސްވެރިންގެ މައްސަލަތަކަށް އޮތް ދާއިމީ ހައްލަކީ ސަރުކާރުން ފައިސާ ނުދީ ހިންގާ ކުންފުންޏަކަށް މިފްކޯ ބަދަލުކުރުން ކަމަށް ވިދާޅުވި (ފޮޓޯ/މަޖިލިސް)

މިފްކޯ

މިފްކޯއަކީ ސަބްސިޑީ ނުދީ ހިންގާ ކުންފުންޏަކަށް 3 އަހަރު ތެރޭ ހަދާނަން: ޝިޔާމް

ޝިޔާމް ވިދާޅުވި ގޮތުގައި މިފްކޯއަކީ ބްލީޑްވާ ކުންފުންޏެއްގައި ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނައުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާކަމަށް
20 ފެބްރުއަރީ 2024

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަކީ ސަބްސިޑީ ނުދީ ހިންގާ ކުންފުންޏަކަށް ހައްދަވާނޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު މިނިސްޓަރު ޝިޔާމް މަޖިލީހަށް ހާޒިރުކޮށް މެންބަރުން ވަނީ މިފްކޯއަށް ކިރާ މަހަށް މަސްވެރިންނަށް ފައިސާ ނުދެވި ގިނަ ދުވަސްވާ މައްސަލައިގައި ސުވާލުތައް މިނިސްޓަރަށް އަމާޒުކުރައްވައިފަ އެވެ. އެގޮތުން ބައެއް މެންބަރުންގެ ސުވާލަކަށްވީ:

  • މަސްވެރިކަމުގެ ސިނާއަތަކީ ވެސް ވިޔަފާރިއަކަށް ވާތީ އެ ވިޔަފާރި ހިންގަން މަސްވެރިންނަށް އަބަދު ސަބްސިޑީ ނުދީ ހިންގޭނެ ގޮތަކީ ކޮބައިތޯ؟ 

  • މިފްކޯ ޕްރައިވެޓައިޒްކޮށް މަސްވެރިކަމުގެ ވިޔަފާރިން ސަރުކާރު ނިކުމެ ހަމައެކަނި ސިޔާސަތު ހަދާ ބައެއްގެ ގޮތުގައި ވާނީ ކޮންއިރަކުންތޯ؟ 

މި ސަރުކާރުން މިފްކޯ ބްލީޑްވާން ދުލެއް ނުކުރާނަން. ބަދަލުތައް ގެންނާނަން. މަސްވެރިން އެދެނީ އެތަނުގައި މި ހުރި ބޮޑެތި ހަރަދުތައް ކުޑަކޮށްފައި އެމީހުން ކުރާ މަސައްކަތަށް އާމްދަނީ ލިބޭނެ ތަނަކަށް ހަދަން. 

އަހުމަދު ޝިޔާމް، ފިޝަރީޒް މިނިސްޓަރު

ބުނީ ކީކޭ؟ - އެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް މުހިންމު ސިނާއަތްތައް ކުރިއެރުވުމަށް އެ ވިޔަފާރީގައި ސަރުކާރުން ހަރަކާތްތެރިވެ ސަބްސިޑީ ދީ ހަދާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި މައި އެއް ސިނާއަތް ކަމަށްވާ، މަސްވެރިކަމަށް ސަބްސިޑީ ނުދީ ހިންގޭނެ މޮޑެލްއެއް އެބަ އޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެ ގޮތަކީ: 

  • މިފްކޯ ރީސްޓްރަކްޗާކޮށް ހަރަދުކުޑަކުރުން؛ ހާއްސަކޮށް ފެލިވަރާއި ކޫއްޑޫއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ

  • އެ ދެ ފެސިލީޓިގެ ހަރަދުތައް ކުޑަކޮށް އޮޕަރޭޝަން އެފިޝަންޓް ކުރެވިއްޖެ ނަމަ ލިބޭ އާމްދަނީއަކުން ހިންގާ ތަނަކަށް ނުވަތަ ބްރޭކްއީވަންވާ ކުންފުންޏަކަށް މިފްކޯ ހެދޭނެ

  • މިފްކޯގައި ތިބި ބޭކާރު މުވައްޒަފުންނާއި ބޮޑު އަގު ދީފައި ތިބި ކޮންސަލްޓަންޓުން ކަނޑާލާނަން

"އަޅުގަނޑުމެން މި ސަރުކާރުން މިފްކޯ ބްލީޑްވާން ދުލެއް ނުކުރާނަން. ބަދަލުތައް ގެންނާނަން. މަސްވެރިން އެދެނީ އެތަނުގައި މި ހުރި ބޮޑެތި ހަރަދުތައް ކުޑަކޮށްފައި އެމީހުން ކުރާ މަސައްކަތަށް އާމްދަނީ ލިބޭނެ ތަނަކަށް ހަދަން. އަމާޒު މި ހުރީ ކުރިއަށް އޮތް ތިން އަހަރު ތެރޭ މިފްކޯއަކީ ސަރުކާރުން ސަބްސިޑީ ނުދީ ހިންގާ ތަނަކަށް ހެދުން. އެ ބަދަލު އަޅުގަނޑުމެން ގެންނާނަން،" ޝިޔާމް ވިދާޅުވި އެވެ. 

މިފްކޯ އިން ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ޕީއެސްއެމް)

ތަފްސީލް - އޭނާ ވިދާޅުވީ ކުރީ ސަރުކާރުން މަހުގެ އަގު 25ރ. އަށް ބޮޑުކުރުމުން މިފްކޯއިން މަސް ގަންނަމުން ދިޔައީ ވަރަށް ބޮޑު ގެއްލުމުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިފްކޯގެ ހާލަތު ދަށްވުމުން އެ އަގު 20ރ. އަށް މި ސަރުކާރުން މިހާރު ކުޑަކޮށްފައިވާކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ، އެ އަގުގައި މަސް ގަނެގެން ވެސް ކިލޯއަކުން 6ރ. މިފްކޯއަށް ގެއްލުންވާ ކަމަށެވެ. 

އެހެން ނަމަވެސް މަސް ގަންނަ އަގު ދެން ކުޑަނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"މިހާރު އަގު އެހެރެވަރުން އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެ. ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް 20ރ.އަށް ވުރެ މަސް ކިރުވާ އަގު ކުޑައެއް ނުކުރާނަން. މި އަގުގައި ހިފަހައްޓައިގެން އަޅުގަނޑުމެން ދާނީ،" ޝިޔާމް ވިދާޅުވި އެވެ. 

ދެކުނަށް މަސްވެރިކަން ރަނގަޅުވި ދުވަސްވަރުގައި މިފްކޯގެ ބޯޓެއް މަސްކިރުވުމުގައި ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން އާމްދަނީގެ ގޮތުގައި މިފްކޯއަށް ލިބުނީ 395 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދެވިއްޖެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި: 

  • ކުރީގެ ސަރުކާރުން މަހުގެ އަގު ބޮޑު ކުރީ ނުބައި ހިސާބުތަކެއްގެ މައްޗަށް ބަލާފައި

  • މަހުގެ އަގު ބޮޑުކުރަން އާ މާކެޓްތައް ހޯދި ކަމަށް ބުނި ނަމަވެސް އެކަން އެގޮތައް އަމަލީ ގޮތުން ހިނގާފައެއް ނުވޭ 

  • މިފްކޯއިން ބޭރަށް ކިރާ މަހުގެ %6 އަކީ ނުކުރި އުކާލަން ޖެހޭ ނުވަތަ ގެއްލުންވާ މަސް؛ އެބައި ކުޑަކުރުމަށް އިސްލާހީ ބަދަލުތައް ގެންނާނެ

  • ރާއްޖޭގެ މަސް ގަންނާނޭ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވި

މިނިސްޓަރު ޔަގީންކަން ދެއްވި ގޮތުގައި މިފްކޯގެ ހިންގުމަށް ގެންނަ ބަދަލުތަކާ އެކު  ސަރުކާރުން ފައިސާ ނުދީ މިފްކޯއަށް ލިބޭ އާމްދަނީއަކުން މިފްކޯ ހިންގޭނެ އެވެ. އަދި އެކަމަށް ޓަކައި މިފްކޯގެ މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުން ފަދަ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް