މަންޓާ އެއާ އިން އިންޑިއާގެ ބެންގަލޫރުން ދާލު އެއާޕޯޓަށް ސީދާ ދަތުރުތައް ފެށުން (ފޮޓޯ/މަންޓާ އެއާ)

މަންޓާ އެއާ

މަންޓާ އިން ދ. އެއާޕޯޓު އިންޑިއާގެ ބެންގަލޫރާ ގުޅުވާލައިފި

މަންޓާގެ ބައިނަލްއަގުވާމީ ފްލައިޓް ބެންގަލޫރުން ދާލު އެއާޕޯޓަށް ދަތުރުކުރީ މިއަދު

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާ އިން އިންޑިއާގެ ބެންގަލޫރާއި ދ. ކުޑަހުވަދުއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓަށް މިއަދު އިންޑިއާގެ ބެންގަލޫރުން މަންޓާ އެއާގެ ފުރަތަމަ ފްލައިޓު ވަނީ ބާއްވައިފަ އެވެ.

މިއީ ދާލު އެއާޕޯޓުން ރާއްޖޭން ބޭރަށް ސީދާ ދަތުރުތައް ކުރާ ފުރަތަމަ ފަހަރެވެ.

މަންޓާ އެއާގެ ބޯޓެއް. (ފޮޓޯ/މަންޓާ އެއާ)

ތަފްސީލް - މި ދަތުރުތަކާ ގުޅޭ ގޮތުން މީގެ ކުރިން މަންޓާ އެއާއިން ބުނީ ބެންގަލޫރުން ދާލު އެއާޕޯޓަށް ސީދާ ދަތުރުތައް ފެށުމުން ޓޫރިސްޓުން ރިސޯޓުތަކަށް ދާން ކުރަން ޖެހޭ ދަތުރުގެ ވަގުތު ސަލާމަތްވާނެ ކަމަށެވެ. 

މިހާރު އިންޑިއާގެ ޓޫރިސްޓުން މުޅިން ވެސް ދަތުރުކުރަނީ ފުރަތަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށެވެ. 

މިއީ ދ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓުތަކަށް ދާ ފަތުރުވެރިންނަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ވެސް މަންޓާއިން ބުންޏެވެ.

ދ. އަތޮޅުގައި ހިންގާ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ކަނޑިންމަ ރިސޯޓަކީ މަންޓާ އެއާލައިނާ ގުޅިފައިވާ ރިސޯޓެކެވެ.

ބެންގަލޫރަށް މަންޓާ އެއާ އިން ދަތުރު ފެށި އިރު އިންޑިއާއަކީ މިވަގުތު ފަސް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ މާކެޓެވެ. 

އޭގެ އިތުރުން

  • ބެންގަލޫރަކީ ބޭސްފަރުވާ އަށާއި މަތީ ތައުލީމަށް އަދި ޗުއްޓީއަށް ގިނަ އަދަދެއްގެ ދިވެހިން ވެސް ދަތުރުކުރާ މަންޒިލެއް

މަންޓާ އެއާ:

  • ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ އަމިއްލަ އެއް އެއާލައިން 

  • އެ އެއާލައިނުން ސީޕްލޭން ދަތުރުތަކާއި އެތެރޭގެ އުދުހުންތައް ކުރޭ

  • އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަނީ އޭޓީއާރު 600-72 މަރުކާގެ ބޯޓު

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެއަށް އާންމުކޮށް ފަތުރުވެރިން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށެވެ.

މީގެ ކުރިން ހދ. ހަނިމާދޫ އެއާޕޯޓާއި އިންޑިއާގެ ޓްރެވިންޑްރަމް އަދި ކޮޗިންއާ ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަން އިން ސީދާ ދަތުރުތައް ކުރި އެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އިން ސީދާ ދަތުރުތައް ކުރާއިރު، ދާލު އެއާޕޯޓުން އިންޑިއާއަށް ސީދާ ދަތުރުތައް ފެށުމަކީ މެދު ރާއްޖެތެރެ އާއި ރާއްޖޭން ބޭރުގެ ގައުމަކާ ސީދާ ދަތުރުތަކުން ގުޅާލެވޭ ފުރަތަމަ ފަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް