ބިދޭސީ މަސައްކަތްތެރިން ކާޑު އުފުލަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ސަބްސިޑީ ނިޒާމް ބަދަލުކުރަން ރައީސް ވައުދުވެ ވަޑައިގެންފި
އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ލިބޭގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީ އާ އަޅާ ބަލާއިރު ހަރަދުތައް އިތުރުވުމަކީ ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.
އެއާ އެކު ހަރަދު ކުޑަކުރަން ފިޔަވަޅުތައް އެޅުން މަޖުބޫރުވެފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
"މިގޮތުން، ޒަމާނުއްސުރެ ސަބްސިޑީގެ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތް ބަދަލުކޮށް، ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ދެވޭ އެއްޗަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލުކުރާނަން. ފޯރުންތެރިކަން ހުރި ފަރާތްތަކާއި އެންމެ ނިކަމެތި ފަރާތްތަކާ އެއްހަމައަކުން ވަޒަންކޮށްގެން ސަބްސިޑީ ދެމުން ގެންދިއުމުގެ ނަތީޖާއަކަށް ވެފައިވަނީ، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވާން ސަރުކާރަށް އޮންނަ މާލީ ޖާގަ ހަނިވުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާސަންދަ ނިޒާމަށް ވެސް ކުރިމަތިވެފައިވާ އެއް ގޮންޖެހުމަކީ މިއީ ކަމަށެވެ.
އާސަންދަ އަކީ ހުރިހާ ދިވެހިންނަށް ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމަށް ހިންގާ ނިޒާމެއް ނަމަވެސް، އެންމެ ފޯރުންތެރިކަން ހުރި ފަރާތްތަކުން ލިބިގަންނަ ހިދުމަތްތަކަށް ވެސް ސަރުކާރަށް ބަރޯސާވާ ގޮތަށް ހަމަޖެހިފައި އޮތުމަކީ މާލިއްޔާއަށް ބުރަ ބޮޑުވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ނިޒާމު މިހާރު އެކުލަވާލެވިފައިވާ ގޮތުން، އިސްރާފު ވެސް މިވަނީ އިންތިހާއަށް އިތުރުވެފައި. ވީމާ އާސަންދަ ނިޒާމަކީ ވެސް އޭގެ ހައްގުވެރި ފަރާތްތަކަށް އިސްކަންލިބޭ ނިޒާމަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން. މި ބަދަލާ އެކު މާލިއްޔާއަށް ލިބޭ ޖާގައިން، ސިއްހީ ފަރުވާގެ ފެންވަރު އިތުރުކޮށް، މިހާރު މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން އަޅުގަނޑުމެންނަށް ފިސްކަލް ޖާގަ ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ގުޅުން ހުރި - އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ލިބޭގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވި އިރު، އެންމެންނަށް ލިބޭ ގޮތަށް މިހާރު އޮތް ސަބްސިޑީ ދިނުމުގެ ސިޔާސަތު ބަދަލުކޮށް، އަންނަ ޖުލައިން ފެށިގެން ބޭނުން ޖެހޭ މީހުންނަށް އެކަނި ސަބްސިޑީ ދޭން ފަށަން މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.