ސްޓެލްކޯ އިމާރާތް: ތެޔޮ އަދި ކަރަންޓު ސަބްސިޑީ އުވާލައި ބޭނުން ޖެހޭ މީހުންނަށް އެކަނި ލިބޭ 'ޑައިރެކްޓު ސަބްސިޑީ'އެއް ތައާރަފު ކުރަން ވަނީ ނިންމާފައި. (ދައުރު ފައިލް ފޮޓޯ)
ޖުލައިން ފެށިގެން ސަބްސިޑީ ދޭނީ ބޭނުންޖެހޭ މީހުންނަށް އެކަނި؛ %3.9 އިން އަގުތައް އުފުލޭނެ: ބަޖެޓް
އެންމެންނަށް ލިބޭ ގޮތަށް މިހާރު އޮތް ސަބްސިޑީ ދިނުމުގެ ސިޔާސަތު ބަދަލުކޮށް، އަންނަ ޖުލައިން ފެށިގެން ބޭނުން ޖެހޭ މީހުންނަށް އެކަނި ސަބްސިޑީ ދޭން ފަށަން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ. އެއާ އެކު، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އެވްރެޖުކޮށް %3.9 އިން އުފުލޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އެނގުން މުހިއްމު - އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަބްސިޑީ ސިޔާސަތަށް އެ ބަދަލު ގެންނަން ކަނޑައަޅައި 2.2 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. އެ ފިޔަވަޅުތައް ނާޅައިފި ނަމަ، ސަބްސިޑީއަށް 3.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ތަފްސީލް - ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުން، އެންމެންނަށް ލިބޭ ގޮތަށް އޮންނަ 'އިންޑައިރެކްޓް ސަބްސިޑީތައް' އަންނަ އަހަރު އުވާލަން ވަނީ ރާވައިފަ އެވެ. އެގޮތުން، ދައުލަތުގެ ހަރަދު ކުޑަކުރަން އަޅަން ރާވާފައިވާ އެންމެ ބޮޑު ފިޔަވަޅަކީ ވެސް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ދޭ އެހީ އާއި ސަބްސިޑީތައް ދިނުމުގެ އުސޫލަށް ގެންނަން ނިންމާފައިވާ ބަދަލުތަކެވެ.
ބަޖެޓުގައިވާ ގޮތުން:
-
ތެޔޮ އަދި ކަރަންޓު ސަބްސިޑީ އުވާލައި ބޭނުން ޖެހޭ މީހުންނަށް އެކަނި ލިބޭ 'ޑައިރެކްޓު ސަބްސިޑީ'އެއް ތައާރަފު ކުރަން ވަނީ ނިންމާފައި
-
މިހާރު ހުރިހާ އެންމެންނަށް ކަރަންޓާއި ނަރުދަމާ އަދި ތެލާއި ކާޑުގެ ސަބްސިޑީ ދޭ ގޮތަށް އޮންނަ އޮތުމަށް ބަދަލު ގެނެސް، އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރަށް ބަލައިގެން ޓާގެޓެޑް ސަބްސިޑީއެއް ދޭން ވަނީ ނިންމާފައި
-
އާސަންދައިގެ ތެރެއިން ހޯދާ ހިދުމަތްތައް ވެސް ޓާގެޓިން ނިޒާމާ ގުޅުވައި އާސަންދަ ކަވަރޭޖަށް ބަދަލު ގެންނަން ވެސް ނިންމާފައިވޭ
-
މި ބަދަލުތައް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައިން ފެށިގެން
ފަސްމަންޒަރު - މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ސަބްސީޑީއަށް މި ފަދަ ބަދަލުތަކެއް ގެންނަން ހިމަނާފައިވެ އެވެ. ނަމަވެސް، އެއިން އެއްވެސް ފިޔަވަޅެއް ތަންފީޒުނުކުރެވި، ސަބްސިޑީތަކަށް ކުރާ ހޭދަ ބަޖެޓުން ވެސް ބޭރުވެ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިގެން އެ ހަރަދުތައް ހަމަޖައްސަން މިހާރު ވަނީ ޖެހިފަ އެވެ.