ބިދޭސީ މަސައްކަތްތެރިން ކާޑު އުފުލަނީ. ކާޑުގެ ބާވަތްތަކުގެ އިތުރުން ތެލާއި ކަރަންޓާއި ނަރުދަމާގެ ސަބްސިޑީ އުވައިލަން 2024އަށް ލަފާކުރާ ބަޖެޓުގައި ވަނީ ހިމަނާފައި. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ބޭނުން ޖެހޭ މީހުންނަށް އެކަނި ސަބްސިޑީ ދޭން އާ ސަރުކާރުގެ ރުހުން އެބައޮތް: މިނިސްޓްރީ
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ ދައުލަތުގެ ބަޖެޓުގައި މިހާރު ސަބްސިޑީ ދެމުން އަންނަ އުސޫލު ބަދަލުކޮށް، އެންމެ ބޮޑަށް ބޭނުންޖެހޭ މީހުންނަށް އަމާޒުކޮށްގެން ސަބްސިޑީ ދޭ ގޮތަށް ބަދަލުކުރުމަށް ހިމެނީ އިންތިހާބީ ސަރުކާރުގެ ޓްރާންސިޝަނަލް ކޮމެޓީގެ ރުހުމާ އެކުގައި ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން އިއްޔެ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފަ އެވެ. އެ ބަޖެޓުގެ ވެސް ފިސްކަލް ސިޔާސަތުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓެކޭ ވެސް އެއްފަދައިން، ފިސްކަލް ހިރާސްތައް ކުޑަކުރުމަށާއި ދަރަނި ކުޑަކޮށް، ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށެވެ.
-
އިތުރަށް ކިޔާލަން - އަންނަ އަހަރަށް 49.5 ބިލިއަންގެ ބަޖެޓެއް މަޖިލީހަށް ފޮނުވައިފި
ބުނީ ކީކޭ؟ - ބަޖެޓާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރަން އިއްޔެ ފިނޭންސް މިނިސްޓްރީން ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ މި ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުން ގެންނަން ބޭނުންވާ ބަދަލުތަކާއި ސިޔާސަތުތައް، ބަޖެޓަށް ހާއްސަކޮށް އެކުލަވައިލި ޓްރާންސިޝަނަލް ކޮމެޓީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ، މިހާރު އެންމެންނަށް ލިބޭ ގޮތަށް ދެމުން އަންނަ އިންޑައިރެކްޓް ސަބްސިޑީތައް އުވާލައި ޑައިރެކްޓް ނުވަތަ ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމެވެ.
"ބަޖެޓު ޕްރެޒެންޓު ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް... ޓްރާންސިޝަން ކޮމެޓީގެ ބްލެސިން އެބައޮތް ފިސްކަލް ސްޓްރެޓަޖީ ކުރިއަށްގެންދަން،" ސަރުވަޝް ވިދާޅުވި އެވެ.
ތަފްސީލު - މިހާރު އިންޑައިރެކްޓް ސަބްސިޑީގެ ގޮތުން ކަރަންޓާއި ތެލާއި ކާޑު އަދި ނަރުދަމާގެ ސަބްސިޑީ އުވައިލަން ބަޖެޓުގައި ހުށަހަޅާފައި އޮތީ އަންނަ އަހަރުގެ ޖުލައިން ފެށިގެންނެވެ.
އެ ސަބްސިޑީތައް އުވާލުމަށް ފަހު، އޭގެ ބަދަލުގައި ޓާގެޓަޑް ބޭސިކް އިންކަމްއެއް ދިނުމަށް 600 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.
އިންޑައިރެކްޓް ސަބްސިޑީ އުވާލުމުގެ ސަބަބުން ފަގީރުކަން ކުރިމަތިވާނެކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވީ ޓާގެޓަޑް ބޭސިކް އިންކަމް އަކީ އެ ކަމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
"އެހާ ބޮޑު ސަބްސިޑީއެއް ދެމުން އަންނަ އެއްޗެއް ކުއްލިއަކަށް މާކެޓަކަށް ބަދަލުކުރީމަ އަންނާނެ ޕަވަޓީ [ފަގީރުކަން]. އެއީ ހުރިހާ ގޭބިސީތަކަށް ފަސޭހަވާނެ ކަމެއް ނޫން. އެހެންވެ ޓާގެޓަޑް ބޭސިކް އިންކަމް ސެޓުކޮށްފައިވާނީ ރާއްޖޭގެ އާބާދީ %65 ޕޮޕިއުލޭޝަނަކަށް އޭގެ ނެޓް ބެނިފިޓް އަންނާނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ޓާގެޓަޑް ބޭސިކް އިންކަމް ދޭން މިހާރު ރާވާފައިވާ އަދި ހުށަހަޅާފައިވާ ގޮތަކީ، އޭނާ ވިދާޅުވި ގޮތުގައި:
-
ސަބްސިޑީ ލިބޭނީ އާބާދީގެ %65އަށް؛ އެއީ ގޭބިސީތަކުގެ %50
-
އާބާދީގައި އެންމެ މުއްސަނދި %35 މީހުން، ބިދޭސީން ރިސޯޓުތައް އަދި ވިޔަފާރިތަކަށް ވެސް މި ސަބްސިޑީ ނުލިބޭނެ
މި ބަދަލާ އެކު ތަކެތީގެ އަގު އުފުލި، އިންފްލޭޝަން ރޭޓު %3.9އަށް އުފުލޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވާއިރު، ސަރުވަޝް ވިދާޅުވީ އެއީ 'ވަން-އޮފް' ނުވަތަ އެއްފަހަރު ކުރިމަތިވާނެ އަސަރެއް ކަމަށެވެ.
"ކޮންމެ އިރަކު ކުރި ކަމުގައި ވިޔަސް އިންފްލޭޝަން އަންނާނެ. އިންފްލޭޝަން ނާންނަ ވަގުތަކަށް މިކަމެއް ނުކުރެވޭނެ. "ކޮންމެ ގޮތެއް ވިޔަސް [އިންފްލޭޝަން] އެއީ އަޅުގަނޑުމެން ދައްކަން ޖެހޭ ކޮސްޓެއް، އެއް ފަހަރު،" އޭނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން، ޑައިރެކްޓުކޮށް ސަޕޯޓު ކުރަން ޖެހުނީމަ 600 މިލިއަން ރުފިޔާ އިތުރަށް ބަޖެޓަށް ހަރަދުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ސޭވް ކުރެވޭ ނެޓްކޮށް 2.5 ބިލިއަން ރުފިޔާ."