31 އޮކްޓޯބަރު 2022: ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2023 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅި ޖަލްސާގެ ތެރެއިން (ފޮޓޯ/ މަޖިލިސް)
އަންނަ އަހަރަށް 49.5 ބިލިއަންގެ ބަޖެޓެއް މަޖިލީހަށް ފޮނުވައިފި
އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީއިން ފޮނުވާފައިވާ ބަޖެޓުގެ ޖުމްލައަކީ 49.5 ބިލިއަން ރުފިޔާ ކަމަށް ފިނޭންސުން ހާމަކޮށްފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިހާރު މަޖިލީހަށް ފޮނުވާފައިވާކަން ހާމަކުރަމުން ފިނޭންސުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ބަޖެޓް މަޖިލީހަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ބުނީ އެ ބަޖެޓުގެ ޖުމްލައަކީ 49.5 ބިލިއަން ރުފިޔާ ކަމަށާއި އެ ބަޖެޓުގެ ތަފްސީލްތައް ފަހުން ހާމަކުރައްވާނޭ ކަމަށެވެ.
ގުޅުން ހުރި - މިއަދު މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅަން ތާވަލްކުރި ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ އިތުރު ކަމަކަށް ޖަލްސާ ނުބޭއްވޭނޭ ކަމަށް އެޓާނީ ޖެނެރަލް ލަފާދެއްވާފައި ވާތީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބަޖެޓް ހުށަހަޅަން ޖަލްސާއަށް ވަޑައިނުގެންފަ އެވެ.
އެނގުން މުހިންމު - މި އަހަރަށް މަޖިލީހުން ފާސްކޮށްދީފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ފިނޭންސުން މިހާރު ވަނީ އެ ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާ އިތުރުކުރަން ހުށަހަޅާފައި ކަމަށްވުމުން މިއަހަރުގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
މިއީ މި ސަރުކާރުން ހުށަހަޅާނޭ އެންމެ ފަހު ބަޖެޓެވެ. އަދި މި ބަޖެޓަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވުމާ އެކު އެކުލަވާލި ބަޖެޓެކެވެ.
ފާހަގަކޮށްލެވޭ - ފިނޭންސް އެކުލަވާލާފައިވާ ހަރަދާއި އާމްދަނީގެ ސިޔާސަތު ރިޕޯޓް ނުވަތަ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައި ލަފާކޮށްފައި އޮތީ އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަން ރުފިޔާއަށް އަރާނޭ ކަމަށެވެ. އެހެން ނަމަވެސް އިންތިހާބީ ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ބަޖެޓް 49 ބިލިއަން ރުފިޔާގައި ހިފަހައްޓާށެވެ.