އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވާހަަކަ ދައްކަވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)
ރައީސް މުއިއްޒުގެ އަމާޒަކީ 12 ބިލިއަން ޑޮލަރުގެ އިގުތިސާދެއް: ސައީދު
ރައީސް މުހައްމަދު މުއިއްޒުގެ އަމާޒަކީ 6 ބިލިއަން ޑޮލަރުގައި މިހާރު އޮތް ރާއްޖޭގެ އިގުތިސާދު 12 ބިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ މިންވަރަށް ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ އެ އަމާޒަށް ވާސިލްވާން އަހަރެއްގެ މައްޗަށް 4 މިލިއަން ނުވަތަ 5 މިލިއަން ޓޫރިސްޓުން ގެންނަން ޖެހޭ ކަމަށެވެ.
ތަފްސީލް- "ހަ ބިލިއަން ޑޮލަރު ލިބޭއިރު، އަހަރުން އަހަރަށް ގާތްގަނޑަކަށް %4ގެ ގްރޯތެއް [ކުރިއެރުމެއް] އަޔަސް އަޅުގަނޑުމެންނަށް މި ހިސާބުތައް ބުނެދެނީ 12 ބިލިއަނަށް ޖީޑީޕީ ޖެއްސުމަށްޓަކައި ގާތްގަނޑަކަށް 4 މިލިއަން ނުވަތަ 5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނެވެން ޖެހެޔޭ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމީ އުފެއްދުންތެރިކަމާއި ޓޫރިސްޓުން އަންނަ އަދަދާ އޮންނަ ގުޅުން، ފަންނީ ހިސާބުތަކުން ދައްކާ ގޮތުން، %95 އެކިޔުރޭޓު އެވެ.
"އެ ހިސާބު ބުނަނީ މި ޑެސިޝަން [ނިންމުން] ރައީސް އަރިހު ނަންގަވަން ޖެހެޔޭ. ރައީސް ގެނެސްދެއްވާ ތަސައްވުރަކީ ވަރަށް ފުޅާ ދާއިރާއެއްގައި އެމަނިކުފާނު ވިސްނަވައިގެން އިންޑްސްޓްރީ އިން، އިންޑަސްޓްރީގެ ޝަކުވާގައި، އެއާލައިންތަކުގެ ޝަކުވާގައި، ކާގޯ އިންޑަސްޓްރީގެ ޝަކުވާގައި އެ ބުނާ ވާހަކަތަކުގެ ހައްލު،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭން ޖެޓް ފިއުލް ގަންނަން ލިބުން އަގުބޮޑުކަމަށް ބުނެ އެއާލައިންތަކުން ކުރާ ޝަކުވާ އަށް މި ޕްރޮޖެކްޓުން ހައްލު އަންނާނެ ކަމަށެވެ. އޭގެ އިތުރުން ކާގޯ އެތެރެކުރުންް މައްޗަށް ޖެހި 'ވިޒިޓާ ބޭސްޑް އިކޮނޮމީއެއް' ފުޅާކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓުން ޓްރާންސިޓް މާކެޓެއް ރާއްޖޭގައި އުފެދުމަށް ވަރަށް ބޮޑު ފަހި ފުޅާ ފުރުސަތުތަކެއް ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޔުނީކް ސެލިން ޕޮއިންޓު ކަމަށްވާ 'ސަން، ސޭންޑް އެންޑް ސީ' ގެ އިތުރުން ޓްރާންސިޓް މާކެޓުގައި ވާދަވެރިންނަށް ނެތް އެޑްވާންޓޭޖުތައް ރާއްޖެއަށް ލިބޭނެކަން ސައީދު ފާހަގަކުރެއްވި އެވެ.
އިތުރަށް ކިޔާލަން: