
ހޮޓެލް ޖެންގައި މަސީ އާއި އެންއެފްއެމްއީއިން ބޭއްވި ރަސްމިއްޔާތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސެން ސުނޭން)
އެއާޕޯޓު މަޝްރޫއަށް ޔޫއޭއީ އިން އެހީ ދިނީ އަޅުގަނޑު ހުށަހަޅައިގެން: މުއިއްޒު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު ނިންމަން ބޭނުންވާ ފައިސާގެ ތެރެއިން ޔޫއޭއީ އިން ދޭން ނިންމި 80 މިލިއަން ޑޮލަރަކީ (1.2 ބިލިއަން ރުފިޔާ)އަކީ ސީދާ އެމަނިކުފާނުގެ ހުށަހެޅުމަކަށް ދޭން ނިންމި ފައިސާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެެއް؟ - މިދިޔަ ހަފްތާގައި އިންތިހާބީ ރައީސް ވަނީ ޔޫއޭއީއަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން ވީއައިއޭގެ އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދޭނެ ކަމަށް ޔޫއޭއީ އިން މުއިއްޒަށް ޔަގީންކަން ދެއްވާފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ވަނީ ބުނެފަ އެވެ.
ތަފްސީލް - އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ އެއާޕޯޓު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އަބޫދާބީ ފަންޑުގައި މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް އެ ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އެ ފަންޑުން ދީފައިވާ ކަމަށެވެ.
އެއާޕޯޓު މަޝްރޫއު ދިގުލައިގެންގޮސް، ޑިޒައިނަށް ގެނައި ބަދަލުތަކާ އެކު، އެ މަޝްރޫއު ނިންމުމަށް އިތުރަށް 79.80 މިލިއަން ޑޮލަރު ހޯދަން ޖެހޭ ކަމަށާއި މުއިއްޒުގެ އެދިވަޑައިގަތުމަށް އިޖާބަދެއްވައި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީން) 80 މިލިއަން ޑޮލަރު ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ފިރުޒުލްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޔޫއޭއީން ދޭނެ ކަމަށް ބުނެފައިވާ 1.2 ބިލިއަން ރުފިޔާ އަކީ އިބްރާހީމް މުހަންމަދު ސޯލިހުގެ ސަރުކާރުން ކުރި މަޝްވަރާތަކުން ހަމަޖެހިފައިވާ ފައިސާ ކަމަށެވެ.
އެއާޕޯޓު މަޝްރޫއަށް އިތުރަށް ބޭނުންވާ ފައިސާ ސޯލިހުގެ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި މި އަހަރާއި މިދިޔަ އަހަރު ވެސް ޕްރޮޖެކްޓަށް ފައިނޭންސް ކުރާ ފަރާތްތަކާ ބައްދަލުކޮށް، ސިޓީ ފޮނުވައި މަޝްރޫއު ނިންމަން ބޭނުންވާ ފައިސާގެ ތަފްސީލު ހިއްސާކޮށްފައިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ބުނީ ކީކޭ؟ - އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިއަދު ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ އެ ފައިސާ އަކީ ސީދާ އެމަނިކުފާނު އަބޫދާބީ ސަރުކާރުގެ ވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި އެމަނިކުފާނު ހުށަހަޅުއްވައިގެން އެބޭފުޅުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
"އެއީ އެ ބައްދަލުވުމުގައި ހުށަހެޅި ނިމުނު ކަމެއް. އޭގެ ކުރީގައި އެއްވެސް ކަމެއް ނިމިފައި އޮތް ކަމެއް ނޫން. އަޅުގަނޑު އެ ބޭފުޅުންގެ ހުއްދަ ހޯދައިގެން މާލެ އައިސްފައި އިއުލާނު ކުރީ ވެސް [ފައިސާ ލިބުނުކަން]. އަޅުގަނޑަށް ދެންނެވިން އިއުލާނު ކުރައްވާށޭ. ކަމާ ބެހޭ އުސޫލުތަކުގެ ތެރެއިން މިހާރު ވެސް އަބޫދާބީ ފަންޑުން އެހީތެރިކަންދޭ އުސޫލުން ތިމަންނަމެން ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ ފައިސާ ދޫކުރާނަމޭ،" މުއިއްޒު ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ ކަމެއް - އިންތިހާބީ ރައީސްގެ އަމާޒަކީ އަންނަ އަހަރުގެ ޓޫރިސްޓު ސީޒަނަށް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފެށުމެވެ. އެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމި ހުރިކަން ފާހަގަ ކުރައްވައި އެމަނިކުފާނު މިއަދު ވިދާޅުވީ އަމާޒު ހިފާފައިވާ ގޮތަށް އެ މަޝްރޫއުގެ މަސައްކަތްތައް ނިންމަވާނެ ކަމަށެވެ.
އެއާޕޯޓްގެ އާ ޓާމިނަލް:
-
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
-
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ
-
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
-
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
-
ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
ކޮމެންޓް (3)
ސެމްބެ
ޝަފިއްޓޭ
މަތީ ކޯޓްގެ ނިންމުން