
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޔޫއޭއީން ދޭ 1.2 ބިލިއަން ހޯދީ މި ސަރުުކާރުން، މުއިއްޒެއް ނޫން: އަމީރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު ނިންމުމަށް ޔޫއޭއީން ދޭނެ ކަމަށް ބުނެފައިވާ 1.2 ބިލިއަން ރުފިޔާ އަކީ މި ސަރުކާރުން ކުރި މަޝްވަރާތަކުން ހަމަޖެހިފައިވާ ފައިސާ ކަމަށް ވިދާޅުވެ، އެ ފައިސާ ހަމަޖެހުނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހަފްތާގައި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދޮގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އިންތިހާބީ ރައީސްގެ އޮފީހުން މިއަދު މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މަޑުޖެހި، ތާރީހުތައް ކައްސާލައިގެން ގޮސްފައިި އޮތް ވީއައިއޭގެ އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ޔޫއޭއީން އިންތިހާބީ ރައީސް މުއިއްޒުއަށް ދެއްވާފައިވާ ކަމަށެވެ.
ތަފްސީލް - ފިރުޒުލްގެ އެ ވާހަކައާ ގުޅިގެން 'ދައުރު'ން ސުވާލުކުރުމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މި ސަރުކާރަށް ޔޫއޭއީން ދީފައިވާ ކަމަށެވެ.
"މީގެ 3-4 ހަފްތާ ކުރިން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު ދިނީ އެއާޕޯޓު ޕްރޮޖެކްޓަށް. އެއާޕޯޓަށް މި އިންވެސްޓު ކުރަނީ އަރަބި ކޯޑިނޭޝަން ގްރޫޕު މެންބަރުން. އޭގައި މި ހިމެނެނީ ސައުދީ ފަންޑާއި ކުވެއިތު ފަންޑާއި އަބޫ ދާބީ ޑިވެލޮޕްމެންޓު ފަންޑާއި އޯޕެކް ފަންޑު،" އަމީރު ވިދާޅުވި އެވެ.
އެއާޕޯޓު މަޝްރޫއަށް އިތުރަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި މި އަހަރާއި މިދިޔަ އަހަރު ވެސް ޕްރޮޖެކްޓަށް ފައިނޭންސް ކުރާ ފަރާތްތަކާ ބައްދަލުކޮށް، ސިޓީ ފޮނުވައި މަޝްރޫއު ނިންމަން ބޭނުންވާ ފައިސާގެ ތަފްސީލު ހިއްސާކޮށްފައިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަބަދުވެސް ކޮމިޓުމެންޓު އަޅުގަނޑުމެންނަށް ދީފައި އޮތީ ގެޕް ފިލްކުރަން،" އަމީރު ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫއޭއީއަށް ދަތުރުފުޅެއް ކުރައްވަން އެ ގައުމުން އެދުނު ކަމަށާއި، ނަމަވެސް ރައީސްގެ މަސައްކަތްޕުޅުތައް ހުރި ގޮތުން އެ ދަތުރުފުޅު ނުކުރެއްވުނީކަން އަމީރު ފާހަގަކުރެއްވި އެވެ.
އެނގުން މުހިންމު - ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.
އާ ޓާމިނަލްގެ ޓައިމްލައިން
-
21 މޭ 2016 - ޓާމިނަލް އަޅަން ސައުދީގެ ބިން ލާދިން ގްރޫޕާ އެކު ސޮއިކުރި
-
1 ނޮވެމްބަރު 2016 - ޓާމިނަލް އަޅަން ބިން ލާދިން ގްރޫޕުން ސާވޭ މަސައްކަތް ފެށި
-
6 އޮގަސްޓް 2018 - އާ ޓާމިނަލްގެ މަސައްކަތް ފަށައި ޝީޓް ޕައިލް ކުރަން ފެށި
-
27 ޖޫން 2019 - އާ ޓާމިނަލްގެ ޑިޒައިންއަށް ބަދަލު ގެނެސް ބިންލާދިންއާ އެކު އަލުން ސޮއިކުރި
-
17 ޑިސެމްބަރު 2019 - މަސައްކަތް އަލުން ފަށައި ފައުންޑޭޝަންގެ މަސައްކަތް ނިންމި
-
20 އެޕްރީލް 2022 - އާ ޓާމިނަލްގެ ފަރުމާތައް ދައްކާލި
އާ ޓާމިނަލްގެ ބައެެއް އުސްއަލިތައް
-
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
-
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ
-
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
-
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
-
ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
ކޮމެންޓް (1)
ދަތިހާލު