
ވެލާނާ އިންޓަނަނޭޝަނަލް އެއާޕޯޓު (ވީއައޭ)، އާ ޓާމިނަލް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އެއާޕޯޓް މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ދޭނެ ކަމުގެ ޔަގީންކަން ޔޫއޭއީން ދީފި: މުއިއްޒުގެ އޮފީސް
މަޑުޖެހި، ތާރީހުތައް ކައްސާލައިގެން ގޮސްފައިި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދޭނެ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދެއްވާފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޔޫއޭއީން މުއިއްޒަށް މި ޔަގީންކަން ދިނީ، އެ މަނިކުފާނު މިދިޔަ ހޯމަ ދުވަހު އެ ގައުމަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާތަކުގަ އެވެ.

ތަފްސީލް - އިންތިހާބީ ރައީސްގެ އޮފީހުން މިއަދު މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ އެއާޕޯޓު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އަބޫދާބީ ފަންޑުގައި މުއިއްޒު އެދިވަޑަައިގެންނެވި ގޮތަށް އެ ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އެ ފަންޑުން ދީފައިވާ ކަމަށެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި، އެއާޕޯޓު މަޝްރޫއު ދިގުލައިގެންގޮސް، ޑިޒައިނަށް ގެނައި ބަދަލުތަކާ އެކު، އެ މަޝްރޫއު ނިންމުމަށް އިތުރަށް 79.80 މިލިއަން ޑޮލަރު ހޯދަން ޖެހެ އެވެ.
"އެ އެދިވަޑައިގަތުމަށް އިޖާބަދެއްވައި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީން) 80 މިލިއަން ޑޮލަރު، އެހެން ގޮތަކަށް ދަންނަވާ ނަމަ، 1.2 ބިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ،" އެއީ ހިލޭ އެހީތޯ ނުވަތަ ލޯނުތޯ ފާހަގަކުރެއްވުމެއް ނެތި ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފައިސާ ހަމަޖެހިގެންދިއުމާ އެކު އެ ލިބިގެންދިޔައީ، މުއިއްޒު ބޭނުންވެވަޑައިގަންނަވާ ގޮތަަށް އަންނަ އަހަރުގެ ޓޫރިސްޓް ޕީކް ސީޒަނަށް މަޝްރޫއު ނިންމައި އެ އެއާޕޯޓު ހުޅުވޭނެ ކަމުގެ ޔަގީންކަމެވެ.
އޭގެ އިތުރުން، ޔޫއޭއީން މުއިއްޒަށް ޔަގީންކަން ދެއްވި ކަންކަމުގެ ގޮތުގައި ފިރުޒުލް ފާހަގަކުރެއްވީ:
-
ބަޖެޓު ސަޕޯޓަަށް އެހީތެރިވާނެ
-
ރާއްޖޭގައި ހިންގުމަށް ރާވާފައިވާ އިގްތިސާދީ އަދި އިޖްތިމާއީ މަޝްރޫއުތަކަށް އެހީތެރިވާނެކަން
އެނގުން މުހިންމު - ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.
އެ ޓާމިނަލް އަވަހަށް ނިންމަން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ސައުދީން ވެސް ވަނީ މިދިޔަ މަހު ނިންމާފަ އެވެ.
އެއާޕޯޓްގެ އާ ޓާމިނަލް:
-
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
-
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ
-
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
-
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
-
ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
ކޮމެންޓް