ފެނަކަ ކޯޕަރޭޝަނުން 8 ނޮވެމްބަރު 2023 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ބަރާބަރަށް ފައިސާ ދެން، ސަޕްލަޔަރުން ހިތްހަމަޖެހޭވަރު ނުވެދާނެ: ސައީދު

ފެނަކައިން އެކި މަސައްކަތްތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ގިނަ ދުވަސް ވެފައިވާ ކަމުގެ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، ސައީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައި
8 ނޮވެމްބަރު 2023
1

ފެނަކަ ކޯޕަރޭޝަނުން އެކި މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކުން ހިތްހަމަޖެހޭ ވަރަށް ފައިސާ ނުދެވިދާނެ ކަމަށާއި އެހެން ނަމަވެސް ދަރަނި ފިލުވުމަށްޓަކައި ކޮންމެ މަހަކު ވެސް އެތައް މިލިއަން ރުފިޔާ ކުންފުނިތަކަށް ދައްކަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މިިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފެނަކައިން އެކި މަސައްކަތްތައް ހަވާލުކުރި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ ކަމުގެ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލައިގައި ޝަކުވާތަކާ އެކު 19 ކޮންޓްރެކްޓަރުން ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް މިދިޔަ އޮގަސްޓު މަހު ބޭއްވިއިރު، ބައެއް ކޮންޓްރެކްޓަރުން ވަނީ ކަންބޮޑުވުންތަކާ އެކު ފެނަކަ އޮފީސް ކުރިމަތީގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން:

ބުނީ ކީކޭ؟ - ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެ ކުންފުނީގެ ވެންޑާޒް ނުވަތަ ސަޕްލަޔަރުންނަށް ފައިސާ ނުދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ކޮންމެ މަހެއްގައި ވެސް، އަބަދު ވެސް ދޭނެ. ބައެއް ފަހަރު އެ ބޭފުޅުން ހިތްހަމަޖެހޭ ވަރަށް ނުލިބި ހުރުމަކީ އެކަށިގެންވާ ކަމެއް،" ސައީދު ވިދާޅުވި އެވެ.

"އެކަމަކު ހިސާބުތަކުން ދައްކާނެ، ކޮންމެ މަހެއްގައި ވެސް އެތައް މިލިއަން ރުފިޔާއެއް އަބަދުވެސް ދެމުން ގެންދަނީ."

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ތަފްސީލު - ފައިސާ ނުދެއްކި ހުރި ބިލުތަކުގެ މުއްދަތާ ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ސައީދު ވިދާޅުވީ މައްސަލައެއް ދިމާނުވާ ބިލުތަކުގެ ތެރޭގައި ހިމެނޭނީ އެއް އަހަރާއި ދޮޅު އަހަރާ ދެމެދުގެ މުއްދަތެއް ދީފައިވާ ބިލުތައް ކަމަށެވެ.

"އެކިއެކި އެގްރިމަންޓުތައް ހުންނާނީ އެކި ގޮތް ގޮތަށް. އެކި މީހުންނަށް އެކި ގޮތްގޮތަށް، އެކި މުއްދަތުތައް ހުންނާނީ،" ސައީދު ވިދާޅުވި އެވެ.

ފެނަކައިގެ ދަރަނި ބޮޑުވުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އިންތިހާބީ ރައީސްގެ އޮފީހުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އެ ކުންފުނީގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 3 ބިލިއަނަށް ވުރެ ބޮޑު އަދަދެއް ސަޕްލަޔަރުންނަށް ދޭން ޖެހޭއިރު، އަތްނުފޯރާ މިންވަރަށް ދަރަނި ބޮޑުވެގެން ގޮސް، އެ ދަރަނި ފިލުވަން ބޮޑެތި އަދަދުތަކުން ލޯނު ނަގަމުން އަންނަ ކަމަށް ވެސް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ:

  • މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ދަރަނި 4.1 ބިލިއަނަަށް އަރާ

  • އޭގެ ތެރޭގައި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހިމެނޭ

  • 1،149 ސަޕްލަޔަރުންނަށް ފައިސާ ނުދައްކާ

  • ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، ނުދައްކާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 958 މިލިއަން ރުފިޔާ ހިމެނޭ

  • ކުންފުނިން ނަގާފައިވާ ލޯނުގެ އަދަދު 901 މިލިއަނަށް އަރާ

ސައީދު ވިދާޅުވި ގޮތުގައި، ފެނަކައިގެ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދު އަރާނީ 1.4 ބިލިއަން ރުފިޔާއަށެވެ.

"ތަކުރާރުކޮށް ބުނެލާނަން، އަބަދުވެސް ކޮންމެ މަހަކު ވެސް އެ ލާރި ދައްކަމުން އަންނަނީ. އެއީ އަޅުގަނޑުމެންނާ އެބައިމީހުންނާ އެއްބަސްވެވޭ މިންވަރަކުން ދައްކަމުން އަންނަނީ،" ސައީދު ވިދާޅުވި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

އިންތިހާބީ ރައީސްގެ އޮފީހުން ފެނަކައާ ބެހޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވާއިރު، ސައީދު ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ އާ ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ އެއްވެސް ކަމެއް މި ދައުރުގައި ހިނގާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތާ ކަންކަން ކޮށްފައި ހުންނާނީ ރާއްޖޭޭގައި ހަދާފައިހުރި ގާނޫނާއި ފެނަކައިން އަމަލުކުރަމުންދާ ޕޮލިސީތަކާ އެއްގޮތަށް،" އޭނާ ވިދާޅުވި އެވެ.

"ނޯންނާނެ އެއްވެސް ކަމެއް، ކަމެއް އުފަންކޮށްގެން ކުރެވިދާނެ ކަމަށް [ފިޔަވަޅު އެޅިދާނެ ކަމަށް] އަޅުގަނޑު މި ބަލަނީ. އެ ނޫން ކަމެއް ނޯންނާނެ."

ކޮމެންޓް (1)

މުޖުތާޒު

8 ނޮވެމްބަރު 2023
ޢެޔެއްއެގޭނީ ދައުރުބަދަލުވީމަ ކުންފުނިތަކުން ޝަކުއާ ހިށަހަޅަންފެށީމަ އެއިރަކުން ސައިދުއަށް ފައިސާދެމޭ ކިޔާފަ ސަލާމަތެއްނުވެވޭނެކަން ހަދާންކުރާތި ދެންބާކީއޮތީ 8 ދުވަސް މިކަން ހަދާންކުރާތި
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް