ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ތުހުމަތުތައް ދޮގުކުރައްވައި ސައީދު ވިދާޅުވީ އިންތިގާލީ އޮފީހަކީ ސަރުކާރު ހިންގާ ތަނެއް ނޫން ކަމަށް

މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނަކައަށް 5،000އަށް ވުރެ ގިނަ މުވައްޒަފުން އަލަށް ވައްދާފައިވާ ކަމަށް އިންތިގާލީ އޮފީހުން ވަނީ ބުނެފައި؛ ސައީދު ވިދާޅުވީ އެއީ އެ ކުންފުނިން އަލަށް ހިންގި މަޝްރޫއުތައް ނިމި، އިތުރުވި ހިދުމަތްތައް ދިނުމަށް ނަގަން ޖެހިގެން ނެގި މުވައްޒަފުން ކަމަށް
8 ނޮވެމްބަރު 2023
4

އިންތިގާލީ އޮފީހަކީ ސަރުކާރު ހިންގާ ތަނެއް ނޫން ކަމަށް ވިދާޅުވެ، އެ އޮފީހުން ފެނަކަ ކޯޕަރޭޝަނާ ބެހޭ ގޮތުން ހިއްސާކުރި މައުލޫމާތުތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މިއަދު ދޮގުކުރައްވައިފި އެވެ.

ވީ ކިިހިނެއް؟ - އިންތިގާލީ އޮފީހުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިިން އެ އޮފީހާ ހިއްސާކުރި މާލީ ހިސާބުތަކަށް ރިއާޔަތްކޮށް ބައެއް މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

އިތުރަށް ކިޔާލަން:

ބުނީ ކީކޭ؟ - ފެނަކައިގެ ދަރަންޏާއި ގިނަ އަދަދެއްގެ މުވައްޒަފުން އެ ކުންފުންނަށް ނެގި ކަމަށް އިންތިގާލީ އޮފީހުން ބުނެފައި ވާއިރު، ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ތުހުމަތުތައް ދޮގުކުރައްވައި ސައީދު ވަނީ އިންތިގާލީ އޮފީހުގެ މަސްއޫލިއްޔަތުތައް ހަނދާން ކޮށްދެއްވާފަ އެވެ.

"އިންތިހާބީ ރައީސްގެ އޮފީހަކީ ސަރުކާރު ހިންގާ އޮފީހެއް ނޫން. އެއީ އަލަށް އިންތިހާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއަށް އިންސްޓިޓިއުޓްތަކާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައި ހުންނަ އަދި މަސައްކަތް ކުރާ އޮފީހެއް،" ސައީދު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ހުސެން ސުނޭން)

'މުވައްޒަފުން އިތުރުވާނެ؛ މިއީ ކަތީބު އިންޖީނުގެ ހިންގި ޒަމާނެއް ނޫން'

އިންތިގާލީ އޮފީހުން ބުނެފައިވާ ގޮތުގައި:

  • 2018 ވަނަ އަހަރު ނިމުނު އިރު ކުންފުނީގައި ތިބީ 2،756 މުވައްޒަފުން

  • މިހާރު އެ ކުންފުނީގައި 8،126 މުވައްޒަފުން އެބަތިބި

  • މިއީ 5،370 މުވައްޒަފުން އިތުރު އަދަދެއް

ސައީދު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ހިންގި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތައް ނިމެމުން އައީ މިދިޔަ އަހަރުގެ މެދުތެރެއިންނާއި މި އަހަރުގެ ކުރީކޮޅުގަ އެވެ. މަޝްރޫއުތައް ނިމުމާ އެކު، އަލަށް އިތުރުވާ ހިދުމަތް ދިނުމަށްޓަކައި އިތުރަށް މުވައްޒަފުން ނަގަން ޖެހޭކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ "މިއީ ކަތީބު އުނދޯލީގައި އިނދެ އިންޖީނުގެ ބަލަހައްޓާ" ޒަމާން ނޫން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

"އެހެންވީމަ ގާނޫނު ލާޒިމުކުރާ ގޮތުން ވެސް އަދި ހިދުމަތް ފޯރުކޮށްދިނުމަށް ވެސް ނަގަން ޖެހޭ މުވައްޒަފުން އެ މުއްދަތުގައި ނަގާނެ. އެއީ އެއްވެސް ހާލެއްގައި އެއީ ސިޔާސީ ބޭނުމަކަށް ނަގާފައި ތިބި މުވައްޒަފުންނެއް ނޫން. އިއްތިފާގަކަށް ވެދާނެ،" ސައީދު ވިދާޅުވި އެވެ.

"ކުރީގައި ރަށު މެދު ތެރޭގައި ހުންނަ ކަތީބު އުނދޯލީގައި އިނދެގެން އިންޖީނުގެ ބެލި ނިޒާމު ފާއިތުވެ ގޮސްފި. އޭރު ކަތީބުގެ އަނބިކަނބަލުންނާއި ގޭގައި އުޅޭ ކުއްޖަކާ އިންޖީނުގެ ބެލެހެއްޓީ. އެހެން ނަމަވެސްމ މިއަދު ރަށް ބޭރަށް އިންޖީނުގެ ބަދަލު ކުރީމަ، ޓެކްނިކަލް ކަމެއް ވީމަ، ޑިއުޓީއަށް އެ ތަނުގައި މުވައްޒަފުން ތިބެން ޖެހޭ، ފެނާއި ނަރުދަމާ ބަލަހައްޓަން މުވައްޒަފުން ތިބެން ޖެހޭ. އައިސް ޕްލާންޓުގެ ޑިއުޓީގައި 24 ގަޑިއިރު ހިދުމަތް ދޭ ނަމަ ތިބެެން ޖެހޭނެ."

މީގެ އިތުރުން، ފެނަކައިން ހިދުމަތް ހޯދުމަށް ފަހު އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދޭ ކަމަށް އިންތިގާލީ އޮފީހުން ބުނާ ވާހަކަތައް ވެސް ސައީދު ވަނީ ދޮގުކުރައްވާފަ އެވެ.

ނަމަވެސް، ފެނަކައިން ދައްކަން ހުރި ފައިސާ ނުދައްކާ ކަމަށް ބުނެ ބައެއް ކުންފުނިތަކުގެ ވެރިން މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފެނަކައިގެ ކުރިމަތީގައި އިހުތިޖާޖު ވެސްކޮށްފައި އެބަހުއްޓެވެ.

ކޮމެންޓް (4)

ހައްވަ

8 ނޮވެމްބަރު 2023
ސަޢީދޫ، ބިލިއަނުން ދަރަނި އަރުވާލާފައި އަދިވެސް ވާހަކަ ދައްކަނީ!!! ވައި ސަރީ އަނގަ އޮތިއްޔާ ކާޅެއް ނުކާނެދޯ. ހަޔާތުގެ ކަންފުޅެއްވެސް ނެތީދޯ؟
2 0

އައިޖޭ

8 ނޮވެމްބަރު 2023
ސައީދޫ،، ހާހަކަށް ވުރެ ގިނަ ކުދި ކުނފުނި ތައް ވިދިއްޖެ އޭ، ފެނަކަ އިން ބިލަށް ޕޭނުކޮށްގެން... ލިސްޓެއް އާންމު ކޮށްލާފަ ސައީދު ތިޔަ ހަދާ ރިސޯޓް ނޯޓިސް ބޯޑަށް އަރުވަން ތަ؟؟
2 0

ސަނައްޓޭ

8 ނޮވެމްބަރު 2023
ކަލެއޭ އުޅުނީ ފެނަކަ އަކީ ސަރުކާރު ހިންގާ ތަނަކަށް ހަދައިގެން، ހަޔާތްކުޑަ ކަމުން އެބަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައޭ އެބަ
3 1

ސައަީދު

8 ނޮވެމްބަރު 2023
އާ 24 ގަޑިއިރު ހިދުމަތް ދެންޔާ ތިބުނީ ކޮންމެ ސްޕަވަިއިޒަރަކަށް މެނޭޖަރެއްލާފަ، ކޮންމެ މެނޭޖަރަކަށް ބައްޕަ މެނޭޖަރެއް ލުންތަ؟ 💀💀 ފެނަކައިގަ ރާއްޖޭގަ ޕޮލިހާ ސިފައިންގެ ޓޯޓަލް އަށްވުރެން ގިނަ މީހުން. ބަލަ އެވެސް 24 ގަޑިއިރު ތިޔަށްވުރެން ހަރޑްކޮން ޑިއުޓީކުރާބައެކޭ 😂😂🤡🤡
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް