ހޯރަފުށީ ދާއިރާ މެންބަރު އަހްމަދު ސަލީމް ސައްލެ) ޖިލިސް ޖަލްސާއެްގައި ވާހަކަ ދައްކަވަނީ. ފޮޓޯ | މަޖިލިސް
ސަލީމްގެ ހުށަހެޅުން: ޓޫރިޒަމް ފުޅާކުރަން އުތުރާއި ދެކުނަށް 10 އަހަރަށް ޑިއުޓީ މައާފްކޮށް، ޓެކްސްގެ %50 ކަނޑާލުން
ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައި ނުވާ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި އެ ސިނާއަތް ފުޅާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެ އަތޮޅުތަކަށް 10 އަހަރުގެ މުއްދަތަކަށް އިމްޕޯޓް ޑިއުޓީ އެއްކޮށް ކަނޑާލައި ޓެކްސްތަކުގެ %50 ވެސް އުނިކުރަން ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ސަލީމް މިއަދު އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - ސަލީމް އެ އިސްލާހު ހުށަހެޅުއްވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ފެށި، ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުގެ ހުށަހެޅުމަކީ، މި ދެންނެވި [ހއ. އަތޮޅުން ފެށިގެން ށ. އަދި ހުވަދު އަތޮޅުން ފެށިގެން އައްޑޫގެ] ސަރަހައްދުތަކަކަށް، ފަތުރުވެރިކަމުގެ ދާއިރާގެ އިންސްވެސްޓަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ލުއި ދިނުމުގެ ގޮތުން [އަދި] ހިތްވަރު ދިނުމުގެ ގޮތުން، ޑިއުޓީ މައާފް ކުރާ 10 އަހަރުގެ މުއްދަތެއް ކަނޑައެޅުމަށް،" ސަލީމް ވިދާޅުވި އެވެ.
"އެއާ އެކު، މި ދެންނެވި 10 އަހަރުގެ މުއްދަތު ތެރޭގައި ޓުރިޒަމް ދާއިރާއިން ނެގޭ އެކިއެކި ޓެކްސްތަކުން %50 ލުއިކޮށްދިނުމަށް."
ތަފްސީލު - އެ ހުށަހެޅުންތައް ހުށަހެޅުއްވުމުގެ ކުރިން، އޭނާ ވާހަކަ ދެއްކެވީ، މިހާރު ހުރި ބޮޑެތި ޓެކްސްތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން އެ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ނުކުރެވެނީ މައިގަނޑު ދެ ސަބަބަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ:
-
މާލެ އާއި އެ އަތޮޅުތަކާ ދެމެދު ދަތުރުފަތުރުގެ އަގު އިންތިހާއަށް ބޮޑުވުން؛ އޭގެ ސަބަބުން ފަތުރުވެރިން އެ ސަރަހައްދުތަކަށް ދިޔުމަށް ފަސްޖެހުން
-
މާލެއެކޭ އެއް އަގެއްގައި ހުރިހާ ސަރަހަދަކަށް ޓެކްސް ނެގުމުގެ މައްސަލަ؛ މާލެ ސަރަހައްދަށް ނަގާ ޓެކްސް، ފަތުރުވެރިކަން ކުޑަކޮށް ތަރައްގީވެފައިވާ ތަންތަނުން ނެގުމުން، އިންވެސްޓަރުން އެ ސަރަހައްދަކަށް އިންވެސްޓުކުރުމުގެ ޝައުގު ކުޑަ
ސަލީމް ފާހަގަކުރެއްވި ގޮތުގައި، މުޅި ރާއްޖެއަށް އެއް ހަމައެއްގައި ޓެކްސް ނެގުމުގެ ސަބަބުން މާލެ ސަރަހައްދުގައި ރިސޯޓެއް ހެދުމަށް ހިނގާ ހަރަދަށް ވުރެ، އުތުރާއި ދެކުނުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ހިނގާ ހަރަދު ބޮޑެވެ.
"ރިސޯޓެއް ހެދުމުގެ ނިޔަތުގައި ރަށެއް ހޯދި ކަމުގައި ވިޔަސް، އެ ރަށެށް ތަރައްގީކުރުމުގެ ހަރަދު އިންތިހާއަށް ބޮޑުވެގެން ދާތީވެ، 13، 14، 15، 16 އަހަރު ވީއިރު ވެސް ނެހެދި ހުރި ކިތަންމެ ރަށެއް އެބަހުރި،" ސަލީމް ވިދާޅުވި އެވެ.
"މި ހުރިހާ ޓެކްސްތަކާ އަދި އޮޑިދޯނިފަހަރުގެ ނާލާއި އެއްގަމު އުޅަނދުފަހަރުގެ ނާލު ލީމަ، މާލޭގައި 10ރ.އަށް ވިއްކާ ކޯކު ފުޅިއެއް، ހއ. ކެލާ ގެސްޓުހައުސެއްގައި 10ރ.އަށް ވިއްކާނީ ކިހިނެއްތޯ؟"
އުތުރާއި ދެކުނުގައި ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި މި ވެރިކަމުގެ ކުރީކޮޅު ވަނީ އެ ސަރަހައްދުގެ ބިމު ކުލި ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. ނަމަވެސް ސަލީމް ދެކެވަޑައިގަންނަވާ ގޮތުގައި، އެ ތަންތަނުގައި ޓޫރިޒަމް ފުޅާ ކުރުމަށް އެއީ އަދި ފުދޭ މިންވަރެއް ނޫނެވެ.
ސަލީމް ހުށަހެޅުއްވި ގޮތަށް ޓެކްސްއިން ލުއި ދިނުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ކުރަމުން އަންނަ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމަ، އިމްޕޯޓު ޑިއުޓީ 10 އަހަރުގެ މުއްދަތަކަށް މި ސަރަހައްދުތަކުގެ ޓޫރިޒަމަށް އިންވެސްޓް ކުރާ ފަރާތްތަކުން ކަނޑާލަދިނުމާ އެކު، އަޅުގަނޑުމެން %50ގެ ޓެކްސް ލުޔެއް އެހެނިހެން ޓެކްސްތަކަށް ދިނުމަށް އަޅުގަނޑު ހުށަހަޅަން،" ސަލީމް ވިދާޅުވި އެވެ.
ކޮމެންޓް (1)
ހިތަދޫ 2