އެސްޓްރަޒެނެކާގެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފު ކުރުން (ފޮޓޯ/އެސްޓީއޯ)

އެސްޓީއޯ

ދާއިމީ ބަލިތަކަށް އެސްޓްރަޒެނިކާގެ އުފެއްދުންތައް އެސްޓީއޯ އިން ތައާރަފުކޮށްފި

އެސްޓީއޯއިން މިހާރު ވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާ އެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރޭ
2 ސެޕްޓެމްބަރު 2023

ފާމަސޫޓިކަލްގެ އުފެއްދުންތަކުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި، އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާ ކުންފުނީގެ އުފެއްދުންތަކެއް އެސްޓީއޯ އިން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

އެނގުން މުހިއްމު - މިއާ އެކު ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ހަރަދު ކުޑަކޮށް ބޭސް އެތެރެކުރެވި، ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަން ޖެހޭ ބޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

  • އެސްޓްރަޒެނިކާގެ މި އުފެއްދުންތައް އެސްޓީއޯއިން ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރުގެ ގޮތުގައި

ތަފްސީލް - ރާއްޖެ އެތެރެކުރާ ބޭސްތަކަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުމަށް އަބަދު ވެސް މަސައްކަތް ކުރާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓްރަޒެނިކާ ފަދަ ކުންފުންޏެއްގެ އުފެއްދުންތައް ލިބޭނެ މަގު ތަނަވަސްވުމާ އެކު އެސްޓީއޯ އިން ފޯރުކޮށްދޭ ބޭހާ މެދު ރައްޔިތުންގެ އިތުބާރު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

  • އެސްޓްރަޒެނިކާ އާ އެކު އެސްޓީއޯ އިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށްވަނީ ރަޖިސްޓާ ކޮށްފައި

  • މީގެ ތެރޭގައި ކެންސަރު ބައްޔާއި، ގޭސްޓްރިކް، އަދި ހަކުރު ބަލީގެ މީހުންނަށް ހާއްސަ ބޭސްތައް ވެސް ހިމެނޭ

  • މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި އެސްޓީއޯގެ އަމާޒުތަކައް ވާސިލްވުމަށް އިތުކުރިއެރުންތައް ލިބޭނެ

އެސްޓީއޯގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ފާހަގަކުރެވޭ ކަމެއް - އެސްޓީއޯއިން މިހާރު ވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާ އެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް