ނ. ލަންދޫ
ލަންދޫ ކައުންސިލަށް، އެމް-ފައިސާ މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ
ނ. ލަންދޫ ކައުންސިލަށް ދައްކަން ޖެހޭ ފައިސާ އުރީދޫ 'އެމް-ފައިސާ' މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިއާ އެކު ލަންދޫ ރައްޔިތުންނަށް ކޮންމެތާކު ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ އެވެ.
ތަފްސީލް - އެމް-ފައިސާ އަކީ ކޮންމެ ތާކު ހުރެގެން ވެސް، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކޮށް ފައިސާ ނަގައި ޓްރާންސްފާކޮށް، ކެފޭ، ރެސްޓޯރަންޓް، ފިހާރަތަކަށް ވެސް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ.
މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ބިލު ވެސް ދެއްކޭނެ އެވެ.
ބުނީ ކީކޭ؟ - ލަންދޫ ކައުންސިލްގެ ރައީސް، އަބްދުލްއަޒީޒު މުހައްމަދު މިއަދު ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއް އުފައްދައި، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރާ މަސައްކަތަށް އުރީދޫއާ އެކު ގާއިމް ކުރި ގުޅުން މުހިއްމު ކަމަށެވެ.
"އަޅުގަނޑުމެން އަބަދު ވެސް އިސްކަން ދެނީ ހިދުމަތްތައް ފަސޭހަކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް. ކައުންސިލް އިން ނަގާ ޕްރީ ސްކޫލް ފީ، ކުނި ފީގެ އިތުރުން އަދި ވެސް ކައުންސިލަށް ދައްކަން ޖެހޭ އެހެން ފީތައް އެމް-ފައިސާ މެދުވެރިކޮށް ބަލައިގަތުން ހަމަޖެހިގެން ދިއުމީ ކައުންސިލަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް. ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަ ކުރުމުގެ އިތުރުން ލަންދޫ މުޖުތަމައުގައި ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ސަގާފަތެއް ވެސް ޕްރޮމޯޓްވެގެން ދާކަމެއް."
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ހާލިދު އަލް ހަމާދީ ވިދާޅުވީ މި ޕާޓްނާޝިޕާ އެކު އަމާޒަކީ ރައްކާތެރިކަމާ އެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދީ، މި ސަރަހައްދުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުން ކަމަށެވެ.