ހުޅުމާލޭ އިމާރާތްތަކަކާއި މަގުމަތި ރޭގަނޑު ދިއްލާފައި: ފެބްރުއަރީ - އޭޕްރީލްގެ ހޫނުގަދަ ދުވަސްވަރާއި ރޯދަމަހާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ކަރަންޓު

ކަރަންޓު ބިލު ބޮޑުވާ އަސްލު ސަބަބަކީ މިއީ

ސްޓެލްކޯގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އަކީ 120 މެގަވޮޓް؛ މިދިޔަ ހަފްތާގެ ހޯމަ ދުވަހު 117 މެގަވޮޓްއާ ހަމައަށް ކަރަންޓު ބޭނުން ކުރި

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އެންމެ ގަދައަށް އިވޭ އެއް ވާހަކަ އަކީ ކަރަންޓު ބިލު ބޮޑުވާ ވާހަކަ އެވެ. އާއްމުން ރަތަށް އަރާ، ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ނުގޮވާ އެއްޗެއް ނޯވެ އެވެ. އެންމެ ގިނަ ބަޔަކު ދިރިއުޅޭ މާލެ ސަރަހައްދުގައި މި އަޑުތައް މާ ގަދަ އެވެ. ސްޓެލްކޯ އިން މަކަރު ހަދަނިއްޔޭ، ބިލު ބޮޑުކުރާނެ ކަމަށް މާ ކުރިން ބުނެ އެކަން އެގޮތަށް ކުރަނީ އޮޅުވާލައިގެންނޭ ވެސް ބުނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ހޫނުގަދަ މޫސުމާ ދިމާކޮށް (ފެބްރުއަރީ - އޭޕްރީލް) ކަރަންޓު އިގްތިސޯދު ކުރުމަށް އާންމުން ހޭލުންތެރި ކުރުމަށް ސްޓެލްކޯ އިން މަސައްކަތް ކުރެ އެވެ. މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖުތައް ދެ އެވެ. ކޮންމެ އަހަރަކު ވެސް ސްޓެލްކޯ އިން ދޭ ޔަގީންކަމަކީ، ބޭނުން ނުކުރާ ކަރަންޓަކަށް ބިލު ނުކުރާނެ ކަމެވެ.

ފާއިތުވި ދެ މަހެއްހާ ދުވަހު ރާއްޖެ އަށް އާދަޔާހިލާފަށް ހޫނު ގަދަ އެވެ. އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީ އިން މައްޗަށް އަރައިގެން ދިޔަ އެވެ. ހޫނުން ސަލާމަތް ވުމަށް ގިނަ ފަހަރަށް ކުރެވޭ ކަމަކީ ގެޔަށް ވަދެ، އެއާ ކޮންޑިޝަނާގެ ފިނި އެންމެ ގަދަކޮށްލާ އަވަހަށް މީހާގެ ހައްޓަށް ފިނިކަމެއް ހޯދުމެވެ.

އެކަމަކު، ހަނދާން ނެތޭ ކަމަކީ އޭސީ އެންމެ ދަށްކޮށް 16 ޑިގްރީގައި ފިނިކުރުމަކީ ވަރަށް ގިނަ ކަރަންޓު ނަގާނެ ކަމެއް ކަމެވެ. އަނެއްކޮޅުން ގޭތެރޭގައި ހޫނު، ނޫނީ އާވިކަން ހުރި ނަމަ އެ ހޫނުކަން ނައްތާލަން އޭސީ އިން ނަގާ ކަރަންޓު މާ ގިނަ ވާނެ އެވެ.

އޭސީ ބަހައްޓަން އެންމެ އެކަށޭނަ ފިނިހޫނުމިނަކީ 25 ޑިގްރީ ސެލްސިއަސް އެވެ. ފިނި ލީކު ނުވާ ނަމަ ކޮޓަރި ތެރެ އެއްވަރެއްގައި ފިނިކޮށް ބަހައްޓައިދޭނެ އެވެ.

މިދިޔަ މާޗު މަހުގެ ހޫނުގަދަ ދުވަހެއްގައި މީހަކު ވިލިމާލެ މަގުމަތިން ހިނގާފައިދަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެންމެ ހޫނު ގަދަވި ދުވަސްތައް ރޯދަ މަހާ ދިމާވުމަކީ ވެސް ކަރަންޓު ބިލު ބޮޑުވާނެ ކަމެކެވެ. ރޯދަމަހު ބަދިގޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ.

ހުސްވި މަހުގެ 24 ވަނަ ދުވަހު ރެކޯޑު މިންވަރަކަށް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރި އެވެ. ސްޓެލްކޯގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އަކީ 120 މެގަވޮޓެވެ. އެ ދުވަހުގެ ޕީކް ގަޑީގައި 117 މެގަވޮޓް އާ ހަމައަށް ކަރަންޓު ބޭނުން ކުރި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު އެންމެ ގިނައިން ކަރަންޓު ބޭނުން ކުރި ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ވެސް ޖެހުނެވެ. ނަމަވެސް މި އަހަރު ކަރަންޓު ނުކަނޑާ ހިފަހައްޓާލެވުނެވެ.

ސްޓެލްކޯގެ އިމާރާތުން މީހަކު ނުކުންނަނީ

ސްޓެލްކޯ އިން ބުނިގޮތުގައި:

  • މާލޭ ސަރަހައްދުގައި އެވްރެޖުކޮށް 70 މެގަވޮޓްގެ ކަރަންޓު ބޭނުންކުރޭ. 

  • ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ އެވްރެޖު މިންވަރަށް ވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ނަމަ، އެކަން އަންގާ އެލާޓެއް ފޮނުވުމަށް ސްޓެލްކޯ އިން އަންނަނީ ވިސްނަމުން

  • ‎ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް

  • މީޓަރުގެ ރީޑިން ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުންކުރާ މިންވަރަށް

  • ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ އަދަދު ކަސްޓަމަރުންނަށް ހިސާބުކުރެވޭނެ

  • އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު (ރީޑިން) ފެންނަން ހުންނާނެ

ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލައި، އަގު ކުރާގޮތް ސްޓެލްކޯގެ ބިލުގައި ވެސް ހިމަނާފައި ހުރެ އެވެ. އެއީ:

  • 0-100 ޔުނިޓު - ޔުނިޓަކަށް 1.50ރ 

  • 101-200 ޔުނިޓު - ޔުނިޓަކަށް 1.70ރ

  • 201-300 ޔުނިޓު - ޔުނިޓަކަށް 2.15ރ

  • 301-400 ޔުނިޓު - ޔުނިޓަކަށް 2.50ރ

  • 401-500 ޔުނިޓު - ޔުނިޓަކަށް 2.95ރ

  • 501-600 ޔުނިޓު - ޔުނިޓަކަށް 3.55ރ

ކަރަންޓު އިގުތިސޯދު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

  • އޭސީގެ ފިނި 25 އަށް ވުރެ ދަށް ނުކުރުން

  • އަލިކަން ހުންނަ ނަމަ ބޮކި ފަދަ އެއްޗެހި ނުދިއްލުން

  • ބޭނުންނުކުރާ ނަމަ ބޮކި، ފަންކާ ފަދަ އެއްޗެހި ނިއްވާލުން

  • އޭސީ އޮންކޮށް އޮފްކޮށް އަބަދު ނުހެދުން

admin@stelco.com.mv
3320982

ކޮމެންޓް (4)

އަނީސް

7 މޭ 2023
ދެން ފަންކާ ހުންނަ ގޭގޭގަ ކަރަންޓު ބިލުން 1000 ރުފިޔާ އިތުރުވަނީ ފަންކާ 25 ގަ ނުބަހައްޓާތީތަ.
3 0

ރުއުދަ

7 މޭ 2023
600 ޔުނިޓުން މަތިވީމަ ވާގޮތް ލިޔަން ނުކެރުނީ ކިހާވަރެއް ލިބުނީމަތޯ؟ ކީއްވެތޯ 0 ޔުނިޓުން ފެށިގެން މަތިންެ އެއްރޭޓަކުން އަގުނުކުރެވެނީ
4 0

ހުސެއިން

6 މޭ 2023
ހުސް ފޭކް ވާހަކަ. 25 ޑިގްރީގަ އެސީ ބަހައްޓައިގެން ވެސް ބޮޑު ތަފާތަކުން ބިލް ވަނީ ބޮޑު ވެފަ.
2 0

އޮޅުވާލުން

6 މޭ 2023
ދެން އޭސީ ނުހުންނަ ފިންނަަކަސް ހޫނަކަސް މިހުންނަނީ ހަމަ ފަންކާ. އިތުރު އެއްޗެއް ބޭނުނނުކުރާއިރު ކަރަންޓް ބިލް ބޮޑުވަ ސަބަބެއް ބުނެދީބަލަ. ހަމަ ކޮންމެވެސް މަކަރެއް ހަދާތީ. ހުންނަންޖެހޭ ވަރަށްވުރެ ކަރަންޓް މަތީ ނުވަތަ ދަށްކޮށް ހުންނާތީ.
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް