ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ ރިޒްވީ ވާހަކަދައްކަވަނީ ފޮޓޯ/ރައީސް އޮފީސް)
ފަރެސްމާތޮޑާ އެއާޕޯޓާ އެކު އެ ސަރަހައްދުގެ އިގުތިސޯދަށް އަހަރަކު 7 މިލިއަން ރުފިޔާ ވަންނާނެ: ރިޒްވީ
ރޭ ހުޅުވި ގދ. ފަރެސްމާތޮޑާ އެއާޕޯޓާ އެކު އެ ސަރަހައްދުގެ އިގްތިސޯދަށް އަހަރެއްގެ މައްޗަށް އިތުރު 7 މިލިއަން ރުފިޔާ ވަންނާނެ ކަމަށް، އެ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޒްވީ ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓަކީ އެ ކުންފުނި އުފެއްވި ފަހުން ކުންފުނީގެ ބައިިވެރިވުމާ އެކު ތަރައްގީކުރި ފުރަތަމަ އެއާޕޯޓު ކަމަށެވެ.
ބުނީ ކީކޭ؟ - ރިޒްވީ ވިދާޅުވީ އެއާޕޯޓަށް 45 ވަޒީފާއަށް ހުޅުވާލި ކަމަށާއި އެ ވަޒީފާތަކަށް 157 މީހުން ކުރިމަތިލީ ކަމަށެވެ.
"45 ވަޒީފާއާ އެކު މި ސަރަހައްދުގެ އިގްތިސޯދަށް ސީދާ ގޮތުން 7 މިލިއަން ރުފިޔާ އަހަރަކު ވަންނާނެ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގައި މަސައްކަތް ކުރާނެ އެހެން މުއައްސަސާތަކުގެ ވަޒީފާތަކާ އެކު ފަރެސްމާތޮޑާ އެއާޕޯޓުގެ ވަޒީފާތައް އަދިވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޒްވީ ވިދާޅުވީ އެއާޕޯޓަކީ ހަމައެކަނި 1،200 މީޓަރުގެ ތާރުގަނޑެއް ނޫން ކަމަށެވެ. އިގްތިސޯދީ ގޮތުން އެތައް ކަމެއް އެއާޕޯޓާ އެކު އެ ސަރަހައްދަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާޕޯޓު ސަރަހައްދުގެ ބައެއް ގެސްޓްހައުސް ތަރައްގީކުރުމަށް މަދު ދުވަސްކޮޅެއްގެ ތެރޭ ހުޅުވާލާނަން. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތައް ތާޒާކަމާ އެކު އެކި ސަރަހައްދަށް ފޮނުވުމުގެ ދޮރު އެއާޕޯޓާ އެކު ފަހިވެގެން ދާނެ،" ރިޒްވީ ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން މިހާރުކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ:
-
ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ލައިޓު ހަރުކޮށް، ރޭގަނޑު ފްލައިޓު ޖެއްސޭނެ އިންތިޒާމު ހަަމަޖެއްސުމުގެ މަސައްކަތް ކުރަމުން އެބަދޭ؛ އެ މަސައްކަތް މި މަހު ނިމޭނެ
-
ގދ. މާވާރުލާއި ހއ. ހޯރަފުށީ އެއާޕޯޓުގައި ވެސް ލައިޓު ހަރުުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް
-
ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ފައިދާ ނެރޭ ކުންފުންޏަކަށް ހަދަން މަސައްކަތް ކުރަމުން އެބަދޭ
-
އެއާޕޯޓުތަކަށް ބޭނުންވާ އިކުއިޕްމެންޓުތަކުގެ %80 ހަމަވެއްޖެ
-
އާ އިކުއިޕްމެންޓުތަކާ އެކު ސިވިލް އޭވިއޭޝަންގެ ސްޓޭންޑާޑަށް އެއާޕޯޓުތައް ފެއްތުމުގެ މަސައްކަތް ކުރަމުން އެބަދޭ