ޑރ. މުހައްމަދު މުއިއްޒު
ރައީސް މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި ހައުސިން މިނިސްޓަރުކަން ކުރެއްވި
މާލޭގެ މޭޔަރުކަމަށް ވަޑައިގެންނެވީ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އިންތިހާބުން
ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ހޯއްދެވި ގޮތަކީ ސިޔާސީ ނަމޫނާއެއް
ރާއްޖޭގެ ފުރަތަމަ ހައި ކޯޓުގެ އެއް ފަނޑިޔާރު އދި. ހއ. ވަށަފަރަށް ނިސްބަތްވެވަޑައިގެންނެވި އައްޝެއިހު ހުސެއިން އަބްދުއްރަހުމާންގެ ހަމައެކަނި ދަރިކަލުންނަކީ ފެށުނީއްސުރެ ވެސް ތައުލީމީ ގޮތުން މަތީ ވަނަތައް ހޯއްދެވި ބޭފުޅެކެވެ. އޯ ލެވެލް އާއި އޭ ލެވެލްއިން ވެސް ރާއްޖޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަތެވެ.
މަތީ ތައުލީމު ހާސިލްކުރެއްވީ އިނގިރޭސި ވިލާތުގަ އެވެ. އެގޮތުން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ، ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ނެންގެވީ ޔުނިވަސިޓީ އޮފް ލަންޑަންއިންނެވެ. ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗު.ޑީ ހާސިލްކުރެއްވީ ޔުނިވަސިޓީ އޮފް ލީޑްސްއިންނެވެ.
އުމުރުން 45 އަހަރުގައި، އޭނާގެ ހަޔާތް ވޭތުކުރައްވަމުން އެ ގެންދަވަނީ ކިޔެވުމާއި ދައުލަތަށް ހިދުމަތްކުރެއްވުމުގަ އެވެ. އާންމުންނަށް ނޭނގޭ ބޭފުޅެއްގެ ގޮތުން 2012ގައި ހައުސިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 2018ގައި ޔާމީންގެ ވެރިކަން ނިމުމާ އެކު އެ މަގާމުން ވަކިވެވަޑައިގެންނެވި އިރު މުއިއްޒު ފާހަގަކުރެވުނީ ނަތީޖާ ނެރެދެއްވައި އަދި ވަރަށް ބޮޑެތި މަޝްރޫއުތަކެއް ބެލެހެއްޓެވި ބޭފުޅެއްގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖާއި ހުޅުމާލެ ދެވަނަ ފޭހާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީއަށް އެ ސަރުކާރުން ފެށި ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ މަޝްރޫއު ހިމެނެ އެވެ.
ވެރިރަށް މާލެއަކީ އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށެއްގެ ސިފަ ގެއްލުވާލައި، ޕީޕީއެމްގެ މެމްބަރުންގެ މެޖޯރިޓީ މާލޭ ސިޓީ ކައުންސިލުން ހޯދި އިރު މުއިއްޒު އެވަނީ މޭޔަރުގެ ގޮނޑިއަށް ވާދަކުރައްވައި، ކާމިޔާބުކުރައްވައިފަ އެވެ. މިއީ އޭނާގެ ހަޔާތުގައި ވޯޓަކަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެންމެން ހައިރާންކޮށްލާފައި، އެމްޑީޕީގެ އަތުން އެ ގޮނޑި އަތުލެއްވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ހޯއްދެވި ގޮތް ވެސް، ރާއްޖޭގެ ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވެ އެވެ. ޔާމީން ނެތް ހާލަތެއްގައި އެ ޓިކެޓް ހޯއްދަވަން ލީޑަޝިޕްގެ ގިނަ ބޭފުޅުންތަކެއް ބޭނުންވި އެވެ. ނަމަވެސް މުއިއްޒު ބަލިކޮށްލެވޭނެ ބޭފުޅަކު އޭގެ ތެރޭގައި ނެތެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީނަށް ރިޔާސީ އިންތިހާބުގެ ފުރުސަތު ގެއްލުމުން މުއިއްޒު އެ ހުންނެވީ އެ ފުރުސަތު ހޯއްދަވައިގެންނެވެ.