ހައި ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އާޒިމާ (ކ) އާއި އޭނާގެ ދިފާއީ ވަކީލުން ކަމަށްވާ ނިހާޔަތު (ވ) އަދި ފަޒްނާ.

އާޒިމާގެ ދިފާއުގައި ނިހާޔަތަށް ވަކާލާތެއް ނުކުރެވޭނެ: ދައުލަތް

ނިހާޔަތު ވިދާޅުވީ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވިއިރު މައްސަލައިގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް
13 އޭޕްރީލު 2022

ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ މައްސަލައިގައި އޭނާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް މަސައްކަތް ނުކުރެވޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ހުލާސާ - ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ދައުލަތުން އުފުލީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ލިބުނު ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާކުރި ކަމަށް ތުހުމަތުކުރި މައްސަލައިގަ އެވެ. އެގޮތުން:

  • ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު، އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އާ އެކު ޔާމީން އެއްބަސްވުމެއް ހެއްދެވި ނަމަވެސް، ޔާމީން އެ އެކައުންޓަށް ޖަމާކުރެއްވީ އެހެން ގޮތަކުން ހޯއްދެވި ފައިސާ 

  • އެ މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި

  • ނަމަވެސް، އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ލިޔުންތައް ފޮނުވުމުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ 2019ގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދޭ

ވީ ކިހިނެއް؟ - އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އާޒިމާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގައި އާޒިމާ ތަމްސީލުކުރައްވަނީ ނިހާޔަތުގެ އިތުރުން ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ފަޒްނާ އެވެ.

ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު. (ފައިލް ފޮޓޯ/ރައީސް އޮފީސް)

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ވަކީލުންނާ ގުޅޭ އިއުތިރާޒެއް ހުށަހަޅައިފަ އެވެ.

ތަފްސީލް - ދައުލަތުގެ ވަކީލު، ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާއިޝަތު މުހައްމަދު ވިދާޅުވީ އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅައި ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށް ދިޔައިރު ވެސް ނިހާޔަތު ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ކަމަށެވެ.

ދައުލަތުން ބުނީ ވަކީލަކު މަސައްކަތް ކުރަމުން ދަނިކޮށް އެ އިދާރާއަކަށް ހުށަހެޅި ނުވަތަ މަޝްވަރާކުރި މައްސަލައެއްގައި އެ ވަކީލަކަށް ވަކާލާތު ނުކުރެވޭނެ ކަމަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 146 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށް އާއިޝަތު މުހައްމަދު ވިދާޅުވި އެވެ.

އާޒިމާގެ މައްސަލައިގެ ޓައިމްލައިން:

  • ފުލުހުން ޕީޖީއަށް މައްސަލަ ފޮނުވީ: 10 ފެބުރުއަރީ 2019 

  • ކްރިމިނަލް ކޯޓަށް ހުށަހެޅީ: 17 ފެބުރުއަރީ 2019 

  • ނިހާޔަތު ޕީޖީ އޮފީހުން އިސްތިއުފާ ދެއްވީ: 12 މާޗު 2019 

ބުނީ ކީކޭ؟ - ދައުލަތުގެ އިއުތިރާޒާ ގުޅިގެން ނިހާޔަތު ވިދާޅުވީ އާޒިމާގެ މައްސަލަ ޕީޖީ އޮފީހުގައި ކުރިއަށް ދިޔައިރު، އެ މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދައުލަތުން ނުބުނާ ކަމަށެވެ.

"އަޅުގަނޑު އެއްވެސް އިރެއްގައި މައްސަލައިގައި މަޝްވަރާ ކުރީތޯ؟ މައްސަލައިގެ މަސައްކަތެއްގައި ބައިވެރިވެފައިވަނީތޯ؟އެއްޗެއްގައި ސޮއިކުރީތޯ،" އެ ކަންކަން ސާފުކޮށްދޭން އެދިވަޑައިގެން ނިހާޔަތު ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތްތައް އިންތިޒާމްކޮށްފައި އޮންނަ ގޮތުން، އެ އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލައަކަށް ހުރިހާ އެންމެނަށް "އެކްސެސް" ނޯންނަ ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް އާޒިމާގެ މައްސަލައާ ގުޅޭ އެއްވެސް މަރުހަލާއެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވީ އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅި އިރު އޭނާ އެ އޮފީހުގެ ވަޒީފާގައި މަސައްކަތް ކުރީތީ މަސްލަހަތު ފުށޫއަރާ ކަމަށް ދުށުމަކީ ވަރަށް ހަނިކޮށް ގަވާއިދު މާނަކުރުން ކަމަށެވެ.

ނިހާޔަތުގެ ވާހަކަތަކާ ގުޅިގެން، މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވަނީ އެ މާއްދާ މާނަކުރުމާ ގުޅޭ ގޮތުން މަތީ މަރުހަލާގެ ކޯޓަކުން އެއްވެސް ނިންމުމެއް ނިންމާފައިވޭތޯ ސާފުކޮށްދިނުމަށް ދައުލަތުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެނގުން މުހިންމު - މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ، މަރްޔަމް ނަޒާހާގެ މައްސަލައިގައި ވެސް ދައުލަތުން ވަނީ މި ނުކުތާ ނަގައިފަ އެވެ. ފިރިމީހާ މަރާލި މައްސަލައިގެ އިސްތިއުނާފުގެ ފަހު މަރުހަލާ ކުރިއަށް ދާއިރު، ނަޒާހާގެ ދިފާއީ ވަކީލަކީ ވެސް ނިހާޔަތެވެ. ދައުލަތުން ބުނީ ނަޒާހާގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު ވެސް ނިހާޔަތު ހުންނެވީ އެ އޮފީހުގެ ވަޒީފާގައި ކަމަށް ވާތީ މަސްލަހަތު ފުށޫއަރާ ކަމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން، މަރުގެ މައްސަލައެއްގައި ވެސް ދައުލަތުން ހައި ކޯޓުގައި މި މާއްދާއާ ގުޅިގެން އިއުތިރާޒެއް ހުށަހެޅި އެވެ. ހައި ކޯޓުން ވެސް ނިންމީ އެ މައްސަލައިގައި ވަކީލަށް ވަކާލާތު ކުރެވޭނެ ކަމަށެވެ.

ދައުލަތުން ބުނީ ނަޒާހާގެ މައްސަލަ އާއި އާޒިމާގެ މައްސަލައިގެ ހާލަތު ތަފާތު ކަމަށެވެ. ނިހާޔަތު ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަންކުރިއިރު ވެސް ނަޒާހާގެ މައްސަލަ އޮތީ ހައި ކޯޓުގައި ނިމިފައި ކަމަށް ދައުލަތު ވަކީލު އާއިޝަތު މުހައްމަދު ވިދާޅުވި އެވެ.

މަރުގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މަރްޔަމް ނަޒާހާ ސުޕްރީމް ކޯޓުގައި: އޭނާގެ ވަކީލުކަން ވެސް ކުރައްވަނީ ނިހާޔަތު (ވ).

ގުޅުންހުރި ކަމެއް - އާޒިމާގެ ބޭބެ އަދި އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން 2020ގައި ނިންމި އެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ޕީޖީ އޮފީހުގައި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ނިހާޔަތު ލަފާ ދެއްވި ކަމަށާއި އޭރު އޭނާ އަކީ އެ އޮފީހުގެ އިކޮނޮމިކް އެންޑް ފައިނޭޝަލް ކްރައިމްސް ޔުނިޓްގެ ވެރިޔާ ކަމަށް ދައުލަތުން ބުންޏެވެ. ނިހާޔަތު އޭރު ވެސް ވިދާޅުވީ މަސްލަހަތު ފުށޫއަރާ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގެންނެވި ހަނދާނެއް ނެތް ކަމަށެވެ.

ނަމަވެސް ޝަރީއަތުން ނިންމީ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ނިހާޔަތު ހުންނެވިއިރު އެ މަގާމުގައި ހުންނެވި ބޭފުޅަކާ މަޝްވަރާކުރުމެއް ނެތި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަންކަން ނިންމާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. މައްސަލައިގައި ވަކާލާތުކުރުމުގެ ފުރުސަތު އޭނާއަށް ނުދިނީ އެއްވެސް ބާވަތެއްގެ ޝައްކެއް މައްސަލައާ މެދު ނުބޭއްވުމަށްޓަކަ އެވެ.

'ދައުލަތުގެ ދިފާއަކީ ވެދާނެ ކަންކަން'

ދައުލަތުގެ ފަރާތުން މިއަދު ބުނީ އެ ގަވާއިދުގައި އެ މާއްދާ ހިމަނާފައިވާ މަގުސަދަށް ބެލުން މުހިންމު ކަމަށެވެ. ޕީޖީ އޮފީހުގައި ކުރިއަށްދާ ކޮންމެ ބްރީފިންއަކާއި މަޝްވަރާތަކަކަކީ ލިޔުމަށް ތިރިކުރެވޭ ކަންކަން ނޫން ކަމަށާއި، އެހެންކަމުން އާޒިމާގެ މައްސަލައާ ގުޅިގެން ވާހަކަދެއްކި ބްރީފިންއެއްގައި ނިހާޔަތު ބައިވެރިވެވަޑައިގެންފައި ވުމަކީ ވެދާނެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

ހަމައެއާ އެކު، ނިހާޔަތަކީ ޕީޖީ އޮފީހުގެ ވެރިއެއްގެ މަގާމުގައި ހުންނެވި ފަރާތެއް ކަމަށާއި، އޭރުގެ ޕީޖީއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އޮފީސް ހިންގުމާ ހަވާލުވާން ދެން ހުންނަވާނީ ނިހާޔަތު ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން، ރިޔާސަތުން ވަނީ އާޒިމާގެ މައްސަލަ ޕީޖީ އޮފީހުގައި އޮއްވައި އެފަދަ ކަމެއް ދިމާވެފައިވޭތޯ ސުވާލުކުރައްވައިފަ އެވެ.

ނަމަވެސް، ދައުލަތުން ބުނީ ސީދާ އެ މައްސަލައިގައި އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ވިދާޅު ނުވާ ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ވެފައި އޮތުން އެކަށީގެންވާ ކަމަށެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން ނިހާޔަތު ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި ދައުލަތުގެ އިއުތިރާޒުގައި މުޅިން ވެސް ފާހަގަކޮށްފައި ވަނީ "ވެދާނެ" ކަންކަމުގެ ވާހަކަ ކަމަށާއި ހުރިހާ ސަބަބެއް ވެސް ހުރީ "ވަޔަށް ދޫކޮށްލާ" ގޮތަށް، ވަރަށް "ވޭގް"ކޮށް ކަމަށެވެ.

އޭގެ އިތުރުން، ޑެޕިއުޓީ ޕީޖީގެ މަގާމުގައި ނިހާޔަތާ އެކު އިތުރު ބޭފުޅަކު ވެސް ހުންނެވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ޕީޖީ ނެތް ހާލަތެއްގައި ހުރިހާ ޒިންމާއެއް ނިހާޔަތަށް އަންނާނެ ކަމަށް ދައުލަތުން ބުނާ ވާހަކަ ވަރަށް ބޮޑަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

"މި މައްސަލައިގެ ދައުވާ ފޯމުގައި ވެސް ސޮއިކުރައްވާފައި ވަނީ މި ދެންނެވި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް،" ނިހާޔަތު ވިދާޅުވި އެވެ.

ހައި ކޯޓު. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އާޒިމާގެ ބަސް - މިއަދުގެ ޝަރީއަތުގައި އާޒިމާ ވިދާޅުވީ އޭނާ ބޭނުންވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެހެންކަމުން، އޭނާގެ މައްސަލަ ޕީޖީ އޮފީހުގައި ކުރިއަށް ދިޔައިރު ނިހާޔަތުގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ދައުލަތުން ބުނާ ނަމަ، އެކަން ސާބިތުކޮށްދޭން ޖެހޭނީ ދައުލަތަށް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ނިހާޔަތުގެ ސީދާ ބައިވެރިވުން އޮތްކަން އެނގޭނެ އެއްވެސް ލިޔުމެއް އޮތްތޯ ވެސް ރިޔާސަތުން ސާފުކުރި އެވެ. ނަމަވެސް ދައުލަތުން ބުނީ އެފަދަ ލިޔުމެއް ނެތް ކަމަށެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ވަރަށް ގިނަ ވަގުތުތަކެއް މިއަދު ބޭކާރުވެގެން ދިޔަ އެވެ. އެހެންކަމުން، އަޑުއެހުން ނިންމާލީ ދައުލަތުގެ އިއުތިރާޒާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.

މިއީ ހަތް ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައަކަށް ވާތީ ނިހާޔަތަށް މައްސަލައިގައި ކުރިއަށް ވަޑައިގެންނެވޭނެކަން ނުވަތަ ނޫންކަން ކަނޑައަޅަަން އަޑުއެހުމެއް ނުބާއްވާނެ ކަމަށާއި، އެކަން ދައުލަތަށާއި ދިފާއީ ވަކީލަށް ވަކިން އަންގަވާނެ ކަމަށް ރިޔާސަތުން ވިދާޅުވި އެވެ.

އަޑުއެހުން ނިންމާލީ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެކަން އިއުލާނު ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް