ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު: އޭނާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ބުނެފައިވޭ. (ފޮޓޯ/ރައީސް އޮފީސް)

ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމުމުން އާޒިމާ ހައި ކޯޓަށް ދަނީ

އާޒިމާގެ މައްޗަށް ކޮށްފައި ވަނީ، ސުޕްރީމް ކޯޓުން ސާބިތު ނުވާ ކަމަށް ނިންމި ކުރީގެ ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައާ ގުޅޭ ދައުވާތަކެއް
27 މާރިޗު 2022

ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތު ކުރަން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމުމުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ފަރާތުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު، އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްބަސްވުން ހެދި ނަމަވެސް، ޔާމީން އެ އެކައުންޓަށް ޖަމާ ކުރެއްވީ އެހެން ގޮތަކުން ހޯއްދެވި ފައިސާ އެވެ. އެ މައްސަލައިގައި ޔާމީނަށް މަނީ ލޯންޑަރިންގެ ދައުވާކޮށް ކުށް ސާބިތުވިޔަސް، ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމައިފަ އެވެ.

އެކަމަކު، އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ލިޔުންތައް ފޮނުވުމުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ 2019ގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ އަދި ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ:

  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ

  • މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ

އަލުން އިބްތިދާއީ މަރުހަލާއިން ފަށައިގެން ކުރިއަށްގެންދާ އެ މައްސަލައިގައި މިއަދު އޮތީ ދެ ފަރާތުން ވެސް ހެކި ހުށަހެޅުމެވެ. ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި އަނގަބަހުން ހެކި ހާމަ ނުކުރެ އެވެ. ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ، ދައުލަތުން ހުށަހަޅާ ހެކިތައް ލިޔުމުން ހުށަހަޅާފައިވާނެ ކަމަށެވެ. މިއަދު އާޒިމާގެ ފަރާތުން ވެސް ހެކި ހުށަހެޅި އެވެ.

ދެ ފަރާތުން ވެސް ހެކި ހުށަހެޅުމުން މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެތޯ ގާޒީ އަލީ އާދަމް ގޮތެއް ނިންމަވަން އުޅުއްވުމުން، އެކަމާ ބެހޭގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދެއްވުމަށްފަހު ގޮތެއް ނިންމެވުމަށް އާޒިމާ އެދިވަޑައިގެންނެވި އެވެ.

ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު: އޭނާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ބުނެފައިވޭ (ފޮޓޯ/ރައީސް އޮފީސް)

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު އައިޝަތު ވިދާޅުވީ، މަދަނީ މިންގަނޑުން ބެލުމުގެ މަރުހަލާއަކީ ދައުލަތުގެ ހެކިތަކާ ބެހޭގޮތުން ވަކިވަކިން ވާހަކަ ދައްކައި ހެކި ވަޒަން ކުރުމުގެ މަރުހަލާއެއް ނޫން ކަމަށެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މަރުހަލާގައި ހެކިތަކާ ބެހޭގޮތުން ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކުރެއްވި އެވެ.

އެކަމަކު އާޒިމާ ވިދާޅުވީ، އޭނާ އެދިވަޑައިގަންނަވަނީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކައި ވަޒަން ކުރަން ނޫން ކަމަށެވެ. ބަހުސްކުރައްވަން ފުރުސަތު ހޯއްދަވައިގެން އޭނާ އަމިއްލަ ދިފާއުގައި ވާހަކަ ދެއްކެވި އެވެ. އާޒިމާ އެދިވަޑައިގެންނެވީ މަދަނީ މިންގަނޑުން ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމައިދިނުމަށެވެ.

އާޒިމާގެ ފާހަގަ ކުރި ބައެއް ކަންކަން:

  • އޭނާ އޭސީސީއަށް ލަފާއެއް ދިން ކަމަށް ބުނާ އިރު އެއާ ގުޅޭ އެއްވެސް ހެއްކެއް ގަރީނާއެއް ދައުލަތުން ހުށަނާޅާ؛ ދައުވާ ކުރީ ނެތް އަމަލެއްގެ މައްޗަށް

  • އޭނާ އޭސީސީއަށް ފޮނުވި ސިޓީގައި ވަނީ ދައުލަތުން ބުނާ އެކައުންޓުގެ ނަމްބަރެއް ނޫން؛ އޭނާގެ މައްޗަށް ދައުވާ ކުރީ އޮޅުމަކުން ނުބައި ނަމްބަރެއް ޖެހިފައި އޮތްކަން ދައުލަތަށް އެނގި ހުރެ

  • ޔާމީން ވަނީ ލޯންޑާ ކުރި ކަމަށް ބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ ދެ އަމަލު ހިނގުމުގައި އޭނާގެ އެއްވެސް ދައުރެއް ނެތް؛ އޭނާ ކުރި ކަމަށް ބުނާ ކަންތައްތަކަކީ އޭގެ ފަހުން ހިނގި ކަންތައްތަކެއް

  • އޭނާ މަނީ ލޯންޑަރިންއަށް މަގުފަހި ކުރި ކަމަށް ދޭހަވާ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވޭ

  • އޭނާ މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިން ކަމަށް ބުނާއިރު، ޔާމީން މަނީ ލޯންޑާ ނުކުރައްވާކަން ސުޕްރީމް ކޯޓުން ވަނީ ސާބިތުވެފައި؛ އެހެންވެ، އޭނާއަށް ކުރި ދައުވާ ބާތިލުވާން ޖެހޭނެ

  •  ޔާމީންގެ މައްސަލައިގައި ކޯޓުތަކުގެ ތިން މަރުހަލާގައި ވެސް އާޒިމާގެ ދައުރެއް އޮތް ކަމަކަށް ދައުލަތުން ނުބުނޭ

އަލީ އާދަމް ނިންމެވީ މަދަނީ މިންގަނޑުން ގޮތެއް ކަނޑައަޅަން ޝަރީއަތް މެދުކަނޑާލާށެވެ. ދެން އަޑުއެހުން ފެއްޓީ އޭގެ ދެ ގަޑިއިރު ފަހުންނެވެ. އޭނާ ނިންމެވީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި ދައުވާ މަދަނީ މިންގަނޑުން ކުރިއަށްގެންދެވިދާނެ ކަމަށެވެ.

އަލީ އާދަމްގެ އެ ނިންމުމާއެކު އާޒިމާގެ ފަރާތުން އެދުނީ މަދަނީ މިންގަނޑުން ދައުވާ ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމި ނިންމުން ލިޔުމުން ދޭށެވެ. ވަކީލު ވިދާޅުވި ގޮތުގައި އެއީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރާށެވެ. އެ ނިންމުން ލިޔުމުން ދޭނެ ކަމަށް އަލީ އާދަމް ވިދާޅުވި އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމުގެ މަރުަހަލާ އެވެ. ހުށަހެޅުންތައް ހުށަހަޅަން މިއަދު އަލީ އާދަމް ދެ ފަރާތަށް ވެސް ވަނީ މުހުލަތެއް ދެއްވައިފަ އެވެ.

އެނގުން މުހިންމު - އާޒިމާގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން ދެން މައްސަލަ ބެއްލެވީ ގާޒީ ހަސަން ސައީދެވެ. ގާޒީ އަލީ އާދަމްއާ މައްސަލަ ހަވާލު ކުރީ ވަރަށް ފަހުންނެވެ. އޭނާ ނިންމަވާފައި ވަނީ މުޅި މައްސަލަ އިބްތިދާއީ މަރުހަލާއިން އަލުން ފަށައިގެން ކުރިއަށްގެންދާށެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރި ސަބަބު:

  • ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރު އެ މަނިކުފާނާއި އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ދައުލަތުން ބުނޭ

  • ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާ ކުރެއްވީ ގޯއްޗެއް ވިއްކައިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދެވި 1 މިލިއަން ޑޮލަރު

މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރި ސަބަބު:

  • އާޒިމާ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަކި ގޮތަކަށް ލިޔުން ހޯއްދެވި ކަމަށް ދައުލަތުން ބުނޭ

  • އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމަށް ވެސް ބުނޭ

ގުޅުންހުރި - މަދަނީ މިންގަނޑުން ދައުވާ ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމަން އާޒިމާގެ ފަރާތުން އެދުނު އިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން ހުށަހެޅި ހެކިތަކަށް ބަލައި އެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށްނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު މީގެ ކުރިން ވަނީ ނިންމަވައިފަ އެވެ. އެ ނިންމުން ފަހުން ހައި ކޯޓުން ބާތިލުކޮށް، މައްސަލަ އަލުން އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވާލީ އެވެ.

މަދަނީ މިންގަނޑުން ބެލުން:

  • ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން މަދަނީ މިންގަނޑުން ބަލާއިރު ބަލަނީ ދައުވާއެއް ކުރުމަށް ފުދޭވަރުގެ ހެކިތަކެއް ހުރިކަން ނުވަތަ ނޫން ކަމުގެ މައްޗަށް

  • އެގޮތަށް ބަލާއިރު ފަނޑިޔާރުން ބަލަން ޖެހޭނީ ހުށަހެޅިފައިވާ ދައުވާ އާއި އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހުރިހާ ހެކިތަކަށް

  • އެ މަރުހަލާގައި ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިތަކަށް އެންމެ ފުނަށް ވަޒަން ކުރާކަށް ނުޖެހޭނެ

  • ހުށަހަޅާފައިވާ ދައުވާގައި ބަޔާންކުރާ ކަންތައްތައް ނުވުމަށް ވުރެ ވުން ގާތް ކަމަށް "ޕްރީޕޮންޑަރެންސް އޮފް ޕްރޮބަބިލިޓީ"ގެ ގާނޫނީ މިންގަނޑުން ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމަ މައްސަލަ ކުރިއަށްގެންދަން ޖެހޭނެ




އިތުރު އާޓިކަލް

އިތުރު އާޓިކަލް