އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީ

އޭސީސީގައި މެމްބަރުން ނެތުމުން ގޮތެއް ނުނިންމޭ 60 މައްސަލަ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭ އެއް މައްސަލަ ހުށަހަޅާފައި އެބަ އޮތް
31 ޖެނުއަރީ 2022

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ހުރިހާ މެމްބަރުން އިސްތިއުފާ ދިންތާ މަހެއް ވެގެން ދިޔަ އިރު، އެ މުއްދަތުގައި 60 މައްސަލައެއް ލިބިފައިވާ ކަމަށާއި ނަމަވެސް މެންބަރުން ނެތުމުން އެ މައްސަލަތަކާ މެދު ހަދާނެ ގޮތެއް ނެތިފައި އެބަހުރި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އޭސީސީގައި އެންމެ ފަހުން ތިއްބެވި ކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާ އާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު އަނޫލާ އަދި މެމްބަރު އައިޝަތު އަބްދުﷲ އޭސީސީން އިސްތިއުފާ ދެއްވީ، ޑިސެމްބަރު 27 ގަ އެވެ. 

އެ ތިން މެމްބަރުން އިސްތިއުފާ ދެއްވުމުގެ ކުރިން، ކޮމިޝަންގައި ތިއްބެވި ދެ މެމްބަރުން ކަމަށްވާ މުހައްމަދު ޝަކީލާއި އަލީ އަޝްރަފު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންކަމުން، އޭސީސީގައި މިވަގުތު އޮތީ އެއްވެސް މެމްބަރަކު ނެތި ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.

ތަފްސީލް - އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު މިއަދު 'ދައުރު' އަށް ވިދާޅުވީ، ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވި ފަހުން، އޭސީސީއަށް 60 އެއްހާ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންނަ ހޮނިހރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އާ ގުޅޭ އެއް މައްސަލަ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ހަސަން މަނިކު ވިދާޅުވީ، އެ މައްސަލަތައް ރަޖިސްޓްރާ ބަލައިގަނެ ދިރާސާ ކުރި ނަމަވެސް، ކޮމިޝަން ހުސްކޮށް އޮތުމުން މައްސަލަތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ގޮތެއް ނުނިންމޭނެ ކަމަށެވެ.

"އޭގެ ތެރެއިން ކުރިއަށް ގެންދެވޭނީ ކޮން މައްސަލަތަކެއްތޯ، ކުރިއަށް ނުގެންދެވޭނީ ކޮން މައްސަލަތަކެއްތޯ، އެކަމާ މެދު ވަކި ގޮތެއް ނުއެއް ނިންމޭނެ،" އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ވަނީ ހަމަވެފަ އެވެ. އޭސީސީ ގާނޫނީ ހުސްކަމެއްގައި އޮއްވާ އިންތިހާބެއް ބާއްވާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެނގުން މުހިންމު - ކޮމިޝަންގައި އެންމެ ފަހުން ތިއްބެވި ތިން މެންބަރުން އިސްތިއުފާދެއްވީ:

  • އެ ތިން މެންބަރުން ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައިވަނިކޮށް 

  • އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ، މަޖިލިސް ޗުއްޓީގައި އޮއްވާ ފެށީ، އެ ކޮމިޝަނުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ 

  • އެ މަރުހަލާ ފެށީ، އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓް އެ ކޮމިޓީއާ ހިއްސާކުރި ފަހުން 

  • އޭސީސީން ވަނީ އެ އޮޑިޓް އޮފީހުގެ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުކިޔައި، ބޮޑު ބަޔާނެއް ވެސް ނެރެފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް