'ކޮތަރިކޮށި ޖަލްސާ'ގެ ނަމުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމް

ސުޕްރީމް ކޯޓުން ޓިނު ނަގަން ޖެހުނީ ފަނޑިޔާރުން ތަހުގީގުނުކުރެވޭ މާއްދާ އުވާލަން: ޔާމީން

'ކޮތަރުކޮށި ޖަލްސާ'ގައި އިންޑިއާއިން އައި ފިއްތުންތަކާ މެދު ވެސް ވާހަކަފުޅު ދެއްކެވި
11 ޑިސެމްބަރު 2021

'ކޮތަރުކޮށި ޖަލްސާ'ގެ ނަމުގައި ކާނިވާ ސަރަހައްދުގައި އޮތް ޕީޕީއެމް ކޯލިޝަންގެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސްޓޭޖަށް އަރައިވަޑައިގަތުމުގެ ކުރިން ވީޑިއޯއިން ދެއްކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހި ތަރައްގީކުރަން އެ މަނިކުފާނު ގެންގުޅުއްވި ވިސްނުންފުޅު، ވެރިކަމުގައި ހުންނެވި އިރު ހިއްސާކުރެވި އަދި ދެއްކެވި ވާހަކަފުޅުތަކެވެ. އޭގެ ފަހުން ހިޔާގެ 7،000 ފްލެޓުން އެތައް ބަޔަކަށް ލިބުނު ހިތްހަމަޖެހުމުގެ އިހުސާސްތަކެވެ. އެކަމަކު ސްޓޭޖަށް އަރުއްވާފައި، ވަރަށް ގިނަ މައުލޫއުތަކަށް ވާހަކަފުޅު ސޮއްސަމުން ގޮސް، 2018ގައި 'ސުޕްރީމް ކޯޓުން ޓިނު ނެގި' މައްސަލައިގެ ތެރެއަށް ވެސް ވެންނެވި އެވެ.

އެއީ އެ މަނިކުފާނުގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގުޑުން ގެނުވި ހުކުމްކަމާ މެދު ޝައްކެއް ނެތެވެ. އަދި ސުޕްރީމް ކޯޓަށް ސިފައިން ފޮނުވައިގެން، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު، ގަދަކަމުން އަތުލައިގަނެ، ފުލުހުންނާ ހަވާލުކުރުން ވެސް، ފެށުނީ 1 ފެބްރުއަރީ 2018 ގައި ނެރުނު އެ ހުކުމުންނެވެ.

ސުޕްރީމް ކޯޓުން ޓިނު ނުނަގާ ކަމަކަށް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިގެން ނަމަވެސް، އެއީ ކުރައްވަން ޖެހިވަޑައިގެންނެވި، އަދި ނުކުރައްވައި ނުހުންނެވޭނެ ފަދަ ކަމެއްކަން ޖަލްސާގެ ބައިވެރިންނަށް ވިސްނައިދެއްވާށެވެ.

ޔާމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ 'ހަމައެކަނި އެންމެ މާއްދާއެއް އުވާލާ'ށެވެ: އެއީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ތަހުގީގީ އިދާރާއަކަށް ހާޒިރުކުރެވޭނީ ސުޕްރީމް ކޯޓުގެ ބެންޗަކުން ފާސްކޮށްގެން ކަމަށް، ގަވާއިދަށް ގެނައި ބަދަލުގެ މާއްދާ އެވެ.

ފުރަތަމަ ސިޓީއަށް ޕޮލައިޓްކޮށް ޖަވާބުދިނިން. ދެ ވަނަ ސިޓީ އުނދަގޫވި، ތިން ވަނަ ސިޓީއަށް ޖަވާބެއް ނުދެން.

އަބްދުﷲ ޔާމީން، ކުރީގެ ރައީސް

ސުޕްރީމް ކޯޓުން އެގޮތަށް ގަވާއިދަކަށް ބަދަލު ގެނައުމަކީ، ޔާމީން ވިދާޅުވި ގޮތުގައި، ޖޭއެސްސީގެ ބާރުތަކަށް އަރައިގަތުމެވެ. އަދި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާ ބެހޭ ތަހުގީގަކަށް އޭނާ ހާޒިރުކުރަން ފާސްކުރަން މި ޖެހެނީ، ޔާމީން ސިފަކުރެއްވި ގޮތުގައި، 'އަބްދުﷲ ސައީދު ރިޔާސަތު ބަލަހައްޓަން، އަބްދުﷲ ސައީދު މައްސަލަ ހުށައަޅަން، އަބްދުﷲ ސައީދު މައްސަލަ ބަލަން އަދި އަބްދުﷲ ސައީދު ހުކުމް އިއްވަން' އިންނަވާ މަޖިލިހަކުންނެވެ. 

"އެހެންވީމާ އެ މާއްދާ އުވާލަން، ހަމައެކަނި އެ މާއްދާ އުވާލަން [ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ]،" ޔާމީން ވިދާޅުވި އެވެ.

އެ ފަނޑިޔާރުން ތަހުގީގަށް 'ހާޒިރުކުރަން ޖެހޭ. [އެކަމަކު] އޭރަކު ނޭނގޭ އެ މާއްދާ އޮތް ކަމެއް."

ޔާމީން ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދު، ހުޅުމާލެއިންނާއި މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ކުއްލިއަކަށް ބައްލަވައިގެންނެވި އަގުބޮޑު އެޕާޓްމަންޓްތަކަކީ، އެ ބޭފުޅުންގެ ތަނަވަސްކަމާ ނުބައްދަލު ތަންތަން ކަމަށެވެ. އެހެންކަމުން 1 ފެބްރުއަރީގެ ހުކުމް ގުޅިފައި އޮތީ އެ އަގުބޮޑު ހަދިޔާތަކާ ކަމަށް ގަބޫލުކުރެއްވިގެން އެ މައްސަލަ ތަހުގީގުކުރަން ބޭނުންފުޅުވި ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެހެން ވިދާޅުވެފައި ދެން 'އޭރު މަނީ ލޯންޑަރިންގެ ގާނޫނު އޮތް ނަމަ މި ބޭފުޅުން ބަރާބަރަށް ހަތަރެސްކަނަށް ފެތޭނެ، ދިފާއެއް ނޯންނާނެ' ކަމަށް ވިދާޅުވުމަކީ އޮޅުމެކެވެ. ނުވަތަ އިތުރުފުޅެކެވެ. ސަބަބަކީ މަނީ ލޯންޑަރިންގެ ގާނޫނު 13 އެޕްރީލް 2014 ގައި ތަސްދީގުކުރެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޔާމީނު ކަމަށް ވުމެވެ. 

އެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޝަރީއަތެއް ވެސް ހިންގީ އެ މަނިކުފާނާ ދެކޮޅަށެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ކަމަށް ތުހުމަތުކުރި 1 މިލިއަން ޑޮލަރުގެ ދައުވާއިން ސުޕްރީމް ކޯޓުން މިދިއަ މަހު ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ.

'ކޮތަރުކޮށި ޖަލްސާ'ގެ ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ޕީޕީއެމް ކޯލިޝަންގެ ބައިވެރިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިހުތިރާމް އަދާކުރަން ތެދުވެ --ފޮޓޯ/ޕީޕީއެމް

ހުކުމާ ގުޅިގެން ކަންބޮޑުވީ ހަމައެކަނި އިންޑިއާ

ސުޕްރީމް ކޯޓުން 'ޓިނު ނެގި' މައްސަލައިގެ ވާހަކަ ފެއްޓެވުމުގެ ކުރިން އެ ހުކުމާ ގުޅިގެން ރާއްޖޭގެ ދާހިލީ ކަންކަމާ އިންޑިއާއިން އޭރު ވެސް ބެހެމުން ދިޔަ މިންވަރު، ޔާމީން ކިޔައިދެއްވި އެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ 1 ފެބްރުއަރީގެ ހުކުމާ ގުޅިގެން އުނދަގޫވީ ހަމައެކަނި އިންޑިއާއަށް ކަމަށެވެ. އަވަށްޓެރި އެހެން ހުރިހާ ގައުމަކުން ބެލީ އެއީ ދާހިލީ ކަމެއްގެ ގޮތުގައި ކަމަށާއި އެކަމަކު އިންޑިއާއިން ހިތްހަމަނުޖެހިގެން ތިން ސިޓީ ފޮނުވި ކަމަށް ވިދާޅުވި އެވެ. އިންޑިއާއިން ބުނަމުން ދިޔައީ، ޔާމީން ކިޔައިދެއްވި ގޮތުގައި، ހުކުމް ތަންފީޒުނުކުރުން ގަބޫލުނުކުރެވޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކަން ހިނގި ގޮތް އޮޅުންފިލުވައިދޭން ބައެއް ގައުމުތަކަށް ސަފީރުންނާއި މިނިސްޓަރުން ގޮސް، އެ ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކުރެއްވި އިރު، ޔާމީން ވިދާޅުވި ގޮތުގައި، ނިއު ދިއްލީއަށް ފޮނުވި އޭރުގެ ހާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމްއާ 'އެ އޮއް ބޮޑު ގައުމުން ބައްދަލުކުރާނެ ބަޔަކު ނުވެ އެނބުރި ވަޑައިގަތީ' އެވެ.

"ފުރަތަމަ ސިޓީއަށް ޕޮލައިޓްކޮށް ޖަވާބުދިނިން. ދެ ވަނަ ސިޓީ އުނދަގޫވި، ތިން ވަނަ ސިޓީއަށް ޖަވާބެއް ނުދެން،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބާއްވަން އުޅުމުން އެކަމަށް ހުއްދަ ނުލިބުނީ ސަރުކާރަށް އުނދަގޫވެގެންނެއް ނޫނެވެ. ޕީޕީއެމް ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދާ 'އިންޑިއާ މިލިޓަރި އައުޓް'ގެ އަޑު، ހުޅުމާލޭގައި ދިރިއުޅުއްވާ އިންޑިއާ ސަފީރަށް އަޑުއައްސަވަން އުނދަގޫވާތީ ކަމަށް ވިދާޅުވި އެވެ. މިހާރު ހުންނަވާ އިންޑިއާގެ ސަފީރު މުނު މަހާވަރުގެ ނަން ޔާމީނަށް އެނގިވަޑައިނުގަތުމުން ވިދާޅުވެވުނީ ކުރީގެ ސަފީރު ސަންޖޭ ސުދިރުގެ ނަމެވެ.

ޔާމީންގެ ވާހަކަފުޅު ވަރަށް ގިނަ ދިމަދިމާލަށް ގެންދެވި އެވެ. އެގޮތުން 2018ގެ އިންތިހާބުގެ ނަތީޖާ އޮޅުވާލުމުގެ ތުހުމަތު ސިފައިންނާއި އިލެކްޝަންސް ކޮމިޝަނާއި އިސް އެހެން ވެރިންނަށް އަމާޒުކުރެއްވި އެވެ. އޭރުގެ އިލެކްޝަންސް ކޮމިޝަނަރު އަދި އޭރު ޔާމީން ވަރަށް އިތުބާރުކުރެއްވި އަހުމަދު ޝަރީފަކީ 'އެންމެ ބޮޑު ހާއިނުންގެ ތެރެއިން ހާއިނެއް' ކަމަށް ސިފަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް