2019ގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ނަޝީދާއި ހުސައިން ޝަމީމް: ނަޝީދު ހުސައިންއަށް ކުރެއްވި ތުހުމަތުތައް ބެލުމަށް އިދާރާތަކަށް ހުށަހެޅުމަށް އޭނާ ހުންނެވީ ތައްޔާރަށް. (ފައިލް ފޮޓޯ/ އެމްޑީޕީ)

މޭ 6ގެ ހަމަލާ

ހުސައިން ބޭނުން ވަނީ ނަޝީދުގެ ތުހުމަތުތައް ތަހުގީގު ކުރަން

ތަހުގީގު ކުރުމަށް އިދާރާތަކަށް ހުށަހެޅުމަށް ޗެޓްލޮގް ހޯދުމަށް ހުސައިން ވަނީ މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅުވައި، އަމިއްލަ ޕާޓީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އަށް ތުހުމަތުކޮށް ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ދެއްކެވި ވާހަކަތައް ތަހުގީގު ކުރަން ބޭނުންވާތީވެ، އޭގެ ޗެޓްލޮގް ހޯއްދެވުމަށް އޭނާ މަޖިލީހުގައި އިއްޔެ އެދިވަޑައިގެންފި އެވެ.

މައްސަލައިގެ ފެށުން - މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި މިދިޔަ އާދިއްތަ ދުވަހު ނަޝީދު ވަނީ ހުސައިން އާއި މި ސަރުކާރަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން:

  • ހަމަލާގެ ކަންކަން ފޮރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށް ކުރާ ކަންކަމުގައި ޝަހީމް ބައިވެރިވެވަޑައިގަންނަވާ ކަމަށް ތުހުމަތު ކުރެއްވި

  • ނަޝީދު މެސެޖުގައި ލިޔުއްވީ، "ތިޔަ ބޭފުޅާގެ އަތުގައި ކޭއްތިފައި ތިޔަ ވަނީ އަޅުގަނޑުގެ ލޭ" ކަމަށް

  • އެ ތުހުމަތުތައް ހުސައިން ވަޓްސްއަޕް ގްރޫޕުގައި ދޮގުކުރެއްވި

ވީ ކިހިނެއް؟ - ނަޝީދުގެ ތުހުމަތުތައް ތަހުގީގު ކުރަން އެދޭތީވެ، އެ ޗެޓްލޮގް ހޯދުމަށް އިއްޔެ ޝަހީމް ވަނީ ރަސްމީކޮށް މަޖިލީހުގެ ރައީސް ނަޝީދަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީއާ ގުޅިގެން މަޖިލީހުގެ އާންމު ކޮމިޓީގެ ލަފައެއް ހޯދުމަށް ނަޝީދު ވަނީ އެ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފަ އެވެ. އެއާ އެކު، މިއަދު އެ ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.

ތަފްސީލު - މަޖިލިސް ޗުއްޓީގައި އޮއްވައި މިއަދު ހެނދުނު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ހުސައިންގެ އެ ސިޓީ ކޮމިޓީގެ މެންބަރުންނަށް އަޑު އިއްވާފަ އެވެ.

އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ދައުރުން ބޭރުން ބޭއްވި މި ބައްދަލުވުމުގައި ގިނަ މެންބަރުން ބައިވެރިވީ އޮންލައިންކޮށް (ފޮޓޯ މަޖިލިސް)

އެ ސިޓީގައި ހުސައިން ވިދާޅުވީ، ބޮމުގެ ހަމަލައާ ގުޅުވައި މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި އޭނާގެ "ބައިވެރިވުން އޮތް ކަމަށް ދޭހަވާ ގޮތަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް" ނަޝީދު ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު އެ ދެއްކެވި ވާހަކަތަކަކީ އޭނާގެ ހައްގުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނާނެ ގޮތަށް ދެއްކި ވާހަކަތަކެއްކަން ހުސައިންގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު، މި ބީދައިން އެއްވެސް އަސާސެއް ނެތް ގޮތަށް ކުރައްވާ ތުހުމަތުތަކަކީ، އޭގެ ސަބަބުން އަޅުގަނޑުގެ ފުރާނައަށް ނުރައްކާވުމުގެ އިހްތިމާލު އޮތް ހައްސާސީ މައްސަލައެއް،" އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕޫގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ހުސައިން ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއްކޮށް ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ރައްޔިތުންނަށް ވެސް ހާމަވާން ޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ދެކޭތީ، މި މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށްޓަކައި... މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައިވާ މެސެޖުތަކުގެ ކޮޕީ ލިބޭނެ ގޮތް ހައްދައިވައިދެއްވުން އެދެން."

މިކަމާ ގުޅޭ ގޮތުން ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް ވިދާޅުވީ:

  • ފުރާނައަށް ނުރައްކާވެދާނެ ކަމަށް ހުސައިން ދެކެވަޑައިގަންނަވާތީ، އޭނާއަށް ސަލާމަތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް؛ އެކަން ހަމަޖެއްސުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށް ދެކެން

މުގައްރިރާއި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް

ކޮމިޓީގައި ވާހަކަ ދައްކަވަމުން އަލިފުށި ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މި މައްސަލައަކީ އާންމު ކޮމިޓީއަށް ފޮނުވަން ޖެހޭ ފަދަ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މެންބަރަކު އެ ގޮތަށް ޗެޓް ލޮގެއް ދިނުމަށް އެދުމަކީ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީގެ ޔައުމިއްޔާއެއް ދިނުމަށް އެދުން ފަދަ ކަމެއް ކަމަށާއި  މަޖިލީހުގެ ރައީސް އަށާއި އިދާރީ މުވައްޒަފުންނަށް އެކަމުގައި ގޮތެއް ނިންމެން ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މެންބަރަކު އެދިވަޑައިގަންނަވާ ކޮންމެ ކަމެއް އާންމު ކޮމިޓީއަށް ގެނެސްގެން ގޮތެއް ނިންމުމަކީ ޕްރެސިޑެންޓެއް ގާއިމް ކުރުން. އެހެންވީމަ އަޅުގަނޑު އެދެނީ އަމީންއާންމާއި ކައުންސެލް ޖެނެރަލް އަމިއްލަފުޅަށް ނިންމަން ޖެހޭ ކަމެއްގެ ގޮތުގައި،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު ހަސަން ވިދާޅުވީ، ޖަލްސާގެ ޔައުމިއްޔާ އާއި ވަޓްސްއެޕް ގްރޫޕުގެ ޗެޓް ލޮގް ދިނުމަށް އެދުމަކީ ތަފާތު ދެ ކަމެއް ކަމަށާއި މިފަދަ ކަމަކަށް މެންބަރަކު އެދިވަޑައިގެންފައި ވަނީ އަލަށް ކަމަށް ވުމުން މިކަމުގައި ޕްރެސިޑެންޓެއް ގާއިމްވާން ޖެހޭ ކަމަށެވެ.

"އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށްޓަކައި ޗެޓް ލޮގް ބޭނުންވަނީ ކަމަށް ސިޓީގައި އޮތީ. އަޅުގަނޑަށް ވެސް އެނގޭ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ދައްކާ ވާހަކައިން ދައުވާ ނުކުރެވޭނެކަން. މީގައި މި އޮތް ގޮތުން، ވަޓްސްއެޕް ގްރޫޕުގައި ދެއްކި [ވާހަކަތަކެއް]. އެހެން ނަމަވެސް މަޖިލީހުގެ މެންބަރުންގެ މެދުގައި ދެއްކެވޭ ވާހަކަތަކެއް މި ވާހަކަތަކަކީ،" ދެ ފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ހަސަން ވިދާޅުވި އެވެ.

"އެހެންވީމަ މި ކަމާ ގުޅޭ ގޮތުން ހުސައިން ޝަހީމް ބޭނުންފުޅު ވަޑައިގަންނަވަނީ ޖިނާއީ ދައުވާއެއް ކުރެއްވުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުސް އޮފީހަށް ހުށަހަޅަން ކަމަށް ވަންޏާ، އެކަން ވެސް ސާފުކޮށްލަން މުހިންމު ކަންނޭނގެ މި ކަމަށް ގޮތެއް ނިންމުމުގެ ކުރިން."

އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަސަން ލަތީފް: އޭނާ އާއި ކޮމިޓީގެ އެހެން މެންބަރުންނާ ހިޔާލު ތަފާތުވި. (ފޮޓޯ/މަޖިލިސް)

މެންބަރު މުހައްމަދު ރަޝީދު ހުސައިން ދެއްކި ވާހަކަތަކަށް ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލް ހަކީމް ތާއީދު ކުރެއްވި އެވެ. އޭނާ ވިދާޅުވީ:

  • މީގެ ކުރިން ކޮމިޓީން ކަންކަން ނިންމުމުގެ ބަދަލުގައި މުޅި މަޖިލީހުގެ ކޮމިޓީއަށް ވެސް ފޮނުވާފައިވާ ކަމަށް

  • ކޮމިޓީން މި ކަމުގައި ގޮތެއް ނިންމުމުގެ ބަދަލުގައި އެއަށް ވުރެ ބޮޑުކޮށް ވިސްނުމަށް މުހިންމު

މިކަމާ ގުޅޭ ގޮތުން މުގައްރިރު ހަސަން ވިދާޅުވީ، ކޮމިޓީން މިކަމުގައި ގޮތެއް ނުނިންމޭނެ ކަމަށް ނިންމުމުގެ ބަދަލުގައި އިތުރަށް ކަންކަން ސާފު ކުރަން ފެންނަ ކަމަށެވެ. 

"މަޖިލިސް ވަޓްސްއެޕް ގްރޫޕަކީ ރަސްމީ ގުރޫޕްތޯ އަދި ނުރަސްމީ، ކިހާ ރަސްމީ ގްރޫޕެއްތޯ، އެ ހުރިހާ ކަމެއް އަޅުގަނޑުމެން އިތުރަށް ބަލާލުން ވެސް ރަނގަޅު ކަމެއް. އެ ކަންކަން ކޮށްލުމަށް ފަހު، ގޮތެއް ނިންމުން ބުއްދިވެރިކަމަށް ފެންނަނީ. އެހެން ނަމަވެސް މެންބަރުން ނިންމަވާ ގޮތަކަށް އަޅުގަނޑު ކުރިއަށް ގެންދާނަން،" ކުރިން ވާހަކަ ދެއްކެވި ދެ މެންބަރުންގެ ވާހަކަތަކާ ގުޅިގެން ހަސަން ވިދާޅުވި އެވެ.

އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ހަސަން ނިންމާލެއްވީ، މިއަދުން މިއަދަށް ގޮތެއް ނިންމުމުގެ ބަދަލުގައި އިތުރަށް ކަންކަން ސާފު ކުރަން ބޭނުންވާތީވެ އެކަން ބަލަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ. އެގޮތަށް އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީވެ، ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމާލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް