މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ޖަލްސާއެއްގައި: އެ މަނިކުފާނަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ތަހުގީގާއި ޝަރީއަތް ދާ ގޮތާ މެދު ހިތްހަމަޖެހިވަޑައެއް ނުގަންނަވާ

ތޯރިގުގެ މެސެޖްތަކުން ފެށުނު ބަހުސް، ނަޝީދުގެ ލެއާ ހަމައަށް

އަމިއްލަ ޕާޓީގެ މެމްބަރު ހުސެއިން ޝަމީމަށް ނަޝީދު ރައްދުދެއްވީ "އަތުގައި ކޭއްތިފައި ތިހުރީ އަޅުގަނޑުގެ ލޭ" ކަމަށް ވިދާޅުވަމުން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕްގައި އެ ބަހުސް ފެށުނީ ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގު (ޓޮމް) ލިއުއްވި މެސެޖަކާ އެކު އެވެ.

އެ މެސެޖު އައީ އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާއި ކުރީގެ ރައީސް އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ އެކައުންޓަކުން ކުރެއްވި ޓްވީޓަކަށް ދެއްވި ރައްދެއްގެ ގޮތުގަ އެވެ.

ހަލީމްގެ ކަންބޮޑުވުމަކީ، 6 މޭގައި ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށް، ޓެރަރިސްޓް ޖަމައާތަކަށް ތާއީދު ކުރި ކަމުގެ ދައުވާ އުފުލާފައިވާ އަބްދުﷲ އަލިމަނިކު، ބަހާރުމާގެ/ ހއ. މޮޅަދޫ، މީގެ ކުރިން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފު ދެއްވައި ދޫކޮށްލުމެވެ.

"ޖަލުގައި ހުއްޓާ ދޫކޮށްލި ގޮތް، އަދި ސަބަބު މިހާރު މާ ބޮޑަށް ވެސް މުހިންމު ވެއްޖެ. ކޮންމެވެސް ފަރާތަކުން ޖަވާބުދާރީވާން ޖެހޭ،" އެ ޓްވީޓްގައި ހަލީމް ލިޔުއްވި އެވެ. 

އޭނާ އެގޮތަށް ލިއުއްވީ ނަޝީދުގެ ނުރަސްމީ އެކައުންޓުން ކުރެއްވި ޓްވީޓެއް ހިމަނުއްވައިފަ އެވެ. އެ ޓުވީޓުގައި ލިއެފައިވަނީ ބޮމުގެ ހަމަލާދިން ކަމަށް އިއުތިރާފުވެފައިވާ އަދުހަމް އަހުމަދު ރަޝީދަށް އެ ރޭ އެހެން ގަމީހެއް ހިފައިގެން ދިޔަ މީހަކާ އެކު ސައިކަލް ފަހަތުގައި އިން އަހްމަދު ފާތިހުއާ ބެހޭ ގޮތުންނެވެ.

ފާތިހުއަކީ ކުރިން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި މީހެކެވެ. އޭނާ ފުލުހުންގެ ތެރެއިން ވަކިކުރީ ބޮމުގެ ހަމަލާއަށް ފަހު ކަމަށް، ނަޝީދުގެ ނުރަސްމީ އެކައުންޓުން ބުނި ނަމަވެސް، ފުލުހުން ކުރިން ބުނެފައި ވަނީ ފާތިހު ވަކިވީ ބޮމުގެ ހަމަލާގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށެވެ.

ތޯރިގް މަޖިލިސް ގްރޫޕަށް ލީ ޓްވީޓް: ބަހުސް ފެށުނީ މި ޓްވީޓާ އެކު

އެ ދެ ޓްވީޓް މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ލެއްވުމަށް ފަހު، ތޯރިގް ވިދާޅުވީ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި މީހަކު ބޮމުގެ ހަމަލާގައި ބައިވެރިވުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. 

ދެން ތޯރިގް އިޝާރާތްކުރެއްވީ އެ ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިހްމާލު އޮތް ކަމަށް ވިދާޅުވެ، ނަޝީދުގެ ދޮށީ ދަރިކަނބަލުން އެދުވަސްވަރު ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކަށެވެ. އަދި މާރިޔާ ވާޒީފާއިން ވަކިކުރާ ހިސާބަށް ކަންކަން ގޮސްފައިވަނިކޮށް، އެކަން ހުއްޓުނީ އިންޑިއާގެ އެދުމުގެ މަތިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވާ އެގޮތަށް އެދިވަޑައިގަތުމުން ކަމަށް ތޯރިގް ތުހުމަތުކުރެއްވި އެވެ.

ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ފާތިހު އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ދައުވާ އުފުލާފައިވާ އަލި މަނިކު

"އިންޑިއާއިން އެދެނީ ޑިފެންސް މިނިސްޓަރު ކަމުގައި މާރިޔާ ބެހެއްޓުމަށް. އޭގެ ފަހުން މާރިޔާ އެ އުޅެނީ ބިހުން ސަލާމަތް ނުވެގެން. އަނގައެއް އޮތިއްޔާ ދޮގުކުރޭ،" ތޯރިގް ލިއުއްވި އެވެ.

އޭނާގެ އެ ތުހުމަތުތަކާ ގުޅިގެން ރައީސް ސޯލިހްގެ ފެކްޝަން މެންބަރުނަށް މަޑަކުން ނުތިއްބެވުނެވެ. ސަރުކާރާއި ރައީސް ސޯލިހްގެ ދިފާއުއަށް ނުކުންނެވި އެވެ.

"އެމްޕީ [ތޯރިގް] ތިޔަހާ ރަނޑުވެގެން އަދި ތިކަމެއް ނުވާނެ!" ސަރުކާރުގެ ދިފާއުގައި ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއިލް އަހްމަދު ވިދާޅުވި އެވެ.

"ތިޔަ ޒާތުގެ ފެން ނުހިފާ ޔޯލަ ވާހަކަތަކުން ސިޔާސީ ފަލްސަފާއަކީ ދެބަސްވުމަށް އެއްބަސްވުންކަމަށް ދެކެމުން އަދި އެކަން އަމަލުން ސާބިތުކޮށްދެއްވަމުން އަންނަ ހިކުމަތްތެރި ލީޑަރެއްގެ އަޒުމާއި ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކަށް ލޮޅުން އަރުވައެއް ނުލެވޭނެ." 

ބަހުސް ތެރެއަށް ނަޝީދާއި ހުސައިން

މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ނަޝީދު އާއި ހުސައިން: ހުސެއިން މިހާރު ހުންނެވީ ރައީސް ސޯލިހުގެ ފަޅީގައި

ދެން އެ ބަހުސްގެ ތެރެއަށް ވެންނެވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސެއިން) އެވެ. އޭނާ ވިދާޅުވީ ތޯރިގް އެމްޑީޕީގެ ކަންކަމާ ނޫޅުއްވައި އޭނާ ނިސްބަތްވާ ޕާޓީގެ ކަންކަމާ އުޅުއްވުމަށެވެ.

"ޕީޕީއެމް/ޕީއެންސީގައި ހުންނާނެ ކުރަން ހުރި މަސައްކަތް ވަރަށް ގިނަ، އެކަމާ އުޅުއްވަން ފެނޭ. އެމްޑީޕީ މީހުން އެމްޑީޕީ ހިންގާނެ،" ހުސައިން ވިދާޅުވި އެވެ.

އެ ހިސާބުން ނަޝީދުގެ ބަހުގެ ހަމަލާތައް ހުސައިންއަށް އަމާޒުވި އެވެ. ނަޝީދު ވިދާޅުވީ ތޯރިގަކީ އެ މަނިކުފާނުގެ ވާދަވެރިއަކަށް ވެދާނެ ކަމަށާއި ނަމަވެސް "އަބަދުވެސް ގޮތުގައި ހުރި މީހެއް" ކަމަށެވެ. ދެން އެ މަނިކުފާނުގެ ބަސްމަގު އެނބުރުނީ 6 މޭގެ ހަމަލާއަށެވެ.

ނަޝީދު ވިދާޅުވީ އެ ހަމަލާގެ ތަހުގީގަކީ ހަމައެކަނި ހުސައިންގެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ހުސައިން ތިޔަ ހުންނެވީ އެކަން ފޮރުވަން ކުރާ މަސައްކަތުގައި ބައިވެރިވެ،" އެ ހަމަލާގެ ކަންކަން ފޮރުވަން ސަރުކާރާ ގުޅިގެން ހުސައިން އަމަލުކުރައްވާ ކަމަށް ތުހުމަތުކުރައްވައި ނަޝީދު ވިދާޅުވި އެވެ. 

ޖަވާބުގައި ހުސައިން ވިދާޅުވީ އެއީ އޭނާ ހިންގަވާ ތަހުގީގެއް ނޫން ކަމަށެވެ. ބޮމުގެ ހަމަލާއާ ބެހޭ ކަންކަން ރަނގަޅަށް ނުހިނގާ ނަމަ، ޖުޑިޝަލް ސާވިސް ކޮމިޝަން އާއި މަޖިލީހުން ބަލަންވީ ކަމަށް ވިދާޅުވި އެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ހަމަލާއާ ގުޅޭ ކަންކަން ބަލަން އުޅުނު އެ ހުރިހާ ކޮމިޓީއަކަށް ވެސް ހުސެއިން ހުރަސް އެޅުއްވި ކަމަށެވެ. އެގޮތަށް އޭނާ އެކަން ކުރެއްވީ ރައީސް ސޯލިހް ވިދާޅުވެގެން ކަމަށް، ދޭހަވާ ގޮތަށް ވެސް ނަޝީދު ލިއުއްވި އެވެ. 

"ރައީސް[ނަޝީދު]އަށް ވަރަށް އިހުތިރާމާ އެކު ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ތިބާވަތުގެ އެއްވެސް ވާހަކައެއް އަޅުގަނޑާ ދައްކާފައެއް ނެތް،" ދިފާއުގައި ހުސައިން ވިދާޅުވި އެވެ.


"އިހުތިރާމަކީ ލިޔެލާ ތަނުން ލިބިވަޑައިގަންނަވާ އެއްޗެއް ނޫން،" ނަޝީދު އަނެއްކާވެސް ހުސައިންއަށް ރައްދު ދެއްވި އެވެ. އޭގެ ފަހުން ދެން ވިދާޅުވީ ވަރަށް ބޮޑު ވާހަކަފުޅެކެވެ.

"ތިޔަ ބޭފުޅާގެ އަތުގައި ކޭއްތިފައި ތިޔަ ވަނީ އަޅުގަނޑުގެ ލޭ."

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅުވައި އެގޮތަށް އެފަދަ އެއްޗެއް ވިދާޅުވުމުން ހުސައިންއަށް ލިއުއްވުނީ "ރައީސް މާ ކޯފާފުޅުވެފައި ތި ހުންނެވީ" މިހެންނެވެ.

"ހުސައިން އެއީ ކެރަފާ، ދަނޑިކޮށީގޭ ލޭ. ހީވަނީ އަސަރު ހުންނާނެހެން،" ދޫނުދެއްވައި، އިނގިރޭސި ބަހުން ނަޝީދު ވިދާޅުވި އެވެ.

"ހުސައިންގެ އަތަށް ބައްލަވާލައްވާ. އަޅުގަނޑުގެ ލޭ ތިޔަ އަތުގައި ހުރީ."

ނަޝީދުގެ ވާހަކަފުޅު އެހާ ހަރުކަށިވުމާއި އެފަދަ ނުބައި ތުހުމަތެއް ބޮލުގައި އެޅުމުން ހުސެއިން ވެސް ވާހަކަ ކުރިއަށް ގެންދެވި އެވެ. އޭނާ އެއްސެވީ މަޖިލީހުން އެކުލަވާލި ރިޕޯޓްގައި އޭނާގެ ވާހަކަ އޮތްތޯ އެވެ.

"އަޅުގަނޑުގެ ވާހަކަތޯ އޮތީ ބޮން ގޮއްވާލި ތަހުގީގާއި [މަޖިލީހުން އެކުލަވާލި] އިންކުރައީ ރިޕޯޓުގައި؟ އަތުގައި ލޭ ހުންނަން،" ހުސައިން ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ކީއްވެ؟

ނަޝީދުގެ ގާތް މެންބަރުން ވިދާޅުވާ ގޮތުގައި ނަޝީދު އިޝާރާތް އެ ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން އުކުލަވާލި "މެއި ހައެއް" ކޮމިޓީން އެ ތަހުގީގާ ގުޅޭ ގޮތުން ފަހުގެ މައުލޫމާތު ދިނުމަށް ބާއްވަން އުޅުނު ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ކޯރަމް ހަމަ ކުރިޔަ ނުދޭން ސަރުކާރުގެ އިސް ބޭފުޅުން ކުރެއްވި މަސައްކަތުގެ ވާހަކައަށް ކަމަށެވެ.

މީގެ ކުރިން ވެސް ނަޝީދުގެ ގާތް މެންބަރުން އެ ވާހަކަތައް ދައްކާފައިވެ އެވެ. އެކަމަކު އެ ކޮމިޓީން މައުލޫމާތު ހިއްސާކުރަން ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ކޯރަމް ހަމަކުރެވޭ ގޮތެއް ނުވެ އެވެ. 

ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރަނީ އެއީ ތަހުގީގަށް ވެސް ހުރަސް އެޅުން ކަމަށެވެ. އަދި ތަހުގީގަށް ހުރަސްއަޅާ މީހުންނަކީ ހަމަލާގައި ބައިވެރިވި މީހުން ފަދަ ބައެއް ކަމަށް، މާނަކުރެވިދާނެކަން، މެސެޖްތަކުގެ ބަހުރުވައިން އެނގެ އެވެ.

ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މި ދަނޑިވަޅުގައި ނަޝީދު އެފަދަ ތުހުމަތުތަކެއް އެ ކުރައްވަނީ، ޕާޓީގެ އެތެރޭގެ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދާތީވެ، އާންމު މެންބަރުންގެ ޖަޒުބާތުތަކާ ކުޅުއްވުމަށެވެ. އަދި ނަޝީދު ބޭނުންފުޅުވާ ގޮތަށް ވޯޓު ލިބޭތޯ ކަމަށް ވެސް އެ މެންބަރުން ތުހުމަތުކުރަވަ އެވެ.

ރޭ ރާއްޖޭގެ މީޑިއާއިން ޖާގަ ހޯދީ ނަޝީދު އެ ވިދާޅުވި އެ މަނިކުފާނުގެ "ލޭގެ ވާހަކަތަކާ" ގުޅޭ ހަބަރުތަކެވެ. އަމިއްލަ ޕާޓީގެ މެމްބަރެއްގެ އަތުގައި، 6 މެއިގެ ހަމަލާއާ ގުޅިގެން، އެ މަނިކުފާނުގެ ލޭ ކޭއްތިފައި ހުރި ކަމަށް ވިދާޅުވުމަކީ ބޮޑު ވާހަކައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް