މަރުގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މަރްޔަމް ނަޒާހާ ސުޕްރީމް ކޯޓުގައި

ދައުލަތުން ގަބޫލުކުރަނީ ނަޒާހާ ގަސްތުގައި ފިރިމީހާ މަރާލީކަމަށް

ނަފްސާނީ ހާލަތު ދެނެގަތުމަށް އެދުމަކީ ނަޒާހާ ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ދައުލަތުން ބުނި

މަރިޔަމް ނަޒާހާ ތަހުގީގުގައި ދައްކާފައިވާ ވާހަކަތަކުން އޭނާގެ ފިރިމީހާއަށް ވަޅިއަކުން ހަމަލާދިނީ، ފިރިމީހާ މަރާލުމުގެ ގަސްތު އޮވެގެންކަން އެނގޭ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މައްސަލައިގެ ފެށުން - ނަޒާހާ 25 އަހަރަށް ޖަލަށް ލާން 2011ގައި ދަށު ކޯޓުން ހުކުމްކުރީ، އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. ޖޫން 2010ގައި ހަސަން ޝާހިދު މަރުވީ ނަޒާހާ އޭނާގެ ބުރަކައްޓަށް ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ހައިކޯޓުން ނަޒާހާގެ މައްސަލަ ނިންމީ މެއި 2015ގަ އެވެ. ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ އޭގެ ހަ އަހަރު ފަހުންނެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގައި މައްސަލައިގެ އިސްތިއުނާފު ފެށުމުން، ނަޒާހާގެ ފަރާތުން ބުނެފައި ވަނީ ޝާހިދަށް ހަމަލާ ދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށާއި އެއީ ހީނަރުވެފައިވާ ނަފްސާނީ ހާލަތެއްގައި ހުރެ، އަމިއްލަ ދިފާއުގައި ކުރެވުނު ކަމެއް ކަމަށެވެ. އެ ވާހަކަތައް ސުޕްރީމް ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ނަޒާހާގެ ފަރާތުން ވަނީ އެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

އިތުރަށް ކިޔާލަން -

ތަފްސީލް - މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ނަޒާހާގެ ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު ކޯޓުގައި ވިދާޅުވީ ނަޒާހާގެ ތަހުގީގު ބަޔާން ނެގީ، އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ. އެތަކެއް ސުވާލުތަކެއް ކޮށް، ނަޒާހާގެ އިއުތިރާފު ބަޔާން ކަމަށް ބުނާ ބަޔާނެއް ހޯދީ ނަޒާހާ ހުރީ އެފަދަ ބަޔާނެއް ދެވޭފަދަ ހާލަތެއްގައިތޯ ނުވަތަ ނޫންތޯ ނުބަލައި، އަދި އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރެއް ވެސް ވަޒަންނުކޮށް ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ނިހާޔަތު ތަކުރާރުކޮށް ވިދާޅުވީ ތަހުގީގު މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާގައި ވެސް ނަޒާހާގެ ހާލަތު ދެނެގަނެފައި ނުވާ ކަމަށެވެ.

"އޭނާއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، އެތަކެއް އަހަރުތަކެއް ވަންދެން ތަހައްމަލުކުރި ފަރާތަކަށް ވާއިރު، މިއަދާ ހަމައަށް އައި އިރުވެސް އެ އަނިޔާތަކުން އޭނާއަށް ލިބިފައި ހުރި ގެއްލުމަކީ ކޮބައިކަން، އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ހުރީ ކިހިނެއްތޯ، މިހާތަނަށް ވެސް ބެލިފައެއް ނެތް،" ނިހާޔަތު ވިދާޅުވި އެވެ.

އެހެންކަމުން މިކަމުގައި ދައުލަތުގެ އިހުމާލު ބޮޑުކަމަށް ދިފާއުން ބުންޏެވެ. ނިހާޔަތު ވިދާޅުވީ ނަޒާހާގެ ނަފްސާނީ އެސެސްމަންޓަކީ އޭނާގެ ފަރާތުން ކޯޓުގައި ނެގި ދިފާއުތަކާ މެދު ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ކޮންމެހެން ވެސް ބޭނުން އެއްޗެއް ކަމަށެވެ.

އެފަދަ އެސެސްމަންޓަކުން އެނގިގެންދާ ކަންކަމަކީ އެކަމާ ގުޅޭ މާހިރުން މެދުވެރިނުކޮށް، ދެކެވޭ ވާހަކައަކަށް ބަލައިގެން ތަހުގީގު ކުރާ ފަރާތާއި، ފަނޑިޔާރަކަށް ވެސް އެކަމުގެ އިލްމު ނެތި ކުރެވޭނެ ކަމެއް ނޫން ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

އެހެންކަމުން، އެފަދަ އެސެސްމަންޓެއް ހެދިފައި ނެތުމަކީ ނަޒާހާގެ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ތިން ސީޑީ

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ސާމް ވިދާޅުވީ، ނަޒާހާއަށާއި ޝަރީއަތަށް ރައްދުކުރުމަށް ޕީޖީ އޮފީހުން ތިން ސީޑީއެއް ހުށަހަޅާފައިވާނެ ކަމަށެވެ. އެ ތިން ސީޑީއަކީ:

  • ނަޒާހާ އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރި ކޯލް ރިކޯޑިން ސީޑީ 

  • ނަޒާހާ ތަހުގީގަށް ދީފައިވާ އިންޓަވިއު ރެކޯޑިން ސީޑީ 

  • ޝާހިދުގެ މޮބައިލް އެނަލިސިސްގެ ސީޑީގެ ކޮޕީ

ދިފާއީ ވަކީލު ނިހާޔަތު ވިދާޅުވީ އެ ސީޑީތަކަކީ ދަށު ކޯޓުގެ މަރުހަލާތަކުގައި ހުށަހެޅި އެކަމަށް ބަހުސްކުރެވިފައިވާ ތަކެތި ކަމަށް ނުވާތީ، މި މަރުހަލާގައި އެ ތަކެތި ހުށަހެޅިދާނެ ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައިގައި ދަށު ކޯޓު މަރުހަލާގައި ވެސް އެ ތިން ސީޑީ ހުށަހެޅި ކަމަށެވެ.

ނަމަވެސް މި މަރުހަލާގައި އެ ސީޑީތައް ހުށަހެޅުން ލަސްވީ އެ ތަކެތި ޕީޖީ އޮފީހުގައި ނެތުމުން، ފުލުހުންގެ އަތުން ހޯދަން ޖެހުމުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ އެ ތަކެތި ބެއްލެވުމަށްފަހު ނަޒާހާއަށް ވެސް ހިއްސާކުރައްވާނެ ކަމަށެވެ.

ނަޒާހާއާ ދެކޮޅަށް ނަޒާހާގެ ބަސް

ދައުލަތުގެ ވަކީލު ސާމް ވިދާޅުވީ، ނަޒާހާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި ދިފާއަކީ ޝާހިދު މެރުމުގެ ގަސްތުނެތް ކަމަށާއި އެކަން ކުރީ އަމިއްލަ ދިފާއުގައި ކަމަށް ވީ ނަމަވެސް، ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު އަމަލުކުރަމުން ދިޔަ ގާނޫނުނުލްއުގޫބާތުގައި، އަމިއްލަ ދިފާއުގައި މީހަކު މެރުމަކީ ދިފާއެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން އެ ދިފާއަކީ އެ ދިފާއުގެ ސަބަބުން މަރްޔަމް ނަޒާހާ ކުށުން ބަރީއަވާނެ ދިފާއެއް ނޫން،" ސާމް ވިދާޅުވި އެވެ.

ސާމް ވިދާޅުވީ މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާއިން، އެ ދުވަހު ނަޒާހާއަށް އަނިޔާއެއް ދެވޭނެ ފުރުސަތާއި ވަގުތު ޝާހިދަށް ތަނަވަސްވެފައި ނުވާކަން އެނގެން އޮންނަ ކަމަށެވެ. އަދި 'ޕްރޮވޮކޭޝަން'ގެ ދިފާއު ދަށު ކޯޓުގައި ނަގާފައިވާނެ ކަމަށް ނަޒާހާގެ ފަރާތުން ބުނި ނަމަވެސް، އެކަން ފާހަގަވާން ނެތް ކަމަށެވެ.

ޝާހިދު މަރާލުމުގެ ގަސްތެއް ނެތް ކަމަށައި، އެ އަމަލު ހިންގުމުގައި ދުރާލާ ރޭވުމެއް ނުވަތަ މަރާލުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނެތް ކަމަށް ނަޒާހާގެ ފަރާތުން ބުނެފައިވީނަމަވެސް، މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ހުރީ އެ ބުނުމާ ދެކޮޅަށް ކަމަށް ސާމް ވިދާޅުވި އެވެ.

ސާމް ވަނީ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއް ފަހުން، ނަޒާހާ ޕޮލިހަށް ދިން ވީޑިއޯ އިންޓަވިއުގައި ދައްކާފައިވާ ބައެއް ވާހަކަތައް ކޯޓާ ހިއްސާކޮށްފަ އެވެ. އެގޮތުން، ހަމަލާދިން ވަޅިއާ ގުޅޭގޮތުން ސުވާލުކުރުމުން އެ ވަޅިއަކީ ހަސަން ޝާހިދު އޭގެ ދެ މަސް ދުވަސްކުރުން ގަނެދިން ވަޅިއެއް ކަމަށް ބުނުމަށްފަހު، "އެއީ ހަގީގަތުގައި ވެސް އޭނާގެ [ޝާހިދުގެ] ގަޔަށް ޖަހަން ހޯދާފައި އޮތް ވަޅިއެއް" ކަމަށް ނަޒާހާ ބުނި ކަމަށް ވަކީލު ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން ނަޒާހާ ބުނެފައިވާ ވާހަކަތައް ކަމަށް ވަކީލު ވިދާޅުވި ވާހަކަތަކަކީ:

  • "ތަޅާފޮޅާ ހަދާތީ އަދި އެއް ދުވަހަކުން ވަޅި ޖަހާނެ ކަމަށް ބުނެފައިވާނެ" 

  • "އޭނާއަށް ވެސް އެނގޭނެ ވަޅިއެއްކަން ޖަހާނީ. ވަޅި ޖަހާނަމޭ ބުނެފައި އޮތީމަ" 

  • "ޖަހަންޏާ ޖަހާނީ ގެއްލުމެއް ވާނެ އެއްޗަކުންނޭ ކުރިން ވެސް ބުނެފައި ވާނެ" 

  •  "އަޅުގަނޑު ގަސްތުގައި ކުރި ކަމެއް. އެހެންވީމަ ސާބިތުކުރަން ބޭނުން"

ހަމައެއާއެކު، ހާދިސާ ހިނގުމުގެ 11 ދުވަސް ކުރިން، 11 ޖޫން 2010 ގައި ނަޒާހާގެ ފަރާތުން ހަސަން ޝާހިދަށް ފޮނުވި ޓެކްސްޓް މެސެޖެއްގައި "މަރުވާން ވެސް އުޅޭ އެއްޗެއް ވެސް ނޫން ހުވާ" ބުނެފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

"އެހެންކަމުން ދުރާލާ ހަސަން ޝާހިދު މަރާލުމުގެ ވިސްނުމެއް ނެތް ކަމަށް މަރްޔަމް ނަޒާހާ ބުނި ނަމަވެސް، އޭނާގެ އަމިއްލަ ވާހަކަތަކުން ހަސަން ޝާހިދު މަރާލުމަށް ދުރާލާ ވިސްނާފައިވާކަމާއި އެކަމުގެ ގަސްތު އޮތްކަން އެނގޭ،" ވަކީލު ވިދާޅުވި އެވެ.

އޭގެ އިތުރުން، ނަޒާހާ ޝާހިދަށް ހަމަލާ ދީފައިވަނީ ތޫނު ވަޅިއަކުން ކަމަށް ވެފައި، އެ ވަޅިއަކީ ޝާހިދަށް ހަމަލާދިނުމަށް ކޮޓަރިތެރޭގައި ބާއްވާފައިވާ ވަޅިއެއް ކަމަށް ނަޒާހާ ބުނެފައިވާތީ އާއި އެ ވަޅިން ހަމަލާ ދީފައި ވަނީ ޝާހިދުގެ ފުރަގަހުން، ޝާހިދުގެ ބުރަކައްޓަށް ކަމަށް ވާތީ އެ ހާލަތުގައި އެހެން ގޮތަކަށް ސާބިތުނުވާ ހިނދުގައި މަރާލުމުގެ ގަސްތު އޮތް ކަމަށް ބަލަންޖެހޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

"ކުށުގެ ނިޔަތް ނަފީކުރެވޭ ވަރުގެއް ހެއްކެއް ނަޒާހާގެ ފަރާތުން ހުށަހަޅާފައެއް ނުވޭ،" ވަކީލު ވިދާޅުވި އެވެ.

ނަޒާހާއަކީ އޭނާގެ ފިރިމީހާގެ ފަރާތުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ލިބެމުންދިޔަ މީހެއް ކަމަށާއި، ފިރިމީހާ މަރާލީ އަނިޔާއިން ސަލާމަތްވުމަށް ކަމަށާއި، އެ ހާލަތަކީ 'ބެޓާޑް ވިމެއް ސިންޑްރޯމް'ގެ ދިފާއު ނަޒާހާއަށް ލިބި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭނެ ހާލަތެއް ކަމަށް ނަޒާހާގެ ފަރާތުން ވަނީ ބުނެފަ އެވެ.

ނަމަވެސް ސާމް ވިދާޅުވީ 'ބެޓާޑް ވިމެން ސިންޑްރޯމް' އަކީ ދިފާއުއެއް ކަމަށް ބުނުމަކީ ނުރަނގަޅު ދޭހަކުރުމެއް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

"އެއީ ސިންޑްރޯމް އެކޭ ކީ ނަމަވެސް، ބައްޔެއް ނޫން. އަދި އެއީ އޭގެ ޒާތުގައި އަމިއްލަ މިނިވަން ގާނޫނީ ދިފާއެއް ވެސް ނޫން،" ސާމް ވިދާޅުވި އެވެ.

ބެޓާޑް ވިމެން ސިންޑްރޯމް އަކީ ޑިމޮކްރެޓިކް ގައުމުތަކުގައި ބަލައިގެންފައިވާ ދިފާއެއް ކަމަށް ވިދާޅުވެ، ނަޒާހާގެ ދިފާއީ ވަކީލު ގިނަ ކޭސްތަކެއް ވިދާޅުވެދެއްވި ނަމަވެސް، ނަޒާހާގެ ފަރާތުން ފާހަގަކުރި އެއްވެސް މައްސަލައެއްގައި، ބެޓާޑް ވިމެން ސިންޑްރޯމް އަކީ ހުއްދަވެގެންވާ ދިފާއެއް ކަމަށް ކަނޑައަޅާފައި ނުވާކަމަށް ވެސް ދައުލަތުން ބުންޏެވެ.

ތަހުގީގު މަރުހަލާއާއި ޝަރީއަތުގައި ވެސް ނަޒާހާގެ ނަފްސާނީ ހާލަތަށް ރިއާޔަތް ނުކުރާކަމަށް ބުނާއިރު، ނަފްސާނީ ހާލަތު ސާބިތުކޮށްދިނުމަށް ދިފާއުން ހެއްކެއް ހުށަހަޅާފައި ނެތްކަން ދައުލަތުން ފާހަގަކުރި އެވެ. ދައުލަތުން ބުނީ އެކަމާ ގުޅުންހުރި އެކްސްޕާޓެއް މެދުވެރިކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓު ތައްޔާރުކުރުން ނުވަތަ އެކަމަށް އެދި ހުށަހެޅުމަކީ ދިފާއުގެ ޒިންމާއެއް ކަމަށްވާއިރު، އެފަދަ ކަމަކަށް އެދިފައި ނުވާ ކަމަށެވެ.

ޝަރީއަތުގެ އިސްނެގުމަށް ނުވަތަ ޕްރޮސެކިއުޝަނުން އެދިގެން މީހެއްގެ ސައިކޮލޮޖިކަލް ހާލަތު ދެނެގަންނަން ޖެހޭނީ ދައުވާ ނުވަތަ ހުކުމް ބަލައިގަތުމަށް އެމީހަކަށް ނުކުޅެދިގެންވާ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި ކަމަށާއި، މި މައްސަލައިގައި އެކަން ފާހަގަވާން ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް