ގދ. ހޯނޑެއްދޫ: އެ ރަށުގައި މަސް ފެކްޓްރީ ނޭޅި 17 އަހަރު ވެއްޖެ. (ފޮޓޯ/ކައުންސިލް)

ހޯނޑެއްދޫ ފެކްޓްރީ ނޭޅި 17 އަހަރު؛ އެއްބަސްވުމުން ނެއްޓޭނެ ގޮތެއް ވެސް ނެތް

އެ ފެސިލިޓީގެ މަސައްކަތް ކުރިއަށް ނުދާތީ މަޖިލީހުގައި މިދިޔަ ހަފްތާގައި ވެސް އަދި މިއަދު ވެސް، ހުވަދޫގެ މެމްބަރުން ވަނީ ފިޝަރީޒް މިނިސްޓަރާ ސުވާލުކުރައްވާފައި
29 އޯގަސްޓު 2022
1

މުހިންމު ނުކުތާތައް

ފެކްޓްރީ އަޅަން ބިން ދޫކުރީ ޑިސެމްބަރު 2005ގައި

އެކި ސަބަބު ދައްކައި އެކި ފަހަރު މަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކުރި

މިހާރު ބުނަނީ އެ ތަން ހިންގައިގެން ފައިދާ ނުވާނެ ކަމަށް

ގދ. ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖަކާއި މަސް ގަންނަ ފެސިލިޓީއެއް ގާއިމުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް އަށް 13.5 ހެކްޓަރުގެ ބިން ދޫކުރީ 8 ޑިސެމްބަރު 2005ގަ އެވެ. ބިން ދޫކުރާތާ އަހަރު ދުވަހުގެ ތެރޭގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް މަސް ގަތުމުގެ އޮޕަރޭޝަން ފަށަން އޮތީ އެއްބަސްވެފަ އެވެ.

ސަރުކާރާއި ހޮރައިޒަންއާ ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް ގާއިމުކުރަން ޖެހެ އެވެ. 

ނަމަވެސް، އަންނަ ޑިސެމްބަރު މަހު އެ އެއްބަސްވުމަށް 17 އަހަރު ފުރޭއިރު، އެ ކާރުހާނާ ފެންނާކަށް ނެތެވެ. ދިވެހި މަސްވެރިންގެ، ހާއްސަކޮށް ހުވަދޫގެ މަސްވެރިންގެ ވަރަށް ގިނަ އުންމީދުތަކެއް ގުޅިފައި އޮތް އެ ފެސިލިޓީގެ މަސައްކަތް ނިމޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ވެސް ނެތެވެ.

އެ ފެސިލިޓީގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހަފްތާގައި ވެސް އަދި މިއަދު ވެސް، ހުވަދޫގެ މެމްބަރުން ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ސުވާލުކުރައްވާފަ އެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހުސައިން ވިދާޅުވީ، އެ މަސައްކަތް ނުފަށާ އޮތީ ހޮރައިޒަންއަށް ފައިދާ ނުވާނެތީ ކަމަށެވެ. އެއްބަސްވުމާ އެއް ގޮތަށް މަސައްކަތް ނުފެށިޔަސް، އަކަފޫޓަކަށް މަހަކު 15 ލާރީގެ އުސޫލުން ހޮރައިޒަންއަށް އެ ބިން ކުއްޔަށް ދީފައި އޮތް ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

މިއަދު ވެސް މަޖިލީހުގައި އޮތީ އެ ފެކްޓްރީއާ ގުޅޭ ސުވާލުތަކެވެ. މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މިއަދު މިނިސްޓަރުގެ ކިބައިން އެދިވަޑައިގަތީ، މަސް ފެކްޓްރީ ނިންމަން މިހާރު ދީފައިވާ މުހުލަތަކީ ކޮބައި ކަމާއި، އެކި ފަހަރު މަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކުރި ސަބަބުތައް ހޯދުމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުވަދޫ ކޯލްޑް ސްޓޯރޭޖް އާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަނީ. (ފޮޓޯ/މަޖިލިސް)

ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް ނިންމުމަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ 7 ސެޕްޓެމްބަރު 2006ގެ ނިޔަލަށެވެ. ނަމަވެސް، ހޮރައިޒަން އިން އެދިގެން 30 ނޮވެމްބަރު 2007ގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްދިނެވެ. އެއްބަސްވުމާ އެއްގޮތަށް މަސް ފެކްޓްރީގެ މަސައްކަތް ނުނިންމޭނެ ކަމަށް ހޮރައިޒަން އިން ދެއްކި ސަބަބުތަކަކީ:

  • ކޮންސްޓްރަކްޝަން މަސައްކަތް ކުރާނެ މީހުން ތިބޭނެ ވަގުތީ އިމާރާތް ގާއިމުކުރަން ވަގުތު ބޭނުންވުން 

  • ދަގަނޑާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަޝްރޫއުގެ ޖުމްލަ އަގު %35 ބޮޑުވުން 

  • އޯޑަރުކޮށްފައިވާ ތަކެތި ރާއްޖެ ގެންނަން އިތުރު ވަގުތު ހޭދަވުން 

  • ފަޅު ކޮނުމާއި ބިން ހިއްކުމަށް ކުރިން ލަފާކުރި ވަރަށް ވުރެ އިތުރު މުއްދަތު އެ ކުންފުންޏަށް ބޭނުންވުން 

ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މުއްދަތު ސަރުކާރުން އިތުރުކޮށްދިން ފަހުން، ހޮރައިޒަން އިން 25 އޮކްޓޫބަރު 2007ގައި ފިޝަރީޒްއަށް ފޮނުވި ސިޓީއެއްގައި ބުނީ ފެކްޓްރީ ނިންމުމަށް ވަރަށް ބޮޑެތި ހުރަސްތައް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން، އެ ރަށުގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް ނިންމުމުގެ މުއްދަތު އިތުރު އަހަރެއް ދިނުމަށް އެދުނެވެ.

އެ ފަހަރު އެ ކުންފުނިން ފާހަގަކުރި ގޮންޖެހުންތަކަކީ:

  • ކޯލްޑް ސްޓޯރޭޖަށް ބޭނުންވާ ބައެއް މުދާ އަގު ބޮޑުވެފައިވުން 

  • އެ ތަކެތި ވިއްކާ ފަރާތްތަކުގެ ކޮމިޓްމަންޓް ނުލިބި ލަސްވުން 

  • ބޭރުން ގެންނަ ހިލަ އާއި ހިލަވެލި ގެނައުމުގައި ކޯޓާ ލިބުން ލަސްވުން 

  • ބޭނުންވާ ތަކެތި އިމްޕޯޓު ނުކުރެވުމާއި ސިމެންތި ލިބުމަށް ދަތިވުން 

  • ކޮންސްޓްރަކްޝަން މަސއްކަތަށް މީހުން ނުލިބުން

ނަމަވެސް، އޭގެ އަހަރެއް ފަހުން އަނެއްކާވެސް އިތުރު ކަންބޮޑުވުމެއް ފާޅުކޮށް ހޮރައިޒަން އިން ފިޝަރީޒްއަށް ސިޓީއެއް ފޮނުވި އެވެ. އެ ކުންފުނިން އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި ފާހަގަކުރީ، ހޯނޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލީގެ ތެރެއިން ބޮޑު ބައެއް މަސް ފެކްޓްރީ އަޅަން ސަރުކާރުން ދޫކުރި ބިމަށް ޖަމާކޮށްފައި ހުރުމެވެ. އަދި އެ ވެލި ފުނި ނަގައި އަޅާނެ ތަނެއް ހަމަޖައްސައި ނުދެނީސް އެ ޕްރޮޖެކްޓް ނިމޭނެ ތާރީހެއް ލަފާކުރަން ދަތިކަމަށް ވެސް އެންގި އެވެ.

ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރު ހުސައިން މިއަދު ވިދާޅުވީ، ބަނދަރު ކޮނެގެން ނެގި ވެލި، ހޯނޑެއްދޫ އާއި މަޑަވެއްޔާ ދެމެދު ހިއްކަން ބޭނުންކުރަން ސަރުކާރުން ނިންމާފައި އޮތްކަން ލިޔެކިޔުންތަކެއް އެނގެން އޮތް ކަމަށެވެ. އަދި ވެލީގެ ބޮޑު ބައެއް ބަހައްޓާފައި ހުރީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ހަމަޖެހިފައި އޮތް ބިމުގައި ކަމަށާއި، އެ ވެލި ފުނި ނަގައި އަޅާނެ ތަނެއް ސަރުކާރުން އަންގާތާ ދެ އަހަރުދުވަހުގެ ތެރޭގައި ހޮރައިޒަން ފިޝަރީޒް އިން ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް ނިންމަން ވާނެކަން ސަރުކާރުން އަންގާފައި ވާކަން ވެސް ލިޔުމުން އެނގެން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެލި އަޅާނެ ތަނެއް ސަރުކާރުން ކަނޑައަޅައި ދެއްކި ކަމަށް ލިޔެކިޔުންތަކެއް ފެންނާކަށް ނެތް،" ހުސައިން ވިދާޅުވި އެވެ.

އެ ވެލި ފުނި އެ ތަނުން ނުނަގާ ހުރީ ކިތައް އަހަރު ވަންދެން ކަމެއް ނޭނގެ އެވެ. ނަމަވެސް، ހުސައިން ވިދާޅުވީ ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ވެލި ފުނި އެ ސަރަހައްދުން ނަގައި އެ ސަރަހައްދު ހުސްކޮށްފައި ވާކަން ފާހަގަކުރެވުނީ 28 އެޕްރީލް 2019ގައި ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ހޯނޑެއްދުއަށް ކުރި ދަތުރެއްގައި ކަމަށެވެ.

"އޭގެ ކުރިން ހޯނޑެއްދުއަށް ކުރި ދަތުރުތަކުގައި އެ ވެލި ފުނި ނަގާފައި ވާކަން ފާހަގައެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި. (ފޮޓޯ/މަޖިލިސް)

ވެލި ފުނި ނަގާފައި ހުރުމުން، ކޯލްޑް ސްޓޯރޭޖް ނިންމަން ރާވާ ގޮތުގެ އާ ޕްލޭނެއް 10 ޖޫން 2019ގެ ކުރިން ހުށަހަޅަން ފިޝަރީޒް އިން އެންގި ނަމަވެސް، ޖަވާބުގައި ހޮރައިޒަން އިން ބުނީ ޕްރޮޖެކްޓް ނިންމަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި، ފައިސާ ހަމަޖެހުމަށް ހައެއްކަ މަސް ހޭދަވެދާނެ ކަމަށެވެ. އަދި ފައިސާ ހަމަޖެހުމުން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޯލްޑް ސްޓޯރޭޖް ނިންމާލެވޭނެ ކަމަށެވެ.

ނަމަވެސް، މިނިސްޓްރީން އެދުނު ގޮތަށް އެކަށީގެންވާ ވޯކް ޕްލޭނެއް އެ ކުންފުނިން ހުށައެއް ނާޅަ އެވެ. އެހެންކަމުން، 10 ދުވަހުގެ ތެރޭގައި އާ ވޯކް ޕްލޭން ހުށަހެޅުމަށް 11 އޮކްޓޫބަރު 2020ގައި އަނެއްކާވެސް އެންގި އެވެ. މިފަހަރު ޖަވާބުގައި ބުނީ ކޮވިޑް-19ގެ ސަބަބުން ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށާއި، ކުރިން ރާވާފައިވާ ގޮތަށް މަސައްކަތް ނިންމާ ނުލެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން، މަސް ގަންނަ ފެސިލިޓީއަށް ބޭނުންވާ މައިގަނޑު ހުރިހާ ތަކެއްޗެއް އިމްޕޯޓުކޮށް، އެ ފެސިލިޓީ ގާއިމުކުރާ ސައިޓަށް ގެންގޮސްފައި ވަނިކޮށް، އޭގެ ތެރެއިން ބައެއް ތަކެތީގައި 2012 ވަނަ އަހަރު ރޯކޮށްލުމުގެ ސަބަބުން، މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެ ކުންފުނިން އޮތީ އަންގައިފަ އެވެ.

ކޯލްޑް ސްޓޯރޭޖް ގާއިމުކުރުން ލަސްވެގެން ދިޔައިރު މިނިސްޓްރީން އެޅި ފިޔަވަޅަކީ ކޮބާ؟

  • އެއްބަސްވުމާ ހިލާފުވެފައިވާ ކަންކަން 30 ދުވަހުގެ ތެރޭގައި ރަނގަޅު ނުކުރާ ނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް 14 އޮގަސްޓް 2014ގައި ނޯޓިސް ދިން 

  • އެއީ އެއްބަސްވުމާ ހިލާފަށް ދިން ނޯޓިސްއެއް ކަމަށް ނިންމައި 10 ސެޕްޓެމްބަރު 2014ގައި ނޯޓިސް ބާތިލްކުރި 

  • ފެކްޓްރީގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ދެނެގަތުމަށް 2019ގައި ޒިޔާރަތްކޮށް، މޮނިޓަކުރަމުން ގެންދިޔަ 

  • އެއްބަސްވުމުގެ ދަށުން ހޮރައިޒަން ފިޝަރީސްގެ ފަރާތުން ގާއިމުކުރާ ފެސިލިޓީތައް ނިންމާފައި ނުވާތީ، 10 ދުވަހުގެ ތެރޭގައި އެކަން ނިންމަން 10 ޖޫން 2020ގައި ހޮރައިޒަންއަށް ނޯޓިސް ދީފައިވޭ 

  • ނޯޓިސްގެ ޖަވާބުގައި، 28 ޖޫން 2020ގައި ހޮރައިޒަން އިން ބުނީ އެގްރީމަންޓްގައި ހިމެނޭ ބައެއް ކަންތައްތަކަކީ މިއަދުގެ ހާލަތާ ނުގުޅޭ ކަންތައްތަކެއް ކަމަށް 

  • އެ ކަންކަމަށް ރިއާޔަތްކޮށް އެގްރީމަންޓް ބާތިލްކުރުމަކީ ސަރުކާރަށް ވެސް އަދި ހޮރައިޒަން އަށް ވެސް ފައިދާ ހުރި ކަމެއް ނޫން ކަމަށް  ހޮރައިޒަން އިން ބުނި

  • ސަރުކާރާ މަޝްވަރާކޮށްގެން ކުރިއަށް ދާން ކުންފުނިން ހުށަހެޅި

ވެލި ފުނި ހުރި ތަނެއް ވެސް ނޭނގުނު

ސަރުކާރުގައި ހުރި ލިޔެކިޔުންތަކާ ހަވާލާދެއްވައި މިނިސްޓަރު ވަރަށް ތަފްސީލީ ޖަވާބުތަކެއް ދެއްވި ނަމަވެސް، ސުވާލު ކުރެއްވި މެމްބަރު ފިރުޝާން ވިދާޅުވަނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ފިރުޝާން ވިދާޅުވީ މަސައްކަތް ލަސްވުމުގެ ސަބަބު ކަމަށް ހޮރައިޒަން އިން އެތައް އަހަރެއް ވަންދެން ދެއްކި ވެލި ފުނި ހުރީ ހޮރައިޒަންއަށް ދޫކޮށްފައިވާ ސައިޓުގެ ބޭރުގައި ކަމަށެވެ.

"ހަމަ ކަނޑައެޅިގެން އިތުރުފުޅެއް. އެ ވެލި ހުރީ އެ ތަނަކު ނޫން. ވަޒީރަށް ވެސް އެނގިވަޑއިގަންނަވާނެ. ހަމަ ކަނޑައެޅިގެން އިތުރުފުޅެއް އެ ހައްދަވަނީ،" ފިރުޝާން ވިދާޅުވި އެވެ.

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރައްވަނީ. (ފޮޓޯ/މަޖިލިސް)

އަދި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތަކެތީގެ އަގު އިންޝުއަރެންސް އިން ހޯދާފައިވާ ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ.

ފިރުޝާންގެ ތުހުމަތާ ގުޅިގެން ހުސައިން ވިދާޅުވީ، ފިރުޝާނަކީ އެކަން ލޮލުން ފެނިވަޑައިގެންފައި ހުރި ބޭފުޅަކަށް ވެދާނެ ކަމަށާއި، ނަމަވެސް އޭނާއަށް ޖަވާބުދެވޭނީ ލިޔެކިޔުމުން ފެންނަން ހުރި ކަންތައްތަކުގެ މައްޗަށް ކަމަށެވެ.

"ފިޝަރީޒް މިނިސްޓްރީ އާއި ޕްލޭނިން އަދި ހޮރައިޒަންއާ މެދު ދެކެވިފައި ހުރި ވާހަކަތަކުން ފެންނަން ހުރީ ވެލި އަޅާފައި ހުރީ ހޮރައިޒަންއަށް ދޫކޮށްފައި އޮތް ބިމުގައި ކަމަށް... ވެލި ހުރުމުގެ ސަބަބުން މަސައްކަތް ލަސްވާތީ ތަކުރާރުކޮށް ވަނީ އެ ވާހަކަ ދެކެވިފައި،" ހުސައިން ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލުކުރެވޭކަށް ނެތް؟

މަސް ފެކްޓްރީ އަޅަން އެއްބަސްވިތާ 17 އަހަރު ފުރެން ދާއިރު އެ ޕްރޮޖެކްޓް ކުރިއަށް ނުގޮސް އޮތް ކަމާ މެދު ބަހުސެއް ނެތެވެ. ނަމަވެސް، އެއްބަސްވުން އަދިވެސް ބާތިލް ނުކޮށް އޮތް ސަބަބެއް ސާފެއް ނުވެ އެވެ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ކުރެއްވީ އެ ސުވާލެވެ.

ޔައުގޫބު ވިދާޅުވީ އެ ޕްރޮޖެކްޓް ނުނިމި، ފެކްޓްރީ ނުހިނގުމުން ގެއްލުން ވަނީ މަސްވެރިންނަށް ކަމަށެވެ.

"މި އެގްރީމަންޓުން ނެއްޓޭނެ އެއްވެސް ގޮތެއް އެބަ އޮތް ތޯ؟ ކުލި ދެއްކުމާ ހިސާބުން ނިމުނީކީ ނޫން. ތަން އެ އޮތީ ޕެރަލައިޒް ވެފައި. ތަން ބޭނުންކުރެވޭނެ އެއްވެސް ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އެހެންކަމުން، ހުވަދޫގެ މަސްވެރިންނަށް އެ ތަން ބޭނުން ކުރެވޭނެ އެހެން ގޮތެއް ސަރުކާރުން ވިސްނާފައި ވޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ނަމަވެސް، މިނިސްޓަރު ތަކުރާރު ކުރެއްވީ އެއްބަސްވުމުގެ ދަށުން އެ ތަނުގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހަދަން ޖެހޭ ވާހަކަ އެވެ. އަދި އެއާ ގުޅިގެން އައިސް ލިބޭނެ ގޮތާއި ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމުކުރަން ޖެހޭނެ ވާހަކަ އެވެ. އެއަށް ފަހު، އޭނާ ދެއްވީ ހޮރައިޒަން އިން ދޭ ނާއުންމީދީ ޖަވާބެވެ.

"މަސް ގަންނަން އެ ތަން އޮޕަރޭޓް ނުކުރެވޭނެ ކަމަށް ފެންނަނީ،" ހުސައިން ވިދާޅުވި އެވެ.

"އެ ތަން އޮޕަރޭޝަނަލް ކުރަން ދެން ކުރެވޭނީ ކީއްތޯ [ސަރުކާރާ ހޮރައިޒަންއާ އެކު] ނެގޯޝިއޭޓް ކުރެވިދާނެ. ނެގޯޝިއޭޝަން ފަށަން އަދި މަސައްކަތް ކުރަމަކުން ނުގެންދަން އަޅުގަނޑު."

ނަމަވެސް، ފިރުޝާން ވިދާޅުވީ ޖޭޕީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު ޖަވާބުދެއްވަން ޖެހޭނީ ހޮރައިޒަން ދިފާއުވާ ގޮތަށް، އެ ކުންފުނީގެ ފަރާތުން ނޫން ކަމަށެވެ.

ކޮމެންޓް (1)

ހިތަދޫ 2

30 އޯގަސްޓު 2022
ހެދޭނެ ގޮތްތަށް ނިކަން ބައިވަރު، ނޮން ޕާފޯމިންގް ކުންފުނިތަކަށް ކުރިއަށް އޮތް ތާނގަ ކަންކަމަށް ކުރިމަތިލުން ނުވަތަ އެކި މަސައްކަތް ތަކަށް ކުރިމަތުލުން ދަތިކުރުން އަދި ޕާފޯމް ނުކުރާތަންތަން އޮޕަރޭށަނަށް ގެނައުން ނުވަތަ ދޫކޮއްލުމުން ނޫނީ އިތުރު ކަންކަމަށް ކުރިމަަތިލުން ހުރަސްކޮއްލީމަ ވީ. ސަރުކާރަށް ވާނެ ކުރަން ބޭނުން ނުވަނީ، އިބޫ އަމިއްލައަކަށްނު ބުނީ ކުރަން ބޭނުން ކަމެއް ކުރެވޭނެއޭ ބަހަނާ ނުދައްކާ! ހަދާފަ ހުރި ކޮރަޕްޓް އެގަރީމެންޓް ތަށް އޯވާކަމް ކުރެވޭނީ މިބުނިހެނ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް