ހައި ކޯޓުގެ ބޭރު: ހުކުމުގައި ބުނީ ކުންފުނިން ބައެއްގެ އަތުން ނެގި ފައިސާ އޭގެ ހައްގުވެރިންނަށް އަދާނުކޮށް ކުންފުނީގައި ހިފެހެއްޓުމަކީ ޑިރެކްޓަރުން ނުހައްގު މަންފާއެއް ލިބިގަތުން ކަމަށް.
ހައްޖަށް ނުގެންދިޔަ 3 މީހަކަށް ބަދަލު ދޭން ފަތުހު ގްރޫޕަށް އެންގީ ރަނގަޅަށް: ހައި ކޯޓު
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ތިން މީހެއްގެ އަތުން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގައި، އެމީހުން ހައްޖަށް ގެންގޮސްދީފައި ނުވާތީ އެ ފައިސާ އަނބުރާ ދޭން ސިވިލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފަތުހު ގްރޫޕަށް 2015 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ދޫކުރި 125 ކޯޓާއަށް ވުރެ އިތުރަށް މީހުން އެ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 72 މީހުންގެ އަތުން ފައިސާ ނެގި އެވެ. ނަމަވެސް ފައިސާ ދެއްކި މީހުން ހައްޖަށް ގެންގޮސްދީފައި ނުވާތީ އާއި ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ ސިވިލް ކޯޓުގައި ދައުވާކުރި ތިން މީހަކަށް ޖުމްލަ 201،000ރ. ދައްކަން ފަތުހު ގްރޫޕުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ފަތުހު ގްރޫޕުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.
ތަފްސީލް - ހައި ކޯޓުގެ ހުކުމުގައި ބުނީ، މައްސަލައާ ގުޅިގެން ހުށަހެޅި ރަސީދުތަކުން، އެމީހުން ހައްޖަށް ދިއުމަށް 201،000ރ. ދައްކާފައިވާ ކަމާއި ފައިސާ ދެއްކި ހިދުމަތް އެމީހުންނަށް ލިބިފައި ނުވާކަން އެނގޭ ކަމަށެވެ. އެހެންކަމުން އެ ފައިސާ އެމީހުންނަށް އަނބުރާ ލިބިދޭންޖެހޭނެ ކަމަށް ހުކުމުގައި ބުންޏެވެ.
ފަތުހު ގްރޫޕުގެ ހިއްސާދާރުން ވަނީ، ފަތުހު ގްރޫޕާއި އެ ގްރޫޕުގެ ހިއްސާދާރުންނަކީ ވަކި ބައެއް ކަމަށް ބުނެ މައްސަލައިން ދިފާއުވާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައި ބުނީ ކުންފުނިން ބައެއްގެ އަތުން ނެގި ފައިސާ އޭގެ ހައްގުވެރިންނަށް އަދާނުކޮށް ކުންފުނީގައި ހިފެހެއްޓުމަކީ ކުންފުނީގެ ޑިރެކްޓަރުން ކުންފުނި ބޭނުންކޮށްގެން ނުހައްގު މަންފާއެއް ލިބިގަތުން ނޫން ކަމަކަށް ނުވާނެ ކަމަށެވެ.
ހަމަ އެއާއެކު، ސަރުކާރުގެ ރަސްމީ އިދާރާތަކުން ލިޔެކިޔުމުން ފުރިހަމަވެ ހުއްދަ ލިބިގެން ނޫނީ ނުކުރެވޭ ގޮތަށް އޮންނަ ކަމެއް އެ ނޫން ގޮތަކަށް ގާނޫނީ ޝަހުސެއް ބޭނުންކޮށްގެން އެއިން މަންފާ ލިބިގަތުމާއި ބައެއްގެ ހައްގެއް ހިފަހެއްޓުމަކީ، ގާނޫނީ ޝަހުސާއި އެ ޝަހުސުގެ ނިވާފަތްގަނޑުގައި ތިބެ އެކަން ކުރާ މީހުންނާ ދެމެދު ދަމާލެވިފައި އޮންނަ ނިވާފަތްގަނޑު ނަގައި އެ އަމަލުގެ ނަތީޖާއަށް އެމީހުން ޒިންމާދާރުކުރުވުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމެއް ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.
"އެހެނީ ކުންފުނި އޭގެ ޒާތުގައި އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. ކުންފުނީގެ ފަރާތުން ކަންކުރާނީ ކުންފުނީގެ ހިއްސާދާރުން ނުވަތަ ޑިރެކްޓަރުން ނުވަތަ އެ ފަރާތްތަކުން ކަން ކުރުމަށް ހުއްދަކޮށްފައިވާ ފަރާތަކުންނެވެ،" ހުކުމުގައި ބުންޏެވެ.
ހައި ކޯޓުން ބުނީ ކަން ކުރަންޖެހޭ އުސޫލާއި ހަމައިން ބޭރުން ކަންކަން ކުރުމުން އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.
"ހާއްސަކޮށް މަކަރާއި ހީލަތާއި އޮޅުވާލުން ފަދަ ޖިނާއީ އަމަލެއް ކޮށްފިނަމަ އެކަމަކީ ގާނޫނީ ޝަހުސަކުން ކުރި ކަމެއް ކަމަށް ބުނެ އެކަމުން ރެކިގަނެވިގެން ވާނެ ކަމަކަށް ނުދެކެމެވެ،" ހައި ކޯޓުގެ ހުކުމްގައި ބުންޏެވެ.
ހުކުމް - އެހެންކަމުން ހައި ކޯޓުން ނިންމީ ހައްޖަށް ދިއުމަށް ތިން މީހުންގެ ފަރާތުން ފަތުހު ގްރޫޕަށް ދެއްކި ޖުމްލަ 201،000ރ. އެމީހުންނަށް ދައްކަން ސިވިލް ކޯޓުން ކުރި އަމުރަށް ބަދަލުގެންނަން ނުޖެހޭ ކަމަށެވެ.
އެނގުން މުހިންމު - ފަތުހު ގްރޫޕަށް ދޫކުރި ކޯޓާއަށް ވުރެ އިތުރަށް ފައިސާ ނަގައި ހައްޖަށް ގެންގޮސްދީފައި ނުވާތީ، އެ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި އެވެ.