ޒިމްނާ: އެދިވަޑައިގަންނަވަނީ ހުރިހާ މަސައްކަތްތެރިން އެކައްޗެއް ކިޔައި ހާލަތު ބަދަލުކުރަން ތެދުވުމަށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޒިމްނާގެ ހިތް މަސައްކަތްތެރިންގެ ހައްގުތަކާ އެންމެ ގާތުގައި

ރާއްޖޭގައި ޔޫނިއަންތަކުގެ ދައުރު އަށަގެންނެވުމުގެ މަސައްކަތުގައި ބައިވެރިވެ، މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމުގެ ހަރަކާތްތަކުގެ ކުރީ ސަފަށް ޒިމްނާ ވަނީ ނުކުންނަވާފައި

ލެބޯޓްރީ ޓެކްނޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތުގެ މައިދާނަށް ނުކުންނެވުމާ އެކު އެއީ ކިހާ ބުރަ ވަޒީފާއެއްކަން ފާތިމަތު ޒިމްނާއަށް ވަޒަންކުރެއްވިއްޖެ އެވެ. ކުރު މުއްދަތަކަށް ފަހު އޭނާ އެކަން ދޫކޮށްލެއްވީ އަރާމެއް ނެތި މަސައްކަތުގައި އުޅެން ޖެހުނު ގިނަ ވަގުތުތަކާއި ކަންކަން އިސްލާހު ނުވެގެން އިހުސާސްކުރަން ޖެހުނު މާޔޫސްކަމުން ހިތްމަރުވެގެންނެވެ. ޒިމްނާ ދެން ފެއްޓެވީ ކިޔަވައިދެއްވާށެވެ.

ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ތަމްރީންކުރައްވާތާ 13 އަހަރުވެފައިވާ ޒިމްނާއަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އެސޯސިއޭޓް ލެކްޗަރާއެކެވެ. އެކަމަކު ޒިމްނާ ދެން ކުރައްވާ މަސައްކަތް ފަހަރުގައި އެއަށް ވުރެ މާ ބުރަ އެވެ. ނުވަތަ ނަތީޖާ ނެރެން ކުރަން ޖެހޭ ހިތްވަރު މާ ބޮޑެވެ.

މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތްކުރުމުގެ ދާއިރާއަށް މީގެ ހައެއްކަ އަހަރު ކުރިން ޒިމްނާގެ ލޯ ހުޅުވައިދިނީ އެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އެހެން ބައެއް ދިވެހިންނެވެ. ބައިނަލްއަގުވާމީ ތަމްރީންތަކުގައި ބައިވެރިވެވަޑައިގެން، އޭނާ ފުރަތަމަ ފުރިހަމަކުރެއްވީ ދަސްކުރެއްވުމުގެ މަރުހަލާ އެވެ. މިހާރު ޒިމްނާ ހުންނެވީ ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތަކުން އަދާކުރަމުން އަންނަ މުހިއްމު ދައުރުގެ ކުރީ ސަފަށް ނުކުންނަވަ އެވެ.

މަސައްކަތްތެރިން ހަގީގަތުގައި ވަރަށް ބިރުގަނޭ، ޖެހިލުންވޭ. އެންމެ ފުރަތަމަ ސުވާލަކީ ތިމަންނަގެ ވަޒީފާ ގެއްލިދާނެތޯ ޔޫނިއަންއެއްގައި ބައިވެރިވެގެން. ގާނޫނުތަކަކުންނެއް ވަޒީފާ ނުއެއް ގެއްލޭނެ. އެކަމަކު މެނޭޖުމެންޓްތަކުން އެ ބިރުވެރިކަން ދައްކާ.

ފާތިމަތު ޒިމްނާ

ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ޖަމްއިއްޔާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ)ގެ ހަތަރު ފައުންޑަރުންގެ ތެރޭގައި ޒިންމާ ހިމެނިވަޑައިގަންނަވަ އެވެ. އޭނާއަކީ އެ ޖަމްއިއްޔާގެ ޖެނެރަލް ސެކްރެޓެރީ އެވެ. އަދި ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުގެ މައި ޖަމާއަތް ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ގެ ޖެނެރަލް ސެކްރެޓަރީ ވެސް މެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖު ތައާރަފްކުރުމަށް އެކުލަވާލި ވޭޖު އެޑްވައިޒަރީ ބޯޑުގައި މަސައްކަތްތެރިން ތަމްސީލްކުރެއްވި އެއް މަންދޫބުގެ ގޮތުގައި ވެސް، ތިން ކުދިންގެ މަންމަ، ޒިމްނާ ހިމެނިވަޑައިގެންނެވި އެވެ.

ޓްރޭޑް ޔޫނިއަންތައް މެދުވެރިކޮށް ހައްގުތައް ހޯދުމުގެ މަފްހޫމަށް ރާއްޖޭގެ މަސައްކަތްތެރިން އަހުލުވެރިއެއް ނޫނެވެ. ޔޫނިއަންތަކުގެ ދައުރު އަދި އޮތީ ވަރަށް ޅަފަތުގަ އެވެ. މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ހިސާބަކަށް ގެންދަން ދަތުރުކުރަން ޖެހޭ މަގު ދިގުވެފައި ކުރަން ޖެހޭ ހަނގުރާމަ ބޮޑެވެ. ނަމަވެސް ޒިމްނާ ފަދަ ބޭފުޅުންކޮޅެއް އުޖޫރައަކާ ނުލައި، އެކަމަކު ދެވަނަ ވަޒީފާގެ ގޮތުގައި، އެކަމަށް ނުކުމެ ތިއްބެވީ ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.

"ކޮންމެ ގައުމެއްގައި ވެސް މި ކަމައިގެން އުޅެން ފަށައިގަންނަ މީހުން، އެންމެ ބޮޑެތި ގުރުބާނީތައް ވާނީ،" ޒިމްނާ ވިދާޅުވި އެވެ. "އުނދަގޫ މަސައްކަތެއް މި ކުރަނީ. ވަރަށް ގިނަ ޕްލެޓްފޯމްތަކުގައި އަޅުގަނޑަށް ލިބުނީ އެގްރެސިވް، ނެގެޓިވް މީހެއްގެ ލޭބަލް. ކަންކަން ރަނގަޅު ނޫން ކަމަށް ސީދަލަށް ބުނާތީ ކަންނޭނގެ. ނުވަތަ ސަނާ ނުކިޔާތީ ކަންނޭނގެ."

ޔޫނިއަންގެ ފުރަތަމަ ދެ އަހަރާއި ބައި

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ބަޔަކީ ކޮންމެ ދުވަހަކު އެތަކެއް ހާއްސަ ސާމްޕަލެއް ޓެސްޓްކުރުމުގެ ބުރަ އުފުލި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނެވެ. ރާއްޖޭގައި އެ މަސައްކަތް ވިލަރެސްކުރެއްވުމުގެ އިތުރުން ޓެސްޓުކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ބޭނުންވި ފަންނީ ލަފާ ދެއްވީ ޒިމްނާ އެވެ. ރާއްޖެ އިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށިގެން، ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން، ޒިމްނާ ވަނީ ވޮލަންޓިއަރެއްގެ ގޮތުގައި އެޗްއީއޯސީއަށް ހިދުމަތްކޮށްދެއްވަން ފައްޓަވައިފަ އެވެ. ކޮވިޑަށް ޓެސްޓްކުރުން މެދުނުކެނޑި ކުރިއަށް ގޮސް، އަވަހަށް ނަތީޖާ ލިބޭނެ ގޮތަށް ކަންކަން ރޭވުމުގެ ޒިންމާ ނެންގެވި އެވެ. ޓެސްޓްކުރުމުގެ މިންގަނޑު އެކުލަވާލުމަށާއި ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވި އެވެ.

އެކަމަކު ސިއްހީ ދާއިރާއަށް ބުރަ ބޮޑު ކޮވިޑްގެ ހާލަތާ އެކު ވެސް، ޒިމްނާ ވިދާޅުވިގޮތުގައި، ސެޕްޓެމްބަރު 2019ގައި ރަޖިސްޓްރީކުރި އެމްއެޗްޕީޔޫ އިން ވަނީ އެ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި މުހިއްމު ކުރިއެރުންތަކެއް ހޯދައިފަ އެވެ. 

ޒިމްނާ: ސިއްހީ ދާއިރާގެ މުވައްޒަފުންގެ ޔޫނިއަން އުފެއްދުމުގައި ބައިވެރިވެވަޑައިގެންނެވި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކޮވިޑާ ގުޅިގެން ހަރަދުކުޑަކުރުމަށް، އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ސަރުކާރުން ގެނައި ބަދަލު އަނބުރާ ގެންދިޔައީ އެ ޖަމްއިއްޔާ އިން އެކަމާ ދެކޮޅަށް ހިންގި ބޮޑު ކެމްޕެއިނަކަށް ފަހު އެވެ. ވަޒީފާއާ ގުޅުން ހުރި ކަންކަމުގައި އެމްއެޗްޕީޔޫ އިން މިހާތަނަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ގާނޫނީ ލަފާ ވަނީ ދީފަ އެވެ. ސާދަ އަތޮޅެއްގައި ތިބި މުވައްޒަފުންނަށް ޔޫނިއަންގެ ދައުރާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީފި އެވެ. އެމްއެޗްޕީޔޫ އިން އަދާކުރަމުން އަންނަ އެ ދައުރު ބައިނަލްއަގުވާމީގޮތުން ބަލައިގަނެ، އާއްމު ހިދުމަތުގެ މަަސައްކަތްތެރިން ބައިވެރިވާ ޔޫނިއަންތަކުގެ ބައިނަލްއަގުވާމީ ފެޑެރޭޝަން، ޕަބްލިކް ސާވިސަސް އިންޓަނޭޝަނަލްއާ ގުޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އެކަމަކު އެފަދަ ކުރިއެރުންތަކާ އެކު ވެސް، ޑޮކްޓަރުންނާއި ނަރުހުން ފިޔަވައި، ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކުރިމަތިވެފައި އޮތް ޒަމާންވީ މައްސަލަ އަދިވެސް ގުޑައެއް ނުލަ އެވެ. ސަޕޯޓް ސްޓާފުން ހިމެނޭ ގޮތަށް، އެ ދާއިރާގެ %63 މުވައްޒަފުން ތިބީ ވަޒީފާގެ އޮނިގަނޑެއް ނެތިގެން ކުރިއެރުން ލިބޭނެ ގޮތެއް ނެތިފަ އެވެ.

"އެ ގޮތުގައި މުޅި ކެރިއަރު އެއްކޮށް ނިންމާލާފައި ތިބި މީހުން އެބަތިބި. ބައެއް މީހުން އެބަ ތިބި 15 އަހަރު، 20 އަހަރު، 26 އަހަރުވީ އިރު ވަޒީފާގެ ކުރިއެރުން ލިބޭނެ ކަމުގެ އުއްމީދެއް ވެސް ނެތިފައި،" ޒިމްނާ ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ހައްގުތަކަށް ގޮވާލައ ކަނޑުމަތީގެ މުޒާހަރާއެއްގައި މަސައްކަތްތެރިންގެ ހައްގުތަކަށް ގޮވާލައްވަނީ.

'މަސައްކަތްތެރިން ތިބީ ބިރުވެރިކަމެއްގައި'

މި ވަގުތު އެންމެ ބޮޑު އަދި އެންމެ މުހިއްމު މަސައްކަތަކީ، ޒިމްނާ ވިދާޅުވިގޮތުގައި، ހޭލުންތެރިކުރުމެވެ. ޔޫނިއަންތަކުގެ ދައުރު ބުނެދީ، މަސައްކަތްތެރިން ބާރުވެރިކުރުމެވެ. ހައްގުތައް ލިބެން އޮތީ ގިނަ ބަޔަކު އިންތިޒާމްވެގެން ހިންގާ ހަރަކާތްތަކުގެ ތެރެއިންކަން އަންގައިދިނުމެވެ. ޒިމްނާ ގަބޫލުކުރައްވާގޮތުގައި ހައްގުތަކަށް ތެދުވާން މުވައްޒަފުން ޖެހިލުންވަނީ ވެސް ޔޫނިއަންތަކުގައި ބައިވެރިވާ މީހުން މަދުވީމަ އެވެ.

"މަސައްކަތްތެރިން ހަގީގަތުގައި ވަރަށް ބިރުގަނޭ، ޖެހިލުންވޭ. އެންމެ ފުރަތަމަ ސުވާލަކީ ތިމަންނަގެ ވަޒީފާ ގެއްލިދާނެތޯ ޔޫނިއަންއެއްގައި ބައިވެރިވެގެން. ގާނޫނުތަކަކުންނެއް ވަޒީފާ ނުއެއް ގެއްލޭނެ. އެކަމަކު މެނޭޖުމެންޓްތަކުން އެ ބިރުވެރިކަން ދައްކާ،" ޒިމްނާ ވިދާޅުވި އެވެ.

"ލިބިފައި އޮތް ގާނޫނީ ހައްގެއް ހޯދަން އެޗްއާރުގައި ސުވާލެއް ކޮށްލަން ވެސް އެބަ ޖެހިލުންވޭ، ވަޒީފާ ގެއްލިދާނެތީ. އެ ލެވެލްގެ ނިކަމެތިކަމުގައި ބާވައޭ ހަމަ މަސައްކަތްތެރިން ތިބެންވީ؟"

ޒިމްނާ ކަނޑުމަތީގެ މުޒާހަރާއެއްގައި މަސައްކަތްތެރިންގެ ހައްގުތަކަށް ގޮވާލައްވަނީ.

މުޒާހަރާކުރުމާއި ހަޅުތާލުކުރުމަކީ ވެސް، ޒިމްނާ ފާހަގަކުރެއްވި ގޮތުގައި، މަސައްކަތްތެރިންނަށް ލިބިގެންވާ ހައްގުތަކެކެވެ. އެކަމަކު މުޒާހަރާއަކީ ހަމައެކަނި ސިޔާސީގޮތުން ނުވަތަ ޕާޓީތަކުން ނުކުމެ ކުރާ ކަމެއް ކަމަށް ރާއްޖޭގައި ގަބޫލުކުރެވިފައި އޮތުމުގެ އިތުރުން، އޭނާ ވިދާޅުވީ، އެކަމަށް ހުރަސްއެޅުމުގެ ފިއްތުންތަކާ ވެސް ކުރިމަތިލާންޖެހޭ ކަމަށެވެ.

"މަސައްކަތް ހުއްޓާލުމުގެ ބާރަށް ވުރެ ބޮޑު ބާރެއް މަސައްކަތްތެރިންނަކަށް ނުލިބޭނެ. އެއީ ދުނިޔެ ބަލައިގެންފައި އޮތް އުސޫލެއް. އެކަމަކު ރާއްޖޭގައި އެއަށް ނެގެޓިވިޓީ ގެންނަނީ މިހާރު އޮތް އިންއީކުއަލިޓީ ކުޑަކުރަން ބޭނުން ނުވާ ބަޔަކު،" ޒިމްނާ ވިދާޅުވި އެވެ.

ޒިމްނާ (ވ2) އިހުތިޖާޖެއްގައި 

ރާއްޖޭގެ ޔޫނިއަންތަކުން މި ވަގުތު ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނެއް ތައާރަފްކުރަން ބާރުއެޅުމެވެ. އެއީ ރާއްޖެ 2013ގައި ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކެއްގެ ދަށުން ގެންނަން ޖެހި، ލަސްވެފައި އޮތް ގާނޫނެކެވެ. މަސައްކަތްތެރިންނަށް ވަޒީފާގެ އެއްބަސްވުންތަކަށް ގޮތް ކިޔުން ނުވަތަ ކަލެކްޓިވް ބާގެއިނިންގެ ހައްގު ލިބޭނީ އެ ގާނޫނުގެ ދަށުންނެވެ.

"މިހާރު މި އުޅެނީ މަސައްކަތްތެރިން ބޭނުންވާ ފެންވަރުގެ އެގްރިމެންޓެއްގައި ސޮއިކުރެވޭ ވަރު ވެސް ނުކުރެވިގެން. މަޝްވަރާކުުރުމެއް ނެތް. އޮންނަނީ ކޮންޓްރެކްޓް އެގްރީމެންޓޭ. އެކަމަކު ސޮއި މި ކުރަނީ މަޖުބޫރުން، ވަޒީފާ ދޭ ފަރާތް ބުނާ ގޮތަށް،" ޒިމްނާ ވިދާޅުވި އެވެ.

ޒިމްނާ މަސައްކަތްތެރިންގެ ހައްގުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދަވަނީ

ވޭޖު ބޯޑުގައި 'ވަރަށް ޑިސަޕޮއިންޓިން ދުވަސްތައް ދިޔަ'

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް މި އަހަރު ތައާރަފްކުރުމަކީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުމެވެ. އެންމެ ފުރަތަމަ ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އަދި ފަހުން އައި ޔޫނިއަންތަކުން ވެސް މަސައްކަތްތެރިންގެ ހައްގުގައި ގޮވާލި އެންމެ ބޮޑު އެއް ގޮވާލުން ހަގީގަތަކަށްވި އެވެ. އެކަމަކު އެންމެ ކުޑަ އުޖޫރަ ކަނޑައެޅީ ޔޫނިއަންތަކުން ބޭނުންވި ގޮތަކަށް ނޫނެވެ. މިނިމަމް ވޭޖާ އެކު ސަރުކާރު މުވައްޒަފުންގެ މުސާރައަށް އިތުރުވާ ބައި އެލަވެންސެއްގެ ގޮތުގައި ދޭން ނިންމި ނިންމުން ޖަމްއިއްޔާތަކުން ބަލައެއް ނުގަތެވެ. ސަރުކާރުން އެ ގޮތަށް މިނިމަމް ވޭޖު ކަނޑައެޅީ ޕަބްލިކް ސެކްޓާގެ މިނިމަމް ވޭޖުގެ %70 އަކީ އަސާސީ މުސާރައަށް ހަދަން ވޭޖު ބޯޑުން ދިން ލަފައާ ވެސް ހިލާފަށެވެ. ޔޫނިއަންތަކުން ބުނެފައިވަނީ މިނިމަމް ވޭޖު އެލަވަންސަކަށް ހެދީ ސަރުކާރު މުވައްޒަފުންގެ ޕެންޝަނަށް އުނިކުރާ ނިސްބަތާއި އިތުރު ގަޑީގެ ފައިސާ މަދުކުރުމުގެ ނިޔަތުގައި ކަމަށެވެ.

ކޮންމެ ގައުމެއްގައި ވެސް މި ކަމައިގެން އުޅެން ފަށައިގަންނަ މީހުން، އެންމެ ބޮޑެތި ގުރުބާނީތައް ވާނީ. އުނދަގޫ މަސައްކަތެއް މި ކުރަނީ. ވަރަށް ގިނަ ޕްލެޓްފޯމްތަކުގައި އަޅުގަނޑަށް ލިބުނީ އެގްރެސިވް، ނެގެޓިވް މީހެއްގެ ލޭބަލް،"

ފާތިމަތު ޒިމްނާ

ވޭޖު ބޯޑުގައި މަސައްކަތްތެރިން ތަމްސީލްކުރެއްވި އެއް މަންދޫބުގެ ގޮތުގައި ޒިމްނާ ކުރެއްވީ ސިކުނޑިއަށް ބުރަ، އުނދަގޫ، އެކަމަކު ރަނގަޅު ތަޖުރިބާއެކެވެ. 

"ކަމަކީ މަސައްކަތްތެރިންނާއި އެ މީހުންގެ އާއިލާތަކަށް ވަރަށް ބޮޑު އަސަރެއް ކުރުވާނެ މަސައްކަތަކަށް ވީމަ ވަރަށް ބައިވަރު ވަގުތު ވެސް އިންވެސްޓްކުރެވުނު،" ޒިމްނާ ވިދާޅުވި އެވެ. "ވަރަށް ޑިސަޕޮއިންޓިން ދުވަސްތައް ދިޔަ. ޗެލެންޖުކޮށްފައި އެއްޗެހި ބުނަން ޖެހުނު ދުވަސްދުވަސް ދިޔަ. ކުރި މަޝްވަރާތައް ވީ ފްރަސްޓްރޭޓިން ކަމަކަށް."

ޒިމްނާ (ވ) ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: މިނިމަމް ވޭޖު ކަނޑައެޅުމަށް ވޭޖު ބޯޑުގައި މަސައްކަތްތެރިން ތަމްސީލްކުރެއްވި.

އޭނާ ވިދާޅުވިގޮތުގައި އިލްމީ މަސައްކަތްތަކުން ހުށަހެޅި ކަރުދާސްތަކާއި މަޝްވަރާ އާއި ޒުވާބުތަކުގެ ވެސް ތެރެއިން ވޭޖު ބޯޑުން އެންމެ ފަހުން ދިޔައީ ޔޫނިއަންތަކުން ވެސް ތާއީދުކުރި އެއްބަސްވުމަކަށެވެ. އެ ނިންމުމުގެ މައްޗަށް ބޯޑުން ދިން ލަފަޔާ އެއްގޮތަށް އަމަލު ނުކުރުން ޒިމްނާ ސިފަކުރެއްވީ "ސަރުކާރުން މަސައްކަތްތެރިންނަށް ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލީ" ކަމުގަ އެވެ. 

"ވޭޖު ބޯޑުގައި ކުރި މަޝްވަރާތަކުން ނިންމުނު ކަންކަން ކުއްލިއަކަށް ބަދަލުވެގެން އައުން އެއީ ގަބޫލުކުރެވޭ ކަމެއް ނޫން،" ޒިމްނާ ވިދާޅުވި އެވެ.

'ވަރަށް ބޮޑަށް ޕާސަނަލީ ވަދެވިފައި'

ޒިމްނާ ވިދާޅުވިގޮތުގައި ޔުނިވާސިޓީގެ ވަޒީފާގެ ގަޑިތައް ފިޔަވައި އޭނާގެ އެހެން ގިނަ ވަގުތުތައް ހޭދަވަނީ ޔޫނިއަންގެ މަސައްކަތްތަކަށެވެ. އޭނާގެ ޝުކުރު އޮތީ ފިރިމީހާގެ އެހީތެރިކަމަށާއި އެކުގައި އުޅޭތާ 12 އަހަރުވީ ބަންގްލަދޭޝް މަސައްކަތްތެރިޔާ، ކުދިން ބެލުމުގައި އަދާކޮށްދޭ ދައުރަށެވެ.

ޒިމްނާއަށް، ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ފަރާތުން ލިބޭ ފުރިހަމަ އެއްބާރުލުމާ އެކު ވެސް، މަސައްކަތްތެރިންގެ ހައްގުތަކަކީ އަމިއްލަ ކަމެއް ފަދަ އެވެ.

"ކޮންމެ ކަމެއް ކުރަން ހުންނަ އިރު ވެސް، މިސާލަކަށް ކައްކަން ހުންނަ ގަޑީގައި ވެސް، ވިސްނޭ ދެން ކޮން ކަމެއް ބާވައޭ ކުރަން ހުރީ؟ ދެން ކިހިނެއް ބާވައޭ ހަދަންވީ؟ ވަރަށް ބޮޑަށް ޕާސަނަލީ މީގެ ތެރެއަށް ވަދެވިފައި އަސްލު ހުންނަނީ،" ޒިމްނާ ވިދާޅުވި އެވެ.

ޒިމްނާ ބައްދަލުވުމެއްގައި

ޒިމްނާގެ މަސައްކަތުގެ އެއް ބަޔަކީ ކެނޑިނޭޅި މަސައްކަތްތެރިންނާ ވާހަކަދެއްކުމެވެ. ޖަމްއިއްޔާ އުފެއްދުމާ އެކު 2020 އިން ފެށިގެން އެކި މީހުންނަށް ގުޅަމުންދާ އިރު އިވެނީ، ޒިމްނާ ވިދާޅުވިގޮތުގައި، ހައްގަކަށް ޑިމާންޑުކޮށްފި ނަމަ "މާދަމާ ވެސް ވަޒީފާ އިން ކަނޑާލަފާނެ" ކަމުގެ ޝުއޫރެވެ. އެކަމަކު ހަމަ އެެއާ އެކުއެކީގައި، މަސައްކަތްތެރިންނާ ދޭތެރޭ އިހާނެތިވުމުގެ މައްސަލަތައް ވެސް މެ އެވެ. ވިސްލްބްލޯކުރުމުގެ ހައްގު ބޭނުންކުރި މުވައްޒަފާ މެދު ތަފާތުކޮށް، ފިއްތުންތައް ކުރިމަތިކުރުމެވެ. ކޮވިޑް ޓެސްޓުތައް ހެދުމަށް ތަކުރާރުކޮށް އަތް ހަރަކާތްކުރުމުގެ ސަބަބުން އަތް އައްސިވެގެން ފިޒިއޮތެރަޕީ ހަދަން ޖެހުނު އިރު ފަސޭހަ އިން އެޕޮއިންޓްމެންޓެއް ލިބޭނެހާ މިންވަރު ވެސް ހަމަޖައްސައިނުދިން ކަމެވެ. ހޮސްޕިޓަލުގެ މަސައްކަތުގައި އުޅެނިކޮށް ސްޓްރޯކް ޖެހި ކޮންމެވެސް ވަރެއްގެ ނުކުޅެދުންތެރިކަމެއް މެދުވެރިވި މީހަކު ވަޒީފާ އިން ވަކިކުރަން އުޅޭ ވާހަކަ އެވެ.

"މިކަހަލަ ކޮންމެ ކަމަކީ އަޑުއެހީމަ މީހާއަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަން،" ޒިމްނާ ވިދާޅުވި އެވެ. އޭނާގެ އެދުމަކީ އެފަދަ ކަންކަމުން ފިލާވަޅު ނަގައިގެން މަސައްކަތްތެރިން ހިތްވަރެއް ކުރުމެވެ. "މިކަހަލަ ހާލަތްތަކަށް ދިޔުމުގެ ކުރިން ހިނގާށޭ ހުރިހާ މަސައްކަތްތެރިން އެއްކޮށް މަސައްކަތްކޮށްގެން މިކަން ބަދަލުކުރަން އުޅެން."

ކޮމެންޓް (1)

ޒިޔަާ

14 އޭޕްރީލު 2022
ދިވެހިރާޖޭގެ މަސައްކަތްތެރިންނަށް ހުރި ނަމޫނާއެއް. ހިތްވަރު ލިބި ކެރިގެން ހ7ރިހާ މަސައްކަތްތެރިން ނިކުންނަންވީ
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް