ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެއަށް ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް ވަންނަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިނިމަމް ވޭޖު އެލަވަންސެއްގެ ގޮތުގައެއް ނުދެވޭނެ: ޓްރޭޑް ޔޫނިއަން

ސަރުކާރުގެ ސިޔާސަތުތައް ނިންމުމުގައި އިހްލާސްތެރިކަމެއް ނެތް ކަމާއި މަސައްކަތްތެރިންގެ ކަންކަން ނިންމުމުގައި ބާރުގަދަ އެހެން ފަރާތްތަކުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކުރި
30 ޑިސެމްބަރު 2021
1

އެންމެ ކުޑަ އުޖޫރު ނުވަތަ މިނިމަމް ވޭޖު އަންނަ އަހަރުން ފެށިގެން ދޭއިރު، ސަރުކާރު މުވައްޒަފުންގެ މުސާރައަށް އިތުރުވާ ބައި އެލަވެންސެއްގެ ގޮތުގައި ދޭން ނިންމި ނިންމުން ބަލައިނުގަންނަ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީގެ ދަށުގައި އޮންނަ ޕޭ ކޮމިޝަން އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގުޅިގެން ފިނޭންސް މިނިސްޓްރީގައި އިއްޔެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އިދާރާތަކުގެ އިސް ވެރިން ވަނީ މިނިމަމް ވޭޖާ އެކު މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތައް ހިއްސާކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން -

އަންނަ މަހުގެ މުސާރައާ އެކު މި އެލަވެންސް ދޭން ފަށާއިރު، ސިވިލް ސާވިސްގައި ހިމެނޭ 11،000އަށް ވުރެ ގިނަ މުވައްޒަފުންނަށް މިހާރު ލިބޭ އެއްޗަކަށް ވުރެ އެވްރެޖުކޮށް 1،139ރ.ގެ އަދަދެއް އިތުރަށް ލިބޭނެ އެވެ.

މިނިމަމް ވޭޖަކީ އާދައިގެ އެލަވަންސެއްގެ ގޮތުގައި ކަނޑައެޅުން ބަލައި ނުގަނެވޭނެ.

 މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް

ބުނީ ކީކޭ؟ - އެ ނިންމުމާ ގުޅިގެން ޓްރޭޑް ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ މިނިމަމް ވޭޖު ކަނޑައެޅުމަކީ މަސައްކަތްކުރާ ފަރާތްތަކުގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިގްތިސޯދީ ގޮތުން މަސައްކަތްތެރިން ބާރުވެރިކުރުމަށް މުހިންމު ސިޔާސަތެއް ކަމަށެވެ.

އިންޓަނޭޝަނަށް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދެނީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކާ އަދި ސަރުކާރުގެ މަންދޫބުން ހިމެނިގެން ކުރާ ދިރާސާ އަދި ނިންމުންތަކެއްގެ ތެރެއިން މިނިމަމް ވޭޖު ކަނޑައެޅުމަށް ކަމަށާއި އެހެން ގައުމުތަކުގައި ވެސް މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ އެގޮތަށް ކަމަށް ޓްރޭޑް ޔޫނިއަނުން ބުންޏެވެ.

ސިވިލް ސާވެންޓުންގެ މިނިމަމް ވޭޖާ ގުޅޭ ގޮތުން ޕޭ ކޮމިޝަނާއި ސީއެސްސީގެ އިސް ވެރިން އިއްޔެ މައުލޫމާތު ދެއްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެ ޖަމިއްޔާ އިން ފާހަގަކުރި ގޮތުގައި:

  • ސިވިލް ސާވިސް މުވައްޒަފުންގެ މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ، ސަރުކާރުގެ ބައިވެރިވުމާ އެކު ރައީސް އެކުލަވައިލެއްވި މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ސަރުކާރަށް ދިން ލަފަޔާއި ކުރި މަޝްވަރާތަކާ އަދި މިނިމަމް ވޭޖު ކަނޑައެޅުމުގެ މަގުސަދާ ހިލާފަށް ކަމަށް 

  • އެކަމާ ކަންބޮޑުވާ ކަމަށް 

  • ބޯޑުގެ ލަފަޔަކީ ސަރުކާރުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތްތެރިން އިގްތިސޯދީ ގޮތުން ބާރުވެރިކޮށް، އިޖުތިމާއީ ރައްކާތެރިކަން ޔަގީންކުރެވޭނެ ވަރުގެ މިނިމަމް ވޭޖެއް ކަމަށް

"ނަމަވެސް، ދިވެހި ސަރުކާރުން އެ ލަފަޔާ ހިލާފަށް މިނިމަމް ވޭޖު ކަނޑައެޅުމުން، ސަރުކާރުގެ ސިޔާސަތުތައް ނިންމުމުގައި އިހްލާސްތެރިކަމެއް ނެތް ކަމާއި މަކަރާއި ހީލަތާއި އޮޅުވާލުން ހުރި ކަމާއި މަސައްކަތްތެރިންގެ ކަންކަން ނިންމުމުގައި ބާރު ގަދަ އެހެން ފަރާތްތަކުގެ ނުފޫޒުން ކަންކަން ނިންމަމުން ދާކަމަށް ތުހުމަތުކުރެވޭ ކަމުގައި ދަންނަވަމެވެ،" އެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

"މިނިމަމް ވޭޖަކީ އާދައިގެ އެލަވަންސެއްގެ ގޮތުގައި ކަނޑައެޅުން ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަން."

އެހެން ގައުމުތަކުގައި މިނިމަމް ވޭޖު ކަނޑައަޅަނީ އަސާސީ މުސާރައަށް'

ރާއްޖެއާ އެއްފަދަ އިގްތިސޯދެއް އޮންނަ ގައުމުތަކުގައި ވެސް މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ އަސާސީ މުސާރައިގެ ގޮތުގައިކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ. އަދި އަސާސީ މުސާރައާ އެކު އެލަވަންސެއް ހިމެނި ކަމަށް ވިޔަސް، އެ ހިމެނޭ އަދަދަކީ އަސާސީ މުސާރައާ އެއް ހަމަ ނުވަތަ ބޮޑު އަދަދަކަށް ވުމަކީ އައިއެލްއޯގެ ވޭޖް ފިކްސިން މެކެނިޒަމްގެ އަސާސްތަކާއި ބެސްޓް ޕްރެކްޓިސް އާ ހިލާފު ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ހާއްސަކޮށް ޕެންޝަނަށް އުނިކުރާ ނިސްބަތް މަދުކޮށް އަދި އިތުރު ގަޑީގެ ފައިސާ ވެސް މަދުކުރުމުގެ ނިޔަތުގައި މިފަދަ ކަންކަން ކުރެވިގެން ދިއުމަކީ މަސައްކަތްތެރިންގެ ނުހަނު ކަންބޮޑުވުން ހިމެނޭ ކަމެއް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ވެރިންނާއި ލޯކަލް ގަވަމަންޓާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެެއިން: ސިވިލް ސާވެންޓުންނަށް މިނިމަމް ވޭޖު ދޭނީ އެލަވެންސެއްގެ ގޮތުގައި. (ފައިލް ފޮޓޯ/ ސީއެސްސީ)

ދައުލަތުގެ މުސާރަތައް އެއްހަމަވެފައި ނެތުމާއި ޕޭ ހާމަނައިޒޭޝަންގެ ބަހަނާ އާއި ސިވިލް ސާވިސްގެ އެއް މަސައްކަތެއް ކުރާ ދޭދޭ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގައި ތަފާތުކުރުން ޒަމާނުއްސުރެ ދަމަހައްޓަމުން ގެންދަނީ ގަސްދުގައި މަސައްކަތްތެރިންގެ މެދުގައި ބައިބައިވުން އުފައްދައި އަބަދު ވެސް ސިޔާސީ މަންފާއަށް މަސައްކަތްތެރިންގެ ބޭނުން ނަމަހަ ގޮތުގައި ހިފުމަށް ކަމަށް އެ ޖަމިއްޔާ އިން ތުހުމަތުކުރި އެވެ.

"އެހެންކަމުން، މިހާރު ވެސް އޮތް މުސާރައިގެ ތަފާތުކުރުމާއި ނަހަމަކަމާއި ބޭއިންސާފު އެއީ މިނިމަމް ވޭޖު ކަނޑައެޅުމުގެ އުސޫލުތަކާ ހިލާފު ވާން ޖެހޭ ސަބަބެއް ނޫން ކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ޓްރޭޑް ޔޫނިއަނުން ސަރުކާރަށް ގޮވާލާފައި ވަނީ:

  • މިހާރު އިއުލާނުކޮށްފައިވާ މިނިމަމް ވޭޖު އަލުން މުރާޖައާކުރުމަށް 

  • މިނިމަމް ވޭޖުގެ މި ސިޔާސަތުގެ ސަބަބުން އުފަންވާ ތަފާތުކުރުންތަކާއި ބޭއިންސާފު ނައްތާލުމަށް ފުރިހަމަކުރަން ޖެހޭ ގާނޫނީ ކަންކަން ފުރިހަމަކުރުމަށް 

  • މިނިމަމް ވޭޖަށް ކަނޑައަޅާ އަދަދަކީ ރާއްޖޭގައި ދިރިއުޅެވޭނެ ކަމުގެ އުޖޫރައެއްކަން ޔަގީންކުރުމަށް 

  • އެންމެހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް

ކޮމެންޓް (1)

ޓަނުބޭ

30 ޑިސެމްބަރު 2021
ތި ބަޔާނަކުން ނުވިސްނުނު އެލަވަނެސެކޭ ކިޔާފަ ދިނުމުން ކަމުނުދާންވީ ސަބަބެއް. ޕެންޝަނަށް ކަނޑާބައި ވެސް ވާނީ ކުޑަ ނޫންތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް