ވެލާނާގެއަށް ސިވިލް ސާވެންޓުން މަސައްކަތަށް ހާޒިރު ވަނީ.

މިނިމަމް ވޭޖު ދެނީ އެލަވެންސެއްގެ ގޮތުގައި؛ 11،828 ސިވިލް ސާވެންޓުންނަށް ލިބޭނެ

ޖެނުއަރީ މަހުގެ މުސާރައާ އެކު މި އެލަވެންސް މުވައްޒަފުންނަށް ދޭނެ
29 ޑިސެމްބަރު 2021
1

އެންމެ ކުޑަ އުޖޫރު ނުވަތަ މިނިމަމް ވޭޖު އަންނަ އަހަރުން ފެށިގެން ދޭއިރު، މިނިމަމް ވޭޖާ ގުޅިގެން ސަރުކާރު މުވައްޒަފުންގެ މުސާރައަށް އިތުރުވާ ބައި ދޭނީ އެލަވެންސެއްގެ ގޮތުގައި ކަމަށް، ކަމާ ބެހޭ އިދާރާތަކުން މިއަދު ބުނެފި އެވެ. އަންނަ މަހުގެ މުސާރައާ އެކު މި އެލަވެންސް ދޭން ފަށާއިރު، ސިވިލް ސާވިސްގައި ހިމެނޭ 11،000އަށް ވުރެ ގިނަ މުވައްޒަފުންނަށް މިހާރު ލިބޭ އެއްޗަކަށް ވުރެ އެވްރެޖުކޮށް 1،139ރ.ގެ އަދަދެއް އިތުރަށް ލިބޭނެ އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީގެ ދަށުގައި އޮންނަ ޕޭ ކޮމިޝަން އަދި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން ފިނޭންސް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އިދާރާތަކުގެ އިސް ވެރިން ވަނީ މިނިމަމް ވޭޖާ އެކު މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތައް ހިއްސާކޮށްފަ އެވެ.

އެގޮތުން، 'މިނިމަމް ވޭޖު އެލަވެންސް' ދޭން ފެށުމުން، ޖުމްލަ 24،000އަށް ވުރެ ގިނަ މީހުން މަސައްކަތްކުރާ ސިވިލް ސާވިސްގެ 11،828 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ އެވެ. އެގޮތުން:

  • 1،500ރ. އިން މަތީގެ އަދަދެއް އިތުރުވާނީ: 5،928 މުވައްޒަފުންނަށް

  • 1،000-1،500ރ.ގެ އަދަދެއް އިތުރުވާނީ: 4،184 މުވައްޒަފުންނަށް

  • 500-1،000ރ.ގެ އަދަދެއް އިތުރުވާނީ: 1،286 މުވައްޒަފުންނަށް

  • 500ރ.އަށް ވުރެ ދަށް އަދަދެއް އިތުރުވާނީ: 430 މުވައްޒަފުންނަށް

ތަފްސީލް - މިނިމަމް ވޭޖާ އެކު ސިވިލް ސާވިސްގައި ހިމެނޭ ސަޕޯޓް ސާވިސް ރޭންކުތަކުގެ މުވައްޒަފުންގެ މުސާރަތަކަށް އަންނާނެ ބަދަލުތަކަކީ:

  • ރޭންކު 1 - މިހާރު ލިބެނީ 5،083ރ.؛ ދެން ލިބޭނީ 7،000ރ.

  • ރޭންކު 2 - މިހާރު ލިބެނީ 5،427ރ.؛ ދެން ލިބޭނީ 7،255ރ.

  • ރޭންކު 3 - މިހާރު ލިބެނީ 5،504ރ.؛ ދެން ލިބޭނީ 7،500ރ.

  • ރޭންކު 4 - މިހާރު ލިބެނީ 6،236ރ.؛ ދެން ލިބޭނީ 7،730ރ.

 ސިވިލް ސާވިސްގައި ހިމެނޭ ޖެނެރަލް ސާވިސް ރޭންކުތަކުގެ މުވައްޒަފުންގެ މުސާރަތަކަށް އަންނާނެ ބަދަލުތަކަކީ:

  • ރޭންކު 1 - މިހާރު ލިބެނީ 5،515ރ.؛ ދެން ލިބޭނީ 7،015ރ.

  • ރޭންކު 2 - މިހާރު ލިބެނީ5،920ރ.؛ ދެން ލިބޭނީ7،220ރ.

  • ރޭންކު 3 - މިހާރު ލިބެނީ 6،352ރ.؛ ދެން ލިބޭނީ 7،452ރ.

  • ރޭންކު 4 - މިހާރު ލިބެނީ 6،869ރ.؛ ދެން ލިބޭނީ 7،669ރ.

ބުނީ ކީކޭ؟ - މިނިމަމް ވޭޖު ދެނީ އެލަވަންސެއްގެ ގޮތުގައިކަން ހާމަކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ފަރާތުން މުހައްމަދު ފައިސަލް ވިދާޅުވީ އަސާސީ މުސާރައަށް ބަދަލު ނުގެނެސް އެލަވަންސެއްގެ ގޮތުގައި މިނިމަމް ވޭޖު ދިނުމަށް ނިންމީ މި ވަގުތު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގައި ބޮޑެތި ފަރަގުތަކެއް ހުރުމުމުން މި ވަގުތަށް އަސާސީ މުސާރައަށް ބަދަލު ގެނައުމަކީ ވަރަށް ބޮޑު މަސައްކަތަކަށް ވާތީ ކަމަށެވެ.

"އެހެން ނޫނީ ސެލެރީ ސްޓުރަކްޗާއަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ. އެހެންވެ މި ވަގުތަށް މި ގެންނަ ކަމެއް މި އެލަވަންސަކީ. އަޅުގަނޑުމެން މި ކުރާ މުސާރަތަކުގެ ކަންކަން ނިމުނީމާ މިކަމަށް ބަދަލު އަންނާނެ،" ފައިސަލް ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ޕްރެސް ކޮންފަރެންސުގެ ވިދާޅުވީ:

  • މިނިމަމް ވޭޖު އެލަވަންސް ލިބޭ އަދަދުތައް އޮފީސްތައް މެދުވެރިކޮށް މާދަމާ މުވައްޒަފުންނަށް އަންގަން ފަށާނެ 

  • މިނިމަމް ވޭޖުގެ ގޮތުގައި ލިބޭ އަދަދުތައް އަންނަ މަހުގެ 15 ކުރިން މުވައްޒަފުންނަށް އަންގާ ނިމޭނެ ކަމަށް

  • އަންނަ މަހުގެ މުސާރަޔާ އެކު މިނިމަމް ވޭޖު ދެވޭނެ

"މިއީ ވަރަށް ބުރަ މަސައްކަތެއް. ވަކިވަކިން ކޮންމެ މުވައްޒަފަކަށް ޖެހޭނެ މުސާރައިގެ އަދަދު އަޅުގަނޑުމެން ހިސާބުކުރަން. މިއީ ބުރަ ބޮޑު މަސައްކަތެއް. އެކަމަކު އަޅުގަނޑުމެންނަށް މުސާރަ ދޭން ފެށުމުގެ ކުރިން މިކަން ނިންމާލެވޭނެ،" ސައީދު ވިދާޅުވި އެވެ.

ކޮމެންޓް (1)

ޢަދުނާނުބެ

29 ޑިސެމްބަރު 2021
ދިވެހި ރުފިޔާގެ 100 ގެ ނޫޓެއް މަހު މުސާރައިގެ ގޮތުގައި ލިބޭމީހާޔަށް މާރުކޮށްލާފަ 20 ރުފިޔާގެ ފަސްނޫޓު ދިނީމާ އަތަށް ގިނަވެގެންދާނެ. ބަރުވެފައި ޖީބަށްބޮޑުވާނެ! ދިވެހި ތާރީޚުގައި އެއްވެސް ސަރުކާރަކަށް ކުރެވިފައިނެތް މޮޅުކަމެއް.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް