ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ކުރީގެ ޑެޕިއުޓީ ޗީފް އޮޮފް ސްޓާފް ކިރިލް އެންޑްރޮސޯވް (ކ)، އިންޑިއާގައި މަތީ ފަންތީގެ ހޮޓާތައް ހިންގާ އަވިނާޝް ބޮސޭލް (މ) އަދި ރަޝިއާގެ އޮގަނައިޒްޑް ކްރައިމް ގްރޫޕަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތު ކުރެވޭ އެވްޖެނީ ނޮވިޓްސްކީ.

ފުއްގިރި އާއި ފަޅެއް ގަތީ ކުށުގެ ތުހުމަތުކުރެވޭ ރަޝިއާ އާއި އިންޑިއާގެ ވިޔަފާރިވެރިންތަކެއް: ރިޕޯޓް

އޯސީސީއާރުޕީން އެގޮތަށް ރިޕޯޓުކޮށްފައި ވަނީ ޕެންޑޯރާ ޕޭޕާޒްއާ ހަވާލާދީ ކަމަށް ބުނެ
7 ޑިސެމްބަރު 2021

ބޮޑެތި ކުށްތަކެއްގެ ތުހުމަތުކުރެވޭ ރަޝިޔާގެ ވިޔަފާރިވެރިއަކާއި އިންޑިއާގެ ވިޔަފާރިވެރިއަކު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށަކާއި ފަޅެއް ބައްލަވައިގެންނެވި ކަމަށް ޕެންޑޯރާ ޕޭޕާޒްއާ ހަވާލާދީ ކަމަށް ބުނެ، ތަހުގީގީ ނޫސްވެރިކަން ކުރާ ފަރާތްތައް ހިމެނޭ ޖަމާއަތަކުން ރޭ ރިޕޯޓުކޮށްފި އެވެ. އޭގެ ތެރޭގައި ހިމެނޭ ރަށަަކީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތަކުގެ ތެރެއިން އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ރ. ފުއްގިރި އެވެ.

އެނގުން މުހިންމު - އޮފްޝޯ ކުންފުނިތައް މެދުވެރިކޮށް ދުނިޔޭގެ ވެރިންނާއި ބާރުގަދަ ފަރާތްތަކުން އޮޅުވާލައިގެން ފައިސާ ހަރަދުކުރާ ގޮތް ލީކުކޮށްލި ޕެންޑޯރާ ޕޭޕާޒްއާ ހަވާލާދީ ކަމަށް ބުނެ އޮގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރުޕީ) އިން އާންމުކުރި މައުލޫމާތަކީ، އެ ޖަމާއަތުން 2018ގައި ޝާއިއުކުރި ރިޕޯޓެއްގެ އަޕްޑޭޓެކެވެ.

އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީޖޭ) އާއި އެ ޖަމާއަތާ ގުޅިފައިވާ ދުނިޔޭގެ މީޑިއާތަކާއި ނޫސްވެރިން މިދިޔަ އޮކްޓޯބަރު މަހު ޝާއިއުކުރަން ފެށި ޕެންޑޯރާ ޕޭޕާޒްއާ އޯސީސީއާރުޕީން ހަވާލާދީފައި ވިޔަސް ޕެންޑޯރާ ޕޭޕާޒްގައި ހިމެނޭ 11.9 މިލިއަން ސިއްރު ރެކޯޑުގެ ތެރެއިން މިހާތަނަށް އާންމުކޮށްފައިވާ ރެކޯޑުތަކުގައި އެ މައުލޫމާތު އަދި ނުހިމެނެ އެވެ. ނަމަވެސް، ޕެންޑޯރާ ޕޭޕާޒްގެ ތަހުގީގުގައި ހިމެނޭ ބައެއް ނޫސްވެރިން އޯސީސީއާރުޕީގައި ޝާމިލުވާތީ އެ ފަރާތްތަކަށް ވަކިން އެ ލިޔުންތައް ލިބިފައިވުން އެކަށީގެންވެ އެވެ.

މާލެ އަތޮޅު ފަޅު: ކުރިން އެނގިފައި ވަނީ ކޮންއެއްޗެއް؟

އޯސީސީއާރުޕީން 2018ގައި ޝާއިއުކުރި ރިޕޯޓުން އެނގޭ ކަންކަމަކީ:

  • މާލެ އަތޮޅުގެ ފަޅެއް، އެމްއެމްޕީއާރުސީ މެދުވެރިކޮށް ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ ޑެޕެޒާ ސީވިސަސް ލިމިޓެޑަށް ކުއްޔަށް ދޫކުރި

  • 2015ގައި އެ ފަޅު ދޫކުރީ 2.5 މިލިއަން ޑޮލަރު (38.6 މިލިއަން ރުފިޔާ)އަށް

  • ޑެޕެޒާ ކުންފުނީގެ %50 ހިއްސާދާރަކީ ތުރުކީގެ ދެ ވިޔަފާރިވެރިން

  • އަނެއް ބައި ހިއްސާ ކޮންޓްރޯލްކުރާ ފަރާތް އޭރު ނޭނގޭ

އާ މައުލޫމާތު: ރަޝިއާގެ ފަރާތްތަކާ އޮތް ގުޅުން

ޕެންޑޯރާ ޕޭޕާޒްއާ ހަވާލާދީ ކަމަށް ބުނެ އޯސީސީއާރުޕީން ރޭ ބުނި ގޮތުގައި، ޑެޕެޒާ ކުންފުނީގެ އަނެއް %50 ހިއްސާ އޭރު ކޮންޓްރޯލްކުރީ ސިންގަޕޫރުގައި ގާއިމްކޮށްފައިވާ އަމިއްލަ ފަންޑެއް ކަމަށްވާ ލޭންގް ކެޕިޓަލް ފަންޑުންނެވެ. އެއީ، އޯސީސީއާރުޕީން ބުނި ގޮތުގައި:

  • ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ކުރީގެ ޑެޕިއުޓީ ޗީފް އޮޮފް ސްޓާފް ކިރިލް އެންޑްރޮސޯވް ހިންގަވާ ފަންޑެއް

  • އެ ފަންޑަށް އިންވެސްޓްކުރީ ރަޝިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އެވްޖެނީ ނޮވިޓްސްކީ

  • ނޮވިޓްސްކީ އަކީ ރަޝިއާގެ އޮގަނައިޒްޑް ކްރައިމް ގްރޫޕަކަށް ނިސްބަތްވާ ނުވަތަ އެ ގްރޫޕުގެ މެމްބަރެއް ކަމަށް ތުހުމަތުކުރެވޭ މީހެއް

  • އެ ތުހުމަތުތައް ނޮވިޓްސްކީ ދޮގުކުރައްވާ

އެނގުން މުހިންމު - އެ ފަޅު ގަތް ޑެޕެޒާ ކުންފުނީގައި އޮތް ލޭންގް ކެޕިޓަލް ފަންޑުގެ ހިއްސާ އެ ފަންޑުން ވަނީ ފަހުން ވިއްކާލައިފަ އެވެ. އެ ހިއްސާތައް ވިއްކާލާފައި ވަނީ އެ ކުންފުނީގެ އަނެއް %50 ހިއްސާ ކޮންޓްރޯލްކުރާ ތުރުކީ ވިޔަފާރިވެރިންނަަށެވެ.

ފުއްގިރި މައްސަލަ: ކުރިން އެނގިފައި ވަނީ ކޮން އެއްޗެއް؟

އޯސީސީއާރުޕީން ރޭ ޝާއިއުކުރި ރިޕޯޓުގައި، އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ވެސް ފަށާފައިވާ ފުއްގިރި މައްސަލައިގައި ގިނައިން ހިމަނާފައި ވަނީ ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ މައުލޫމާތުތަކެވެ. އެގޮތުން، އެ މައުލޫމާތުތަކަށް ބިނާކޮށް މިހާތަނަށް އެނގިފައިވާ ކަންކަމުގެ ގޮތުގައި އޯސީސީއާރުޕީން ބުނެފައި ވަނީ:

  • 1-

    އެމްއެމްޕީއާރުސީ މެދުވެރިކޮށް އެ ރަށް ކުއްޔަށް ދިނީ ސެޕްޓެމްބަރު 2015ގައި

  • 2-

    1.55 މިލިއަން ޑޮލަރު (23.9 މިލިއަން ރުފިޔާ)އަށް އެ ރަށް ނެގީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑުން

  • 3-

    ފުއްގިރި ކުއްޔަށް ދިނުމުގެ ތެރެއިން، ރިޝްވަތުގެ ގޮތުގައި ޔާމީނަށް 1.1 މިލިއަން ޑޮލަރު (16.99 މިލިއަން ރުފިޔާ) ލިބިވަޑައިގަތް ކަމަށް ތުހުމަތުކުރެވޭ

  • 4-

    ރިޝްވަތުގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ދެއްކީ ޔާމީންގެ ގާތް ބޭފުޅެއްގެ އެކައުންޓަށް؛ މި މައްސަލައިގައި އަހުމަދު ކުރިކް ރިޒާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައި

  • 5-

    ރިޝްވަތުގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ދެއްކީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ގޮތް ނޭނގޭ ކުންފުންޏެއް ކަމަށްވާ އޭއެންޑްއޭ ހޯލްޑިންސް ގްރޫޕް ލިމިޓެޑުން

އެނގުން މުހިންމު - ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާކުރީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ، ކުރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި އެ ފައިސާ ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓްސް މެދުވެރިކޮށް މަނީ ލޯންޑާކުރެއްވި މައްސަލައިގެ ތުހުމަތުގަ އެވެ.

އިތުރަށް ކިޔާލަން -

އާ މައުލޫމާތު: އިންޑިއާގެ ދެ ވިޔަފާރި އާއިލާއަކާ އޮތް ގުޅުން

ވީ ކިހިނެއް؟ - ފުއްގިރި މައްސަލައިގައި، ޕެންޑޯރާ ޕޭޕާޒްއާ ހަވާލާދީ އޯސީސީއާރުޕީން ރޭ އާންމުކުރި އާ މައުލޫމާތަކީ، އެ ރަށް ކުއްޔަށް ނެގީ އިންޑިއާގެ ދެ ވިޔަފާރި އާއިލާއަކުން ގުޅިގެން ކަމަށެވެ. އެއީ، އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ އަވިނާޝް ބޮސޭލް އަދި މުދާ އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އަމިތު ކުމާރު ގާންދީގެ އާއިލީ ވިޔަފާރިންނެވެ.

އަވިނާޝް ބޮސޭލްގެ އާއިލީ ވިޔަފާރިން، ފުއްގިރި ގަތް ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ކުންފުނީގެ %50 ހިއްސާ ކޮންޓްރޯލްކުރާ ކަމަށް އޯސީސީއާރުޕީން ބުންޏެވެ. އަދި އެ އާއިލާ އިން، އެ ކުންފުނީގެ އެކި ވިޔަފާރިތަކަށް ޖުމްލަ 8.5 މިލިއަން ޑޮލަރު (131.3 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށް ވެސް އޯސީސީއާރުޕީން ބުންޏެވެ.

އަވިނާޝް ބޮސޭލް އަކީ ކާކު؟

  • 1-

    އާއިލީ ވިޔަފާރިން އިންޑިއާގައި މަތީ ފަންތީގެ ގިނަ ހޮޓާތަކެއް ހިންގާ

  • 2-

    2018ގައި، ލަންޑަނުން އަގު ބޮޑު އިމާރާތެއް ގަތް ކަމަށް ވޭ؛ އެއީ ފަސް ތަރީގެ ހޮޓަލަކަށް ބަދަލުކުރަން ކަމަށް ވޭ

  • 3-

    އަވިނާޝް އާއި އޭނާގެ އާއިލާގެ ބައެއް ފަރާތްތަކަށް މަނީ ލޯންޑްރިންގެ ތުހުމަތުތަކެއް އިންޑިއާގެ ސަރުކާރުން ވަނީ ކޮށްފައި

ފުއްގިރި ހޯދުމަށް ރިޝްވަތު ދިން ކަމަށް ބުނާ އޭއެންޑްއޭ ހޯލްޑިންސް ގްރޫޕުގެ ހަގީގީ ހިއްސާދާރުންނަކީ، ޕެންޑޯރާ ޕޭޕާޒްއާ ހަވާލާދީ އޯސީސީއާރުޕީން ބުނި ގޮތުގައި، އަމިތު ކުމާރު ގާންދީ އަދި އޭނާގެ ބޭބެ އަވިނާޝް ކުމާރު ގާންދީ އެވެ.

ގުޅުންހުރި ކަމެއް - އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު 1 މިލިއަން ޑޮލަރު (15.5 މިލިއަން ރުފިޔާ) އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި އޭގެ އަސްލު އޮޅުވާލެއްވި ކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހަފްތާގައި ބާތިލުކޮށްފަ އެވެ.

ނަމަވެސް، މިހާރު ވެސް ކުރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް ދެ މައްސަލައެއްގައި ދައުވާ އުފުލާފައިވެ އެވެ. އެއީ، ފުއްގިރި އާއި ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް