ޖޫން 12، 2022: މެއި 6ގެ ހަމަލާގެ ޝަރީއަތަށް ފަހު ނާޒިމް ސައްތާރު ކްރިމިނަލް ކޯޓުގެ ބޭރުގައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނާޒިމް ހައްޔަރުކޮށްފި

ނާޒިމް މީގެ ކުރިން ވަނީ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެ، ތުހުމަތަށް އިންކާރުކުރައްވައިފައި
28 ޖުލައި 2022

އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުން ފެންނަ ކަމަށް ތުހުމަތު ކުރެވޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު މިއަދު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އާއެކު މާލޭގެ ކޮޓަރިއެއްގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ކޯޓު އަމުުރެއްގެ ދަށުން ނާޒިމް ހައްޔަރު ކުރީ، އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ ބައެއްގެ ރިސޯޓެއްގައި ހުއްޓާ ފުލުހުން އެ ރިސޯޓަށް ގޮހެވެ.

އެނގުން މުހިއްމު - ނާޒިމް މީގެ ކުރިން ވަނީ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެ، ތުހުމަތަށް އިންކާރުކުރައްވައިފަ އެވެ.

ތަފްސީލު - ފުލުހުން މިހާތަނަށް ބުނެފައި ވަނީ މި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވާ އަލަމްގީރްއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އުމުރުން 35 އަހަރާއި 45 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމަ މި މައްސައިގައި ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓަށް ނިސްބަތްވާ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާނު ރަފީއުގެ މައްޗަށް ވެސް ތުހުމަތުކުރެވެ އެވެ. އެނގިފައިވާ ގޮތުގައި ނާޒިމްގެ އިތުރުން މިއަދު ހައްޔަރު ކުރީ އެ ދެ މީހުންނެވެ.

އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ (ކ-ވ) ގާނޫނީ ވަކީލު ނާޒިމް ސައްތާރު، ފުލުސް އޮފިސަރެއް ކަމަށްވާ އަބްދުއްރަހުމާނު ރަފީއު އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު (ކާނަލް).

ނާޒިމް ހައްޔަރު ކުރުމުން ނަޝީދު މިރޭ ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓްވިޓާގައި ޓެގްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ނާޒިމް ހައްޔަރު ކުރީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަރުކަށި ބަޔަކު ރުއްސަން ކަމަށެވެ. އަދި ނާޒިމް ހައްޔަރު ކުރީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި، އަލަމްގީރްއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުންނެވެ.

އަދިވެސް އެފަދަ އެހެން މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް، ވީޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރަން ވަގުތު ބޭނުންވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް