ޔޯގާ ހަރާކާތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން. (ފޮޓޯ/ޕޮލިސް)

ޔޯގާ ހަމަނުޖެހުން: ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 30 އަހަރުން މަތީގެ މީހުން

ގަލޮޅު ދަނޑުގައި އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ވީ ކިހިނެއް؟ - އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ. ފުލުހުންގެ ވެބްސައިޓުގައި ހައްޔަރުކުރި މީހުންގެ ނަމާއި ފޮޓޯ އަދި ބަންދުގެ މުއްދަތުގެ މައުލޫމާތު ވަނީ ހާމަކޮށްފަ އެވެ.

ތަފްސީލު - ފުލުހުން އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހައްޔަރުކުރި ހަ މީހުންނަކީ ވެސް އުމުރުން 30 އަހަރުން މަތީގެ މީހުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • މުހައްމަދު ނަދީމް، 43، ކ. ތުލުސްދޫ/ވީނަސް

  • މުހައްމަދު ޒިލްޔަން، 37، މއ. ކަނުހުރާ

  • ޝާމީ ރަޝާދު އިދްރީސް، 30، ދަފްތަރު ނަންބަރު ދރ. 1105

  • މުހައްމަދު މައުސޫމް، 40، ތ. މަޑިފުށި/ހެޕީސައިޑް

  • މުހައްމަދު ހުސައިން، 47، ހއ. ތުރާކުނު/ގްރީންހައުސް

  • އަމީން އަހްމަދު، 35،ގދ. ރަތަފަންދޫ/ލިލީޕާކް

އެ މީހުންގެ ތެރެއިން ޒިލްޔަން އާއި ޝާމީ ރަޝާދުގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ. ބާކީ ތިބި މީހުންގެ ބަންދަށް ޖަހާފައިވަނީ ދެ މަސްދުވަހެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)

ގުޅުންހުރި ކަމެއް - މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް ފުލުހުން ވަނީ އޮންލައިން ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ. މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުުހުން ދެ އެވެ.

ހާދިސާ ކުރުކޮށް:

  • އެ މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން

  • ފުލުހުން ވަނީ މަގުމަތިން ބެރިކޭޑު ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައި

  • ނަމަވެސް މުޒާހަރާގެ ބައިވެރިން ފެންސް ފޫ އަޅުވާލައި ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނަށް ދިމާލަށް ގޮސް އެ މީހުންނަށް އިންޒާރުދީ އެތަނުން ނުކުތުމަށް އަންގަމުން ދިޔަ

  • އެ ސަރަހައްދުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދާލައި، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި

  • އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ވަރަކަށް މިނެޓު ވަންދެން ހަމަނުޖެހުން ހިންގި ފަހުން، އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން 

  • ޔޯގާ ހަރަކާތުގައިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުން ވެސް ބައިވެރިވި

ކޮމެންޓް (4)

އަލް އަމީރު

22 ޖޫން 2022
ކަލޭމެނާއި ހެދި އަހަރެމެން ލަދު ގަނޭ
0 0

އިފާ ޝަރީފް

22 ޖޫން 2022
ގައިމު އެއްވިއިރު ބުނީ ޒުވާނުންނޭ އެއްވަނީ ދަނޑު ކައިރިއަށް
0 0

މުހައްމަދު

22 ޖޫން 2022
ބޭރުގެ އިއްޒަތްތެރިންނަށާއި، ދިވެހި ކެބިނެޓް މިނިސްޓަރުންނަށާއި، ދިވެހި އާންމު ރައްޔިތުން އަދި ބޭރު ގައުމުތަކުގެ މެހެމާނުންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ނުދެވުނުކަމީ ދިވެއްސެއްގެ ހައިސިއަޔަތުން ދެރަވެ ހިތާމަކުރާކަމެއް. މިކަހަލަ ނަފުރަތު އުފައްދާ މީހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު ކުރީބައިގަ ނޭޅޭކަން ދެރައީ. މިކަންކަމުގަ އަމަލީ ގޮތުން ބައިވެރިވާ ފަރާތްތައް ހިފާ ހައްޔަރުކޮށް ގާނުނުގެތެރެއިން ދެވޭނެ އެންމެހަރުކަށި އަދަބު ދެވެންޖެހޭ. މިއީކީ ނޫން އަޅުގަޑުމެން އުޅެން، ދެކެން ބޭނުންވާ ރާއްޖެއަކީ. މިއީކީ ނޫން އަޅުގަޑުމެންގެ ދަރިންނައް ދައްކަންބޭނުންވާ ރާއްޖެއަކީ.
3 0

ޢަހުމަދު

22 ޖޫން 2022
@މުހައްމަދު މީކީނޫން އަހަރުމެން ވެރިކަމުގެ ހަމައާއިލަމަ ގެންގުޅެން ބޭނުންވި ގޮތަލީވެސް. ހިއެއްނުކުރަން މިގައުމުގެ އެންމެ އިސް މަގާމުތަކުގަ ތިބޭނީ އަކުރެއްބަކުރެއް ނުދަންނަ ޖާހިލުންކަމުގައިވެސް. އިއްޔެގެ ކަންތަކަކީ އޭގެ ނަތީޖާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް