އެތުލެޓިކްސް

ހިމްނާ އާއި އިބާދުﷲ ދިވެހިންނަށް ދެނީ އުފާވެރި މެސެޖެއް

ދެ އަހަރުގެ ތަމްރީން ދަތުރެއްގައި ދެ ދުވުންތެރިން ރޭ ވަނީ ޖެމެއިކާއަށް ފުރާފައި
2 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ކުރިމަގުގެ ދެ ތަރިން ބުނީ ބޮޑު ކުރިއެރުމެއް ހޯދޭނެކަމުގެ އުއްމީދު އޮތް ކަމަށް

އިސްކޮޅަކީ ދުވުމުގެ ސްޕީޑް ބާރުކުރަން އޮތް ހުރަހެއް ނޫން

އިބާދުﷲ ބޭނުންވަނީ 10 ސިކުންތަށް ވުރެ އަވަހަށް 100 މީޓަރު ދުވަން

ރާއްޖޭގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ވަގުތު 10 ސިކުންތަށް ވުރެ އަވަސްކުރުމުގެ އަޒުމް ހުރުމުން، އިބާދުﷲ އާދަމްއާ މެދު ދެކެން ޖެހޭނީ އެހެން ނަޒަރަކުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ތިމަންނަގެ ރެކޯޑްތައް މުގުރާނުލެވޭ ވަރުގެ ވަގުތުތަކެއް ހެދުމުގެ މަސައްކަތަށް މިހުރީ ތައްޔާޜުވެގެންނޭ ބުނުމުން، އައިޝަތު ހިމްނާ ހަސަން ވެސް، އެ ދައްކައިދެނީ ތަފާތު ހިތްވަރެކެވެ.

ރާއްޖޭގެ ކުރިމަގުގެ އެންމެ އުއްމީދީ ސްޕްރިންޓް މި ދެ ދުވުންތެރިން ރޭ އެވަނީ، އެ އަޒުމާއި ހިތްވަރާއި ޖޯޝްގައި ދެ އަހަރުގެ މުއްދަތަށް ރާއްޖެ ދޫކޮށްފަ އެވެ. މަންޒިލަކީ އާދައިގެ ތަނެއް ނޫނެވެ. ސްޕްރިންޓް ދުވުންތަކުގައި މިހާތަނަށް ދުނިޔެ ދުށް އެންމެ ކާމިޔާބު އެއް ގައުމު، ޖެމެއިކާ އެވެ.

ހިމްނާއަށް ފުރުސަތު ލިބުނީ ދުނިޔޭގެ އޮލިމްޕިކް ކޮމިޓީގެ ސްކޮލޮޝިޕްގެ ދަށުންނެވެ. އިބާދުﷲ ތަމްރީން ހަދަމުން ދާނީ ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ހަރަދުގަ އެވެ. 

އިބާދުﷲ (ވ): އޭނާ ބުނީ އިސްކޮޅަކީ ހުރަހެއް ނޫން ކަމަށް
ހިމްނާ: ތަމްރީންތައް ކިތައްމެ އުނދަގޫވިޔަސް ދެމިހުންނާނެ ކަމަށް ބުނި

ފުރުމުގެ ކުރިން، މިދިއަ ބުރާސްފަތިދުވަހު ދެ ދުވުންތެރިން 'ދައުރު'އަށް ދިން ހާއްސަ އިންޓަވިއުގައި ފާހަގަކުރި އެއް ކަމަކީ މިފަދަ ފުރުސަތަކަށް ކުރި އުއްމީދެވެ. ސްޕްރިންޓް ދުވުންތަކުން ކުރިއަށް ދާން ބޭނުން ނަމަ ޖެމެއިކާއަށް މިސްރާބު ޖެހޭ ގޮތް ވުމަކީ ނަސީބެއް ވެސް މެ އެވެ. އެހެންކަމުން ސ. ހިތަދުއަށް އުފަން ހިމްނާ އާއި ގދ. ތިނަދޫގެ އިބާދުﷲ ތިބީ ވަރަށް އުފަލުންނެވެ.

"އެތުލެޓިކްސް އިން ކުރިއަށް ދާން މިއީ ލިބޭނެ އެންމެ ބޮޑު ފުރުސަތު،" ހިމްނާ ބުންޏެވެ.

"ކެރިއަރު ފެއްޓިއިރު ހިތަށްއެރި އެއްޗެއް އެއީ ޖެމެއިކާއަށް ގޮސް ޓްރޭނިން ހަދާނިއްޔޭ،" އިބާދުﷲ ބުނެލި އެވެ.

ހިމްނާ އަތުގައި ހުރިހާ ރެކޯޑެއް، އިބާދުﷲއަށް އޮތީ އުއްމީދު

ހިމްނާއަކީ، އިބާދުﷲއާ ހިލާފަށް، ރާއްޖޭގެ އަންހެނުންގެ 100 ،200 އަދި 400 މީޓަރުގެ ރެކޯޑް އޮތް ދުވުންތެރިޔާ އެވެ. އިބާދުﷲއަށް އަދި ރާއްޖޭގެ އެފަދަ ރެކޯޑަކާ އެއްވަރަކަށް ނުދުވެވެ އެވެ. އެ ތިން އިވެންޓްގެ ފިރިހެން ރެކޯޑް އޮތީ މިހާތަނަށް ރާއްޖެއިން އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އަތުގަ އެވެ.

މިހާރު ވެސް ރާއްޖޭގައި ބާއްވާ ގައުމީ ފެންވަރުގެ ހުރިހާ މުބާރާތެއްގައި ސާއިދު ދުވެ އެވެ. އެހެންކަމުން 100 އާއި 200 މީޓަރުގެ ރޭސްތަކުގައި އިބާދުﷲ އުޅެނީ އާންމުކޮށް ދެ ވަނައިގަ އެވެ. އެކަމަކު 100 މީޓަރުގައި ސާއިދު ހަދާފައި އޮތް 10.33 ސިކުންތުގެ ރެކޯޑަކީ، އިބާދުﷲ ދެކޭ ގޮތުގައި، އަތްނުލެވޭ ވަރުގެ ވަގުތެއް ނޫނެވެ.

[ދިވެހި ރައްޔިތުންނަށް ބުނެލަން އޮތީ] އުއްމީދުކުރާށޭ ރާއްޖޭގެ އެންމެ ފުރަތަމަ އޮލިމްޕިކްސްއަސް ކޮލިފައިވާނެ އެއް އެތުލީޓު ކަމަށް

އައިޝަތު ހިމްނާ، އެންމެ ބާރު ދިވެހި އަންހެން ދުވުންތެރިޔާ

މިސާލު ދެއްކީ ސާއިދަށް އެ ބޮޑު ކުރިއެރުން ލިބުނު ޖެމެއިކާގެ ޓްރެއިންތަކަށް ފުރިއިރު އެންމެ ބާރަށް ދުވެފައި އޮތް ވަގުތުންނެވެ. ކުރިން 400 މީޓަރަށް ހާއްސަވެގެން ދުވި ސާއިދު އޭރު 100 މީޓަރު އެންމެ ބާރަށް ދުވެފައި އޮތީ 11.03 ސިކުންތުންނެވެ. އެކަމަކު ޖެމެއިކާގެ ތަމްރީންތައް ފެށުމާ އެކު ކޯޗު ނިންމީ އޭނާ ލައްވާ 100 އާއި 200 މީޓަރު ދުއްވާށެވެ. އެ ދެ އިވެންޓުން އޭނާ ވަނީ ރާއްޖެއަށް ބޭރުން މެޑެލްތައް ހޯދައިދީފަ އެވެ.

ޖެމެއިކާއަށް ފުރިއިރު، އިބާދުﷲއަށް އޮތް ހިތްހަމަޖެހުމަކީ މިހާރު ވެސް 100 މީޓަރުގެ ރޭސް 10.54 ސިކުންތުން އޭނާއަށް ދުވެވުމެވެ.

"ގަބޫލުކުރަން މިހާރުގެ ރާއްޖޭގެ ރެކޯޑް މުގުރާލެވޭނެ ކަމަށް. އެއަށް ވުރެ މާ ބޮޑު ތަނުން ރާއްޖޭގެ ރެކޯޑް އާކުރުން އުއްމީދަކީ،" އިބާދުﷲ ބުންޏެވެ.

ހިމްނާ ވަނީ އަންހެން ސްޕްރިންޓްގައި މިވަގުތު އޭގެ ދެވަނައެއް ނެތް ފަދަ ދުވުންތެރިއެއްކަން ސާބިތުކޮށްދީފަ އެވެ. އެކަމަކު އެވަރަކުން އަދި ހިތްހަމައެއް ނުޖެހެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު ހުރި ވަގުތުތަކަށް ވުރެ ވެސް ދުވުން ބާރުކުރެވިދާނެ އެވެ.

އިސްކޮޅު މުހިންމެއް ނޫން

ބައެއް އާންމުންނަށް ހީވެފައި އޮންނަނީ އިސްކޮޅުން އެހާ ބޮޑު ނުވެފައި ހަށިގަނޑު ވަރުގަދަނުވުމުން، ދިގު ދުވުންތަކުގައި ދިވެހިންނަށް މާ ބޮޑު ކާމިޔާބީއެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެއްކަން 21 އަހަރުގެ މި ދެ ދުވުންތެރިން ބުނަނީ ޔަގީންކަމާ އެކުގަ އެވެ.

ހިމްނާ ދެކޭ ގޮތުގައި އިސްކޮޅަކީ ސްޕްރިންޓްގައި މުހިންމު ބައެކެވެ. ނަމަވެސް އެއީ ބާރަށް ދުވެ، ވަގުތު އަވަސްކުރަން އޮތް ހުރަހެއް ނޫނެވެ. މިހާރު ވެސް ދުނިޔޭގައި އެންމެ ބާރަށް ދުވާ އަންހެން ދުވުންތެރިން އިސްކޮޅުން އެހާ ދިގު ނޫންކަން ފާހަގަކުރި އެވެ.

އިބާދުﷲ އިސްލާމީ ސޮލިޑަރިޓީ ގޭމސްގައި ދުވުމަށް ފަހު

"ގަބޫލެއްނުކުރަން އެ ވާނެ ކަމަށް ބެރިއާއަކަށް، ޓައިމިން އަތުލަން،" ހިމްނާ ބުންޏެވެ.

"ރަނގަޅަށް ޓްރެއިންކޮށްގެން އެންމެ ދިގު މީހާއާ އެއްވަރަށް ދުވެވިދާނެ."

އަންހެން ދުވުންތެރިންނަށް ވުރެ އިސްކޮޅުން ވަރުގަދައީ ފިރިހެން ސްޕްރިންޓަރުންނެވެ. ނަމަވެސް އިސްކޮޅަކީ އޭނާއަށް އޮތް ހުރަހެއް ކަމަކަށް އެއްވެސް އިރަކު އިބާދުﷲ ވެސް ގަބޫލެއްނުކުރެ އެވެ.

"އިސްކޮޅަކީ މާ ބޮޑު މައްސަލައެއް ކަމަކަށް ނުދެކެން،" އޭނާ ބުންޏެވެ.

ދިވެހިންނަށް ދެނީ އުފާވެރި މެސެޖެއް

ދެ އަހަރުގެ ތެރޭގައި ހިމްނާ އާއި އިބާދުﷲ ހޯދާނީ ކޮން ކަހަލަ ކުރިއެރުމެއްކަމެއް އަދި ނޭނގެ އެވެ. އޮތީ އުއްމީދެވެ. އެކަމަކު މިހާ މަދުން ލިބޭ ފުރުސަތެއްގައި، ހިތްވަރު ދޫނުކޮށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދެ ދުވުންތެރިން ވެސް، ދިވެހި ރައްޔިތުންނަށް ދިނެވެ.

މިއީ ގައުމަށް ރީތި ނަން ހޯދައިދީ، މުބާރާތްތަކުގައި މެޑެލް ކާމިޔާބުކުރުމުގެ އުއްމީދު އޮތް ފެށުމެކެވެ. ސާފް ގޭމްސް އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ. އެއަށް ވުރެ ވާދަވެރި، ބޮޑެތި މުބާރާތްތައް ނަމަ، އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އާއި ކޮމަންވެލްތު ގޭމްސް އެވެ. އޮލިމްޕިކްސް އަކީ ދިވެހި ދުވުންތެރިއަކަށް އަތްލެވޭ ވަރަށް ވުރެ މާ ބިޔަ ވާދަކުރުމެއް ކަމަށް ބަލަން ޖެހެ އެވެ.

ހިމްނާ މުބާރެއްގައި ވާދަކުރަނީ: މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެކަމަކު ބައެއް މުބާރާތްތަކުން މެޑެލް ނުލިބުނަސް ވަކި ފެންވަރެއްގައި ދުވެގެން، ގައުމު ހިނިތުންކޮށްދެ އެވެ. ގައުމުގެ ތަރިއަކަށް ވެ ދެ އެވެ.

ހިމްނާ ބުނީ އެހިސާބަށް ދާން ކުރިމަތިލާން ޖެހޭ "އެއްވެސް ޗެލެންޖަކަށް ބިރުނުގަންނަ" ކަމަށެވެ.

ގައުމަށް މެޑެލް ހޯދައިދީ، އޮލިމްޕިކްސްއަށް ކޮލިފައިވާ ފުރަތަމަ ފިރިހެން އެތުލީޓަށް ވާން ބޭނުންވަނީ،

އިބާދުﷲ އާދަމް، މިހާރު އަރަމުން އަންނަ އެއް ދުވުންތެރިޔާ

"ހުރިހާ ކަމަކަށް ވެސް ރެޑީ. ޓްރެއިނިން ކިތައްމެ ހާޑުވިޔަސް، އާއިލާގެ މަތިން، ރައްޓެހިންގެ މަތިން ކިތައްމެ ހަނދާންވިޔަސް، ހަމަ ޓްރެއިނިންއަށް ފޯކަސްކޮށްގެން، މި ދަނީ ވަރަށް ބޮޑު ކަމަކަށްކަން ހަނދާންކޮށްގެން އެކަން ހާސިލްކުރަން މަސައްކަތްކުރާނަން،" ހިމްނާ ބުންޏެވެ.

ދެ ދުވުންތެރިން ދޭ އުފާވެރި ހަބަރަކީ ބައިނަލްއަގުވާމީ މެޑެލް ހޯދޭ ފެންވަރަށާއި އޮލިމްޕިކަށް ސީދާ ކޮލިފައިވެގެން ދެވޭ މިންވަރަށް ނަތީޖާ ހޯދަން މަސައްކަތްކުރާނެ ކަމެވެ.

"[ދިވެހި ރައްޔިތުންނަށް ބުނެލަން އޮތީ] އުއްމީދުކުރާށޭ ރާއްޖޭގެ އެންމެ ފުރަތަމަ އޮލިމްޕިކްސްއަށް ކޮލިފައިވާނެ އެއް އެތުލީޓު ކަމަށް،" ހިމްނާ ބުންޏެވެ.

މިދިއަ އޮގަސްޓް މަހު މާލޭގައި އޮތް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ސްޕްރިންޓްގައި ވާދަކުރި އެންމެ މޮޅު ދުވުންތެރިން: ޖެމެއިކާއަކީ މި ދުވުންތެރިންގެ އުއްމީދީ މަންޒިލެއް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

"ދެން ރާއްޖޭގެ އެތުލެޓިކްސްގެ އަންހެން އިންޓަނޭޝަނަލް ގޯލްޑް މެޑެލްއެއް ގެންނާނެ އެތުލީޓަކަށް ވާނެ ކަމަށް ވެސް އުއްމީދުކުރާށޭ. އެންމެ މެޑެއްޔެއް ނޫން، ބައިވަރު މެޑެލްތައް، ބައިވަރު އިންޓަނޭޝަނަލް މެޑެލްތައް ލިބޭނެ."

މިހާތަނަށް ދިވެހި އެއްވެސް ދުވުންތެރިޔަކު އޮލިމްޕިކްސްއަށް ކޮލިފައިވެފައެއް ނުވެ އެވެ. ރާއްޖެ ތަމްސީލްކުރަން ދުވުންތެރިން ދަނީ ލިބޭ ހާއްސަ ފުރުސަތެއްގަ އެވެ. މިސާލަކަށް ފިރިހެން 100 މީޓަރުން އޮލިމްޕިކްސް އާއި ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނީ 10 ސިކުންތަށް ވުރެ އަވަހަށް ދުވެގެންނެވެ.

އިބާދުﷲ ހުރީ އެ އުއްމީދުގަ އެވެ.

"ގައުމަށް ރީތި ނަން ހޯދައިދޭނެ އެތުލީޓެއްކަން، [ދިވެހިން] އެކްސްޕެކްޓްކުރަންވީ. ގައުމަށް މެޑެލް ހޯދައިދީ، އޮލިމްޕިކްސްއަށް ކޮލިފައިވާ ފުރަތަމަ ފިރިހެން އެތުލީޓަށް ވާން ބޭނުންވަނީ،" އޭނާ ބުންޏެވެ.

ތަރިން ތަރިންނަށް ވާނީ އުއްމީދު އޮވެގެންނެވެ. އެވަރުގެ ހިތްވަރެއް ކުރެވޭނެކަމުގެ އަޒުމް ވެސް އޮވެގެންނެވެ. ހިމްނާ އާއި އިބާދުﷲގެ ފަރާތުން، ގައިމުވެސް، އެ ސިފަތައް ފެނުނެވެ. ދެން އޮތީ އިންތިޒާރުކުރުމެވެ. ޖެމެއިކާގައި މި ދުވުންތެރިން ފަށާ ދަތުރަށް ކޮށްދޭ ހެޔޮ ދުއާއާ ވެސް އެކު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް