ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން: ސްކޫލުގެ މާހައުލުގެ ތެރެއިން ކުޑަކުއްޖަކަށް ގޯނާ ކުރި މައްސަލަ ފެންމަތިވުމާއެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން (ދައުރު ފޮޓޯ/ މާޝާ ނައީމް)
ޕްރީ ސްކޫލު ބެލެނިވެރިންނަށް މިހާރު ހަމަޖެހުމެއް ނެތް
ދޭތެރެއަކުން މެދުކެނޑުމެއް އައި ނަމަވެސް، ހުމޭދާ އިބްރާހިމަކީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ވެސް ޕްރީ ސްކޫލެއްގެ ބެލެނިވެރިއެކެވެ. އޭނާގެ ދޮއްޓަށް ތިބި ދެ ކުދިން، ޕްރީ ސްކޫލުގެ މަރުހަލާ ނިންމި އިރު، އެންމެ ހަގަށް ހުރި ދަރިފުޅު މިހާރު ވެސް ކިޔަވަމުން އަންނަނީ ޕްރީ ސްކޫލެއްގަ އެވެ.
އެކަމަކު މިދިޔަ ދެ ހަފުތާ ނޫނީ، އެހާ ހިތްބިރު ގަނެ، ނުތަނަވަސްވީ ދުވަސްތަކެއް އަދި ކުދިންގެ ތައުލީމީ ހަޔާތުގައި ހުމޭދާ ތަހައްމަލެއް ނުކުރެ އެވެ. ހަގު ދަރިފުޅު ސްކޫލަށް ހަމަ ފޮނުވަންވީތޯ ވެސް ކިތަންމެ ފަހަރަކު އޭނާ ހިތަށް އެރި އެވެ.
ގަލޮޅު މަދަރުސާގެ ޕްރީ ސްކޫލުގެ ދަރިވަރަކަށް، ސްކޫލުގެ ތެރެއިން ޖިންސީ ހާނިއްކަ ލިބުނު ކަމަށް ވާހަކަ ދެކެވެން ފެށުމާ އެކު، މި ކަންބޮޑުވުން ބެލެނިވެރިންގެ ހިތުގައި އުފެދެން ފެށި އެވެ. މައްސަލަ ސާފުވެ، ކުއްޖާއަށް ޖިންސީ އަނިޔާ ކުރީ، އެ ކުއްޖާ ފާހާނާއަށް ގެންދިޔަ، ސްކޫލުގެ މަސައްކަތު މީހާ ކަމާއި ލިބުނު އަނިޔާތައް މީޑިއާގެ ޒަރީއާއިން އެނގުމާ އެކު އެ ކަންބޮޑުވުމާއި ބިރުވެރިކަން ބޮޑުވި އެވެ.
ހުމޭދާ ފަދަ ޕްރީ ސްކޫލުގެ ގިނަ ބެލެނިވެރިންގެ ހާލަކީ ހަމަ މިއީ އެވެ. މި މަހުގެ13 ވަނަ ދުވަހު ހިނގި މި ހާދިސާ، އޭގެ ދުވަސްކޮޅެއް ފަހުން އާއްމުންނަށް އެނގުނު ހިސާބުން، ބައެއް ބެލެނިވެރިން ދަރިވަރުން ސްކޫލަށް ގެންދިޔުން ވެސް ހުއްޓާލި އެވެ. ހުމޭދާ ބުނިގޮތުގައި މިވީ ދުވަސްތަކުގައި އޭނާއަށް އެ ފަދަ ތަޖުރިބާއެއް ކުރަން ނުޖެހުނު ނަމަވެސް، އެ ފަދަ ކަމެއް ދެން ކޮންމެ ވަގުތަކު ވެސް ހިނގައިފާނެ ކަމުގެ ބިރު މިހާރު އޮވެ އެވެ.
"ބައެއް ދުވަސް ދުވަހު ހިތަށް އަރާ ދަރިފުޅު ސްކޫލަކަށް ނުގެންދާނަމޭ ވެސް. ވަރަށް ޖެހިލުންވެފައި ހުރެވެނީ،" ހުމޭދާ، 32، ބުންޏެވެ.
އޭނާ އަކީ ވެސް އުމުރުން 4 އަހަރުގައި އާއިލާގެ ތެރެއިން ޖިންސީ ޝިކާރައާ ކުރިމަތިލާން ޖެހުނު މީހެކެވެ. އެ ބިރުވެރިކަން އަދިވެސް އޭނާގެ ހިތުގައި ހަރުލާފައި ހުރެ އެވެ. ކޮންމެ ކޮންމެ މީހަކަށް އިތުބާރުކުރަން ދައްޗެވެ. ހާއްސަކޮށް ސްކޫލުގެ މާހައުލުގެ ތެރެއިން އެ ފަދަ ކަމެއް ދިމާވުމުން، ދަރިންގެ ރައްކާތެރިކަމާ މެދު އޭނާއަށް މިހާރު ސުވާލު އުފެދެ އެވެ.
"ކުރިން، ދަރިންކޮޅު ސްކޫލަށް ފޮނުވާލާފައި ލިބޭ ވަގުތުކޮޅަކީ އަޅުގަނޑު ރިލެކްސް ކުރާ ގަޑި. އެކަމަކު މިހާރު އެ ހަމަޖެހުމެއް ނުލިބޭ. ހީވަނީ ކުއްޖަކަށް ކަމެއް ވެދާނެ އޭ،" ހުމޭދާ ކިޔައިދިނެވެ.
"ހިތަށް އުނދަގޫވެފައި ހުރެވެނީ. މިއީ ހަމަ ކޮންމެ ޕޭރެންޓެއްގެ ވެސް ވޯސްޓް ނައިޓްމެއާ ދޯ."
ސްކޫލު މާހައުލުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައި
ތުއްތު ދަރިފުޅު ސްކޫލަށް ގެންދިޔުމަށް ތައްޔާރުކުރުމާއި ސްކޫލަށް ގެންދިޔުމަކީ، ގިނަ ބެލެނިވެރިންނަށް އެންމެ ބޮޑު އުފަލެއް ލިބޭ އެއް ކަމެވެ. އެ ކުދިން ސްކޫލަށް ބަލާ ދިޔުމުން، 'މަންމާ'އޭ ނުވަތަ 'ބައްޕާ'އޭ ކިޔާފައި އައިސް ގައިގާ ބައްދާލާ ވަގުތުކޮޅު އެ ލިބޭ ހިތްހަމަޖެހުން ބުނަން ވެސް ދައްޗެވެ. އެކަމަކު ގަލޮޅު މަދަރުސާގެ އެ ދަރިވަރުގެ ހިނިތުންވުން، ސްކޫލުގެ މާހައުލުގެ ތެރެއިން ގެއްލުވާލައިފި އެވެ.
ބެލެނިވެރިންގެ ޝަކުވާތައް ގިނަ އެވެ. ކުއްޖާއަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ، ދެނެނުގަނެވިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާގެ މައްޗަށް ފިޔަވަޅެއް ނޭޅޭއިރު، އެ މީހާގެ ފަރާތުން ސްކޫލުގެ އިތުރު ކުއްޖަކަށް އަނިޔާ ނުލިބި ހުރެދާނެ ބާ އެވެ؟ ދަރިވަރުންނަށް ސްކޫލު މާހައުލު ކިހާ ރައްކާތެރިބާ އެވެ؟
ކުޑަކުއްޖާގެ އާއިލާއިން، މީޑިއާގައި ބުނެފައިވާ ގޮތުން، ކުއްޖާ ފާހާނާއަށް ފޮނުވީ ކޮން މުވައްޒަފަކާއެކު ކަމެއް، ޓީޗަރަށް ބުނާކަށް ނޭނގެ އެވެ.
"ތުއްތު ކުއްޖާ ހަވާލު މިކުރެވެނީ ކާކާކަން ނޭނގުމަކީ ކިހާ ބޮޑު އިހުމާލެއްތޯ؟ އަޅުގަނޑުމެންގެ ލޮލުގެ ކޮއެ، އިތުބާރުކޮށްފައި ބަޔަކާ ހަވާލު ކުރާއިރު އެ މީހުން އެހާ ފަރުވާ ކުޑަކުރަންވާނެތޯ؟." ފޭސްބުކްގައި ކަންބޮޑުވުން ފާޅުކުރި އަންހެނަކު ބުންޏެވެ.
މައްސަލަ ބަލަން ފެށުމާ އެކު ގަލޮޅު މަދަރުސާ އިން ވަނީ އެ ސްކޫލުގެ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑްކޮށްފަ އެވެ. އަދި ފާހާނާތައް ހުންނަ ސަރަހައްދުގައި ކެމެރާ ހަރުކޮށްފަ އެވެ. އެ ނޫން ފިޔަވަޅެއް އަދި ނާޅަ އެވެ. ސްކޫލުގެ މާހައުލުން ދިމާވި މިފަދަ ހާދިސާއެއްގައި އިތުރު ތަފްސީލު އާއްމު ނުކުރުމަކީ ވެސް ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.
ފުލުސް އޮފީހުން މިއަދު ވެސް ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. މައްސަލައިގެ އިތުރު ތަފްސީލެއް އާއްމެއް ނުކުރެ އެވެ.
ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހެޅުމާ އެކު އެޑިޔުކޭޝަން މިނިސްޓްރީން އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ ތަނުން ބުންޏެވެ. އަދި އެގޮތުން މައްސަލަ ރައްދުވާ ފަރާތް، މި ވަގުތު ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ގަލޮޅު މަދަރުސާގެ ބެލެނިވެރިއަކު ބުނީ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ނުހޯދެނީސް އޭނާގެ ދަރިފުޅު ދެން ސްކޫލަށް ނުގެންދާނެ ކަމަށެވެ. މީހަކު ކުރި ކުށަކުން މުޅި ސްކޫލު ބަދުނާމު ނުކުރެވޭނެ ކަމާއި އެކަމަކު ސްކޫލުގެ މާހައުލުގެ ތެރެއިން އެފަދަ ކަމެއް ހިނގީތީ، ސްކޫލާ މެދު އިތުބާރު ކެނޑިފައިވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
"މިއީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ހަމަ އަންނާނެ އިހުސާސްތަކެއް ދެއްތޯ. މިކަމުން އަރައިގަންނަން އަޅުގަނޑުމެންނަށް ދުވަސް ނަގާނެ،" އޭނާ ބުންޏެވެ.
ބެލެނިވެރިންގެ މިކަންބޮޑުވުންތަކަށް ލުޔެއް ހޯދައިދިނުމަށް، ބައެއް ސްކޫލުތަކުން ވަނީ އުސޫލުތަކަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން ބެލެނިވެރިންގެ ހުއްދައާ އެކުގައި ނޫނީ ދަރިވަރުން ފާހާނާއަށް ގެންދިޔުމާއި އެ ކުދިން ސާފުކުރުން ވަނީ ހުއްޓާލައިފަ އެވެ.
ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނިގޮތުގައި މިއީ ވެސް ލިބުނު ފިލާވަޅެކެވެ؛ ސްކޫލުން، ދަރިވަރުންގެ ރައްކާތެރިކަމާ މެދު އިތުރަށް ސަމާލުވާން، އަދި ބެލެނިވެރިން ވެސް މި ފަދަ ކަމެއް ވެދާނެ ކަމަށް ހުޝިޔާރުވުމަށެވެ.