އައިޖީއެމްއެޗް ހޮސްޕިޓަލް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެޗްޕީއޭ

ރޯގާއާއެކު އިންފްލުއެންޒާ ވެސް ފެތުރޭތީ ސަމާލުވާން އަންގައިފި

އިންފްލުއެންޒާއަށް ޓެސްޓުކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފްލުއެންޒާ އޭ އަށް ވަނީ ޕޮޒިޓިވްވެފައި
28 ސެޕްޓެމްބަރު 2021

މާލެ ސަރަހައްދުގައި އާންމު އަރިދަފުސް ރޯގާއާއެކު އިންފްލުއެންޒާ ވެސް ފެތުރެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން، މި މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރީ:

  • 3،720 ކޭސް 

  • އެއީ އޯގަސްޓް މަހާ އަޅާބަލާއިރު %60 އިތުރު އަދަދެއް

އަރިދަފުސް ރޯގާގެ އިތުރުން، އިންފްލުއެންޒާއަށް ޕޮޒިޓިވްވާ އަދަދު ވެސް ފާއިތުވެދިޔަ މަސްތަކުގައި ގިނަވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެގޮތުން:

  • މި މަހުގެ ތެރޭގައި ޓެސްޓުކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވްވެފައިވޭ

މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން ދާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިދުވަސްވަރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. ކޮވިޑް-19 އާ އެއްގޮތަށް އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައް ކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތައް ކުރިއަށް ގެންދަން ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެނގުން މުހިންމު - މާލޭގައި ވައިރަލް ހުމެއް ފެތުރެމުން ދާތީ، ހުން، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ހުންނަ މީހުން ދެއްކުމަށް ހާއްސަ ފުލޫ ކްލިނިކެއް ވެސް ވަނީ ހުޅުވައިފަ އެވެ. އެ ފްލޫ ކްލިނިކް ހުންނާނީ ކުރީގެ ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް)ގެ އިމާރާތުގަ އެވެ.

އަރިދަފުސް ރޯގާ އިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

  • އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތްތައް ހުރި ނަމަ ހޮސްޕިޓަލުގެ އާންމު އާންމު އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުން

  • އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާ ވެސް އަވަހަށް ކޮވިޑަށް ޓެސްޓުކުރުން

  • އާންމު ތަންތަނުގައި އަބަދު ވެސް މާސްކް އަޅައިގެން އުޅުން

  • ރޯގާގެ އަލާމާތެއް ހުރި ނަމަ އޮފީސް އަދި ސްކޫލު ފަދަ ތަންތަނަށް ނުދިއުން

  • ކޮވިޑް-19 އަށް ނެގެޓިވްވި ނަމަވެސް ރޯގާގެ އަލާމާތް ރަނގަޅުވަންދެން ގޭގައި މަޑުކުރުން

  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން

  • ބަލި ޖެހުމުން ނުރައްކާވާ މީހުން އިންފްލުއެންޒާ ވެކްސިން އާއި ކޮވިޑް ވެކްސިން ޖެހުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް