މީގެ ކުރިން ބޭއްވި ގަވާއިދު ކޮމިޓީގެ ބައްދަލުވުމަށް ބްރޯޑްކޮމްގެ މެމްބަރުން ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)

ރީބްރޯޑްކާސްޓް ގަވައިދު ބަދަލުކުރަން މަޖިލީހުގެ ކޮމިޓީން ބްރޯޑްކޮމްއަށް އަންގައިފި

ބްރޯޑްކޮމް އިން މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި
16 ނޮވެމްބަރު 2022
2

ހަމައެކަނި ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭ ގޮތަށް ރީބްރޯޑްކާސްޓިން ގަވައިދު، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިސްލާހުކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމަށް ނިންމައި އެ ގަވައިދު އިސްލާހުކުރަން އެ ކޮމިޝަނަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - މި ފަހުން ބްރޯޑްކޮމުން އިސްލާހުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން:

  •  ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި

  • އެ އިސްލާހު އެގޮތަށް ގެނައުމުން، ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު މިހާރު ލިބެނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މީޑިއާނެޓަށާއި އެ ކުންފުނިން ހުއްދަ ނަގައިގެން އަތޮޅުތެރޭގައި އެ ފަރާތުގެ ޗެނަލްތައް ދައްކާ ބްރޯޑްކާސްޓަރުންނަށް

  • އެ އިސްލާހުގެ ސަބަބުން، މީޑީއާނެޓަށް ފަހު އެންމެ ބޮޑު ބްރޯޑްކާސްޓިން ކުންފުނި ކަމަށްވާ ދިރާގަށް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ގެއްލޭނެ؛ އެއީ ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހްރެއިންގެ ބަޓެލްކޯއަށް ވާތީ

ވީ ކިހިނެއް؟ - ރީބްރޯޑްކާސްޓިން ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ދިރާސާކުރަމުން އަންނަ ގަވައިދު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ނިންމި ގޮތުގައި، އެގޮތަށް ގަވައިދަށް އިސްލާހު ގެނައުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫނެވެ. އެހެންވެ، ގަވައިދު އަލުން އިސްލާހުކުރަން ބްރޯޑްކޮމްއަށް އަންގަން އެ ކޮމިޓީން ނިންމި އެވެ.

ތަފްސީލް - ރީބްރޯޑްކާސްޓިން ގަވައިދު އިސްލާހުކުރުމަށް ބްރޯޑްކޮމްއަށް އަންގަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖު ތާއީދުކުރެއްވި އެ ހުށަހެޅުން މިއަދު ފާސްކުރީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ގުޅުން ހުރި ކަމެއް - ގަވައިދު އިސްލާހުކުރަން އެންގުމަށް ގަވައިދު ކޮމިޓީން މިއަދު ނިންމިއިރު، ހަމަ އެ ގަވައިދާ ގުޅިގެން މަޖިލީހަށް ހުށަހެޅި ގަރާރެއް ދިރާސާކުރުމުގެ މަސައްކަތް ވެސް އެ ކޮމިޓީން ދަނީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ގުޅިގެން ކުރަމުންނެވެ. އެ ގަރާރުގައި ގޮވާލާފައިވަނީ އެ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ދެނެގަތުމަށް މަޖިލީހުން ތަހުގީގެއް ކުރިއަށް ގެންދިއުމަށެވެ.

މީގެ އިތުރުން، ބްރޯޑްކޮމް އިން ގަވާއިދު އިސްލާހުކުރުމާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ދިރާގަށް ދީފައިވާ ރީބްރޯޑްކާސްޓިން ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރީބްރޯޑްކާސްޓިން ލައިސަންސް އާކުރަން މިދިޔަ ޖުލައި މަހު ދިރާގުން ހުށަހެޅުމުން، ބްރޯޑްކޮމް އިން ވަނީ އާ ގަވާއިދުގެ ދަށުން ލައިސަންސް ދެވެން ނެތް ކަމަށް އަންގާފަ އެވެ. އެހެންކަމުން، ދިރާގު ޓީވީއަށް 2013ގައި ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީގައި ހަމަވުމުން ހިދުމަތް ހުއްޓާލަން މަޖުބޫރު ވާނެ އެވެ.

ކޮމެންޓް (2)

ޙަސަން

16 ނޮވެމްބަރު 2022
މަޖިލީހުން ވެސް ރަނގަޅު ކަންތައްތައް ވެސް އެބަ ކުރޭ ދޯ؟
2 0

ހިތަދޫ 2

16 ނޮވެމްބަރު 2022
"ގަރާރުގައި ގޮވާލާފައިވަނީ އެ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ދެނެގަތުމަށް މަޖިލީހުން ތަހުގީގެއް ކުރިއަށް" ސަރުކާރުން ދެން ތިއުޅެނީ މިނިވަން ވިޔަފާރިތަކަށް އަތްބާނަން، މަގު ކޮށައިދޭން އަގު ފިކްސް ކުރަން!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް