ދިރާގު ޓީވީ ހިދުމަތުގެ ޑެމޯއެއް ދައްކާލަނީ: އެ ހިދުމަތް ހުއްޓާލަން ޖެހިދާނޭ ކަމުގެ ބިރު އެބަ އޮތް (ފޮޓޯ/ދިރާގު)

ދިރާގު

ބްރޯޑްކޮމްގެ ނިންމުމާ ހެދި ދިރާގު ޓީވީ ވިއްކާލަން ޖެހުނީތަ؟

އަންނަ އަހަރުގެ ފުރަތަމަކޮޅު ދިރާގަށް އޮތް ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ހައްލެއް ނުލިބިއްޖެ ނަމަ ދިރާގަށް ކޭބަލް ޓީވީގެ ހިދުމަތެއް ނުދެވޭނެ
23 އޮކްޓޯބަރު 2022
2

ރީ-ބްރޮޑްކާސްޓިން ނުވަތަ އާންމުކޮށް ކިޔާ ގޮތުން ނަމަ ކޭބަލް ޓީވީގެ ހިދުމަތް ދިނުމާ ގުޅޭ އާ ގަވައިދެއް ބްރޮޑްކޮމްއިން މިދިޔަ ޖެނުއަރީ މަހު ގެޒެޓްކުރި އިރު އެ ވިޔަފާރިއަށް ބޮޑު ލޮޅުމެއް އަރާފާނޭ ފަދަ ބަދަލެއް ގެނަ އެވެ. ބޭރުގެ ފަރާތެއްގެ ހިއްސާ އެއްވެސް މިންވަރަކަށް އޮންނަ ކުންފުންޏަކަށް ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުން އެ ގަވައިދުން މަނާކުރި އެވެ.

ރީ ބްރޯޑްކާސްޓިންގެ ލައިސަންސް ދިނުމުގެ ގަވައިދުގެ 8 ވަނަ މާއްދާ، 'ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް' ބަޔާން ކުރާ މާއްދާގެ 5 ވަނަ ނަމްބަރުގައި ބުނެފައި ވަނީ: 

  • ރީ-ބްރޯޑްކާސްޓް ކުރުމަށް އެދޭ ފަރާތަކީ، %100 ދިވެހިން ހިއްސާވާ ކުންފުންޏެއް ކަމުގައި ވާންވާނޭ ކަމަށް

މިހާރު ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތު ހަމަވެ އާ ލައިސަންސް ހަދައިދޭ އިރު އެ އުސޫލަށް އަމަލުކުރާ ގޮތަށް ގަވައިދުގައި ލިޔެ އޮތީ ހަމަޖައްސައިފަ އެވެ.

ރައްޔިތުން މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ބްރޯޑްކޮމްގެ މެންބަރުން ހާޒިރުކޮށް މައުލޫމާތު ސާފުކުރަނީ (ފޮޓޯ/މަޖިލީސް)

އެ ބަދަލު ސީދާ އަމާޒުވި އެއް ބަޔަކީ މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ ނަގައިގެން އެ ހިދުމަތް ދޭ ދިވެހި ރައްޔިތުން ވެސް ހިއްސާ އޮންނަ ޓެލެކޮމް ކުންފުނި، 'ދިރާގު ޓީވީ' އަށެވެ. ސަބަބަކަށް ވަނީ ދިރާގުގެ މައިގަނޑު ހިއްސާދާރަކީ ބަހުރެއިންގެ ޓެލެކޮމް ކުންފުންޏެއް ކަމަށްވާ، ބަޓެލްކޯއަށް ވުމެވެ. އެހެންވެ، ދިރާގު ޓީވީއަށް 2013ގައި ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހަމަވުމާ އެކު އެ ހިދުމަތް ދިރާގަށް ދެން ދިނުން މަނާވާނެ އެވެ. ގަވައިދަކަށް ބްރޮޑްކޮމްއިން ކުއްލިއަކަށް ގެނައި މި ބަދަލާ އެކު ދިރާގުގެ ކުރިމަތީގައި މިހާރު އޮތީ މަޖުބޫރީ ހާލަތެކެވެ.

މައިގަނޑު ވިސްނުމަކީ ވިއްކާލުން

ދިރާގު ޓީވީގެ ހިދުމަތް ފެށުމާ އެކު ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ބާޒާރަށް އައި މައިގަނޑު އެއް ބަދަލަކީ ވާދަވެރިކަމެއް އުފެދި އަގުތައް ހެޔޮވުމެވެ. މީގެ ކުރިން އެއް ކުންފުންޏަކުން މާ ބޮޑެތި އަގުތަކުގައި ހިދުމަތް ދޭތީ އޮތް ޝަކުވާއަށް ދިރާގު ޓީވީއާ އެކު ކޮންމެވެސް ވަރެއްގެ ނިމުމެއް އަ އެވެ. ދިވެހިންގެ މެދުގައި މަގުބޫލު ގިނަ ޗެނަލްތައް ހިމަނައިގެން ދިރާގު ޓީވީއިން އޭރު މާކެޓްގައި ހުރި އަގަށް ވުރެ މާ ހެޔޮކޮށް ހިދުމަތް ދޭން ފެށި އެވެ. އަދި ދިރާގުގެ އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ގިނަ ރަށްރަށަށް ވެސް އެ ހިދުމަތް ފުޅާކުރަން ފެށި އެވެ.

މިއީ ހަގީގަތުގައި ދިރާގުން އަލަށް ވަން ވިޔަފާރިއެއް ނަމަވެސް ވަރަށް ބޮޑަށް ފުޅާވާން ފެށި އެވެ. އަދި އެ ހިދުމަތް ފުޅާކުރުމަކީ ދިރާގުން ވެސް ކުރި ބޮޑު އިންވެސްޓްމަންޓެކެވެ. ނަމަވެސް ބްރޮޑްކޮމްގެ ނިންމުން ބަދަލު ނުކުރާހާ ހިނދަކު ދިރާގުގެ ކުރިމަތީގައި މިހާރު އޮތް ހަމައެކަނި ގޮތަކީ އެ ކުންފުނިން ހިދުމަތް ދިނުން ހުއްޓާލާ އެހެން ބަޔަކަށް އިންވެސްޓްމަންޓް ދޫކޮށްލުމެވެ.

ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަ ދެއްކެވި ކަމުގެ މައުލޫމާތު ހުރި އިތުބާރު ހުރި މަސްދަރުތަކުން ބުނި ގޮތުގައި ދިރާގު ޓީވީ ޝައުގުވެރިވާ ބަޔަކަށް ވިއްކާލުމުގެ ވިސްނުން ދިރާގުގެ ވެސް އެބަ އޮތެވެ. އަދި އެ މަޝްވަރާތައް ދިރާގުގެ ބޯޑްގައި ވެސް ވަނީ ކޮށްފަ އެވެ. އެކަމަށް ޝައުގުވެރިވާ ބައެއް ފަރާތްތަކާ އެކު ދިރާގުން އަންނަނީ މިހާރު ވާހަކަދައްކަމުން ކަން ވެސް އެނގިފައިވެ އެވެ.

ދިރާގު ޓީވީ 

ނަމަވެސް އެކަން އޮތީ މަޝްވަރާކުރުމުގެ މަރުހަލާގައި ކަމަށް ވާތީ ދިރާގުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. އެ ކުންފުނިން ހަމައެކަނި ބުނާހާ ވެސް ވާހަކައަކީ އެ ކަމަށް ހައްލު ހޯދަން ދިރާގުން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަގީގަތަކީ ދިރާގު ޓީވީއަކީ ވެސް ދިރާގުގެ އިންވެސްޓްމަންޓަކަށް ވާއިރު ސިޔާސަތަށް އައި ބަދަލަކުން އެ ކުންފުނީގެ އިންވެސްޓްމަންޓެއް ގެއްލިގެން ދާން ދިރާގުން ވެސް ދޫކޮށް ނުލާނޭ ކަމެވެ. އެއީ ވެސް ވަކި އުސޫލުތަކެއްގެ މަތިން ހިންގާ ވިޔަފާރި ކުންފުންޏެކެވެ. އެހެންވެ، އެ ކުންފުނިން ބަލާނީ ވެސް މި ފުރުސަތުގައި އެ ކުންފުންޏަށް އޮތް ގެއްލުން ކުޑަކުރެވޭތޯ އެވެ.

ހައްލެއް ފެނޭތޯ އިދާރާތަކާ އެކު މަޝްވަރާގައި

ދިރާގު ޓީވީ ވިއްކާލުމުގެ މަޝްވަރާތަކެއް މޭޒުމަތީގައި އޮތަސް ދިރާގުން މަސައްކަތް ކުރަމުން އަންނަނީ، އަދިވެސް އަލި މަގެއް ފެނޭތޯ އެވެ. ދިރާގުން ދޭ ޔަގީންކަމަކީ ދިރާގު ޓީވީ ވިއްކާލުމުގެ ނިންމުމެއް އަދި ނެތް ކަމެވެ. އަދި ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގައި އެ ކުންފުނި މިވަގުތަށް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ދެ އެވެ.

ދިރާގު ޓީވީއަށް ސޮނީގެ ޗެނަލްތައް ތައާރަފްކުރަން ބޭއްވި ހަފްލާއެއްގެ ތެރެއިން (ފޮޓޯ/ދިރާގު ޓީވީ)

"އެއްވެސް ކަމެއް ނިމިފައެއް ނެތް އަދި. ވިއްކާލާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން،" ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަންއާ 'ދައުރު'އިން ސުވާލުކުރުމުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިރާގުން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ އިދާރާތަކާ ވާހަކަ ދައްކައިގެން އެ ކުންފުންޏަށް ހިދުމަތް ކުރިއަށް ގެންދެވޭނޭ ގޮތްތަކެއް ހޯދޭނޭ މަގެއް ފެނޭތޯ އެވެ.

"އިދާރާތަކާ އެކު އަޅުގަނޑުމެން މި ދަނީ މަޝްވަރާކުރަމުން. އެއަށް ފަހު ގޮތެއް ނިންމާނީ،" މިރުޝާން ވިދާޅުވި އެވެ.

މަޝްވަރާގައި ތިބެން ދިރާގަށް ވެސް މާކަ ގިނަ ދުވަހެއް ދެނެއް ނެތެވެ. ދިރާގު ޓީވީގެ ލައިސަންސް ނިމުމަކަށް އަންނަނީ އެވެ. އޭގެ ކުރިން އޮތީ ދިރާގަށް ފުރުސަތު ލިބުން ނޫނީ ދިރާގު ޓީވީ ވިއްކާލައި، އެހެން ބަޔަކު އޭގެ ތެރެއަށް ވެއްދުމެވެ. 



ކޮމެންޓް (2)

ހިތަދޫ 2

23 އޮކްޓޯބަރު 2022
އެންމެފަހުން ބުނާނެ މީޑިއާނެޓް އަގަށް ވުރެ 5% ހެޔޮ ވެގެން ނުވާނޭ ރިސޯޓް މާކެޓް ބަނދުވާނެ، ބޭނުންވަނީ ޑިމޮކްރެޓިކް އޯޕަން ސިޔާސަތެއް، ވިޔަފާރިއާ ޖެހުނީމާ ހުދުމުހްތާރު! ކޮންކަހަލަ ބައެއް މީ!
3 0

އައިލެންޑަރ

23 އޮކްޓޯބަރު 2022
ތި ބުރޯޑްކޮމް އަކީ ހާދަ ގޭސް އަނބުރާ ބައެކޭ ދޯ؟
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް