ކުޑަހުވަދޫ އިން ރުއްތައް ބޭރު ކުރުމަށް ލޮރީއަށް ބަރުކޮށްފައި: އެކަން ކުރަން އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު ވަނީ ހުއްޓުވާފައި، ނަމަވެސް މިހާރު އީޕީއޭއިން ވަނީ އެ ހުއްދަ ދީފައި

އީޕީއޭ

މައްސަލަ ބޮޑުވި ކުޑަހުވަދޫން ރުއްގަސް ބޭރު ކުރުމުގެ ހުއްދަ އީޕީއޭ އިން ދީފި

އީޕީއޭއިން އެ ހުއްދަ ދިނީ، %30 ރުއް ގަސް އެރަށުގައި އިންދާގޮތަށް ޝަރުތުކޮށް

ކައުންސިލް އަދި ރައްޔިތުންގެ ބަހެއް ނެތި ގިނަ އަދަދެއްގެ ރުއް ބޭރުކުރަން އުޅުނު މައްސަލަ ހޫނުވެފައިވަނިކޮށް، ދ. ކުޑަހުވަދޫން ރުއް ބޭރުކުރުމުގެ ހުއްދަ އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.

އެންގުން މުހިންމު - ކުޑަހުވަދޫގައި ޖުވެނައިލް ސެންޓަރެއް އެޅުމަށް ހޯމް މިނިސްޓްރީއަށް ދީފައި އޮތް ބިމެއްގައި ހުރި 195 ރުއް ނަގައިގެން އެ ރަށުން ބޭރުކުރަން އުޅެނިކޮށް ކައުސިލް މެންބަރުންނާއި ރަށުގެ ރައްޔިތުން ނުރުހުން ފާޅުކޮށް މިދިޔަ ހުކުރު ދުވަހު ވަނީ އެ ރުއްތައް ރަށުން ބޭރުކުރުން ހުއްޓުވައިފަ އެވެ.

ކައުންސިލްގެ ބައެއް މެންބަރުން އޭރު ބުނީ، ރުއްތައް ރަށުން ބޭރު ކުރަން އުޅުނީ ކައުންސިލްގެ އެއްވެސް މެންބަރެއް އަދި ރައްޔިތުންގެ ވެސް މަޝްވަރާއެއް ނެތި އަދި އީޕީއޭގެ ވެސް ހުއްދައާ އެކު ނޫން ކަމަށެވެ. އަދި އެކަން ކުރުމުގެ ހުއްދަ ދިނީ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ކަމަށް އެ މީހުން ބުނެ އެވެ.

ތަފްސީލު - އިއްޔެ އީޕީއޭ އިން ދިން ހުއްދައިގައި ބުނެފައި ވަނީ، ޝަރުތުތުތަކާ އެކު ޖުވެނައިލް ސެންޓަރު ބިމުގައި ހުރި 79 ރުކާއި 26 ގަސް ނެގުމަށް އެ އިދާރާ އިން އިއުތިރާޒް ނުކުރާ ކަމަށް ބުނެފަ އެވެ. އަދި ނަގާ ރުއްގަހުގެ %30 ރަށުގައި އިންދަން ވަނީ މަޖުބޫރުކޮށްފަ އެވެ. އެ ހުއްދައިގެ ދަށުން ބަކީ ރުއްގަސްތައް ރަށުން ބޭރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އީޕީއޭ އިން ކޮށްފައިވާ އެހެނިހެން ބައެއް ޝަރުތުތައްތައް:

  • އެކަން ކުރުމުގައި ކަމާ ބެހޭ އެހެނިހެން އިދާރާތަކުން ނަގަން ޖެހޭ ހުއްދަ ނެގުން

  • ކަނޑާ ކޮންމެ ރުކަކަށް ނުވަތަ ގަހަކަށް ދެ ރުއް ނުވަތަ އެ އަދަދަށް ގަސް ރަށުގައި އިންދުން

  • އެކަން ކުރުމުގެ ސަބަބުން އިޖުތިމާއީ މައްސަލައެއް ނުނުކުންނަ ގޮތަށް ރަށު ކައުންސިލާ މަޝްވަރާކޮށްގެން ކުރުން

  • ރަށުން ރުއްގަސް ބޭރުކުރާ ނަމަ ބޭރުކުރާ ކޮންމެ ގަހެއް އަދި ރުކެއްގެ އަދަދާއި ރުކުގެ އަހަރު އެނގޭނެ ގޮތަށް ފާހަގަ ކުރުން

  • މަޝްރޫއާ ގުޅޭ އެއްވެސް މަސައްކަތެއް ރޭގަނޑުގެ ހަމަހިމޭން ކަން ގެއްލޭ ގޮތަށް ނުކުުރުން

  • ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަަށް ހެދިފައިވާ ރުއްގަހުން ފެށިގެން 20 މީޓަރު ފުޅާ ސަަރަހައްދުގައި ހުރި އެއްވެސް ބާވަތެއްގެ ރުއްގަހެއް ނުނެގުން

  • ނަގާ ރުކުގައި އެއްވެސް ވަރަކަށް ރުކުމަޑި ހުރި ނަމަ އެ ރުއްތައް ރަށުން ބޭރު ނުކުރުން

ރުއްތައް ނެގި، ޖުވެނައިލް ސެންޓަރު އިމާރާތް ކުރާ ބިން.
ރުއްތައް ނެގި ބިމުގެ މަތިން ފެންނަ ސެޓެލައިޓް ފޮޓޯއެއް: އެއީ ގިނަ އަދަދަކަށް ރުއް ހުރި ބިމެއް.

ފަސް މަންޒަރު - ކައުސިލްގެ މެންބަރު މީގެ ކުރިން ވިދާޅުވީ، ޖުވެނައިލް ސެންޓަރު އެޅުމަށް އެ ބިމުގައި ހުރި ރުއްގަސް ނެގުމުގެ ހުއްދަ އީޕީއޭއިން މިދިޔަ ދައުރުގައި ދިން ކަމަށާއި ނަމަވެސް އޭރު ހުއްދަ ދިނީ ހުރިހާ ރުއްތަކެއް ވެސް ރަށުގައި އިންދާ ގޮތަކަށް ކަމަށެވެ. އަދި ރުއްތައް ރަށުން ބޭރު ކުރުމަކީ ކައުންސިލްގެ ބައެއް މެންބަރުންނާއި ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި ބައެއް ރައްޔިތުންގެ ކަންބޮޑުވުމަކީ ރަށުގައި ހިއްކާފައިވާ ބޮޑު ބިމެއް އޮއްވައި އެތަނުގައި ރުއްތައް އިންދުމުގެ ބަދަލުގައި އެ ރުއްތައް ރަށުން ބޭރު ކުރާތީ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ކުޑަހުޅު ދޫ

8 ނޮވެމްބަރު 2021
އީޕީއޭ ވެސް މޮޅު ދޯ ހަދާ އުސޫލުތައް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް