ކުޑަހުވަދޫން އުފުރި ރުއްތަކުގެ ތެރެއިން ބައެއް އެއްޗެހި ލޮރީއެއްގައި އުފުލަނީ: އެ ރުއްތައް ރަށުން ބޭރުކުރަން އުޅެނިކޮށް ރައްޔިތުން ނުކުމެ ވަނީ ހުއްޓުވާފައި (ދައުރު ފޮޓޯ/ ކިޔުންތެރިއެއް)

ތިމާވެށި

ކުޑަހުވަދޫން 200 އެއްހާ ރުއް ބޭރުކުރަން އުޅެނިކޮށް ހުއްޓުވައިފި

ކައުންސިލް މެންބަރުން ބުނަނީ، އެކަން ކުރީ ކައުންސިލްގެ ރައީސް ބައިވެރިވެ، ކައުންސިލްގެ ބަހެއް އަދި އީޕީއޭގެ ހުއްދައެއް ނެތި ކަމަށް

ދ. ކުޑަހުވަދޫން 200 އެއްހާ ރުއް ކައުންސިލް އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ)ގެ ހުއްދައެއް ނެތި މިއަދު އެ ރަށުން ބޭރު ކުރަން އުޅުނު މައްސަލައެއް ހޫނުވެ، ކައުންސިލް މެންބަރުންނާއި ރައްޔިތުން ނުކުމެ އެކަން ހުއްޓުވައިފި އެވެ.

އެނގުން މުހިންމު - އެއީ އެ ރަށުގައި ޖުވެނައިލް ސެންޓަރެއް އެޅުމަށް ހޯމް މިނިސްޓްރީއަށް މިދިޔަ ކައުންސިލްގެ ދައުރުގައި ދޫކޮށްފައިވާ ބިމުގައި ހުރި ރުއްތަކެކެވެ. އެ ރުއްތައް ރަށުން ބޭރު ކުރުމަށް މަަސައްކަތް ކުރީ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީ ހުއްދަ ދެއްވައިގެން ކަމަށް، އެ މަސައްކަތުގައި އުޅުނު މީހުން ރަށު މީހުން ގާތު ބުނެފައިވެ އެވެ. ކައުންސިލްގެ މެމްބަރަކު 'ދައުރު'އަށް ވިދާޅުވިގޮތުގައި އެ ބިމުގައި ހުރި 195 ރުއް ރަށުން ބޭރު ކުރަން ފިކުރީ ހުއްދަދެއްވީ ކައުންސިލްގެ އެހެން އެއްވެސް މެންބަރެއް އަދި ރައްޔިތުންގެ ވެސް މަޝްވަރާއެއް ނެތި، އަދި އީޕީއޭގެ ވެސް ހުއްދަ ނުނަގަ އެވެ.

ކުޑަހުވަދޫން އުފުރި ބައެއް ރުއްތައް ލޮރީއަކަށް ބަރުކޮށްފައި: 200 އެއްހާ ރުއް ބޭރުކުރަން އުޅެނިކޮށް ވަނީ ހުއްޓުވާފައި

ރުއްތައް ބޭރުކުރުން ހުއްޓުވީ ކައުންސިލް މެންބަރުންނާއި ރަށުގެ ރައްޔިތުން ނުކުމެ ނުރުހުން ފާޅުކޮށް، އީޕީއަށް ގުޅައިގެން ފުލުހުން މެދުވެރިކޮށެވެ. އޭރު އަމިން ކޮސްޓްރަކްޝަންގެ ކޮޅުވެއްޓިއަކަށް އަރުވައިގެން ރުއްތައް ބޭރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. ބައެއް ރުއްތައް ލޮރީއަކަށް އަރުވައިގެން ގެންދިޔުމުގެ މަސައްކަތް ވެސް ފެށި އެވެ.

މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް ފިކުރީގެ ބަހެއް ހޯދުމަށް ގުޅުމުން ވިދާޅުވީ ބައްދަލުވުމެއްގައި ހުންނެވުމުން ވާހަކަދެއްކެވޭނީ ފަހުން ކަމަށެވެ. އެހެންކަމުން އޭނާގެ ބަހެއް އަދި ނުލިބެ އެވެ.

ކައުންސިލް މެންބަރު އަބްދުﷲ ޖަމީލް 'ދައުރު' އަށް ވިދާޅުވީ، އެ ބިމުގައި ހުރި ރުއްތައް ރަށުން ބޭރު ނުކުރެވޭނެ ކަމަށް މީގެ ކުރިން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުމާ ހިލާފަށް، އެކަން ބަދަލުކުރެއްވީ، ކައުންސިލްގެ ރައީސް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ އެކަމުގައި ރަށުގެ އެތަކެއް ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި ރައްޔިތުން ބޭނުންވަނީ ރަށުގައި ރުއްތައް އިންދުމަށް ކަމަށެވެ.

"200 އެއްހާ ރުއް ބޭރު ކުރާއިރު، 40 ހެކްޓަރުގެ ބިން ހިއްކާފައި އެބަ އޮތް ހަނަފަސް ސަހަރާއެއްގެ ގޮތުގައި. އެ ތަނުގައި ވެސް ރުއްތައް ޖެހޭނެ،" ޖަމީލް ވިދާޅުވި އެވެ.

ފިކުރީ ކަންތައް ކުރެއްވި ގޮތް އޭނާ ސިފަ ކުރެއްވީ "ވަރަށް ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް"ގެ ގޮތުގަ އެވެ.

"ސިޔާސީ ގޮތުން ހިންގާ ބޮޑު ޖަރީމާއެއް މިއީ. ރައްޔިތުންގެ ބަހެއް ނެތި އަދި ކައުންސިލާއި އީޕީއޭގެ ވެސް ހުއްދައެއް އެކަމަކަށް ނެތް،" ޕީޕީއެމްއަށް ނިސްބަވްތާ ކައުންސިލްގެ ރައީސް ފިކުރީއަށް އަމާޒުކުރައްވައި، އެމްޑީޕީ ކައުންސިލަރު ޖަމީލް ވިދާޅުވި އެވެ.

ރުއްތައް ބޭރުކުރުން ހުއްޓުވުމުގައި އެންމެ އިސްކޮށް އުޅުއްވި ކައުންސިލް މެންބަރު އަހްމަދު މައުރޫފު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ، އެ ބިން ސާފުކޮށް، ރުއްތައް ކައުސިލްގެ ނިންމުމެއް ނެތި ރަށުން ބޭރުކުރަން އުޅުނީ ކައުންސިލްގެ ރައީސް އިސްކޮށް ހުންނަވައިގެން ކަމަށެވެ.

ކައުންސިލް މެންބަރު މައުރޫފުފެ ޓްވީޓް

ކުޑަހުވަދޫން ވާހަަކަ ދެއްކި އެހެން މީހަކު ބުނީ އެކަން ކޮށްފައިވަނީ "ވަރަށް ހީލަތްތެރި ރޭވުމަކުން ރައްޔިތުންނަށް ވަގަށް" ރުއްތައް ބޭރު ކުރާ އުސޫލަކުން ކަމަށެވެ. 

"އަޅުގަނޑު ދުށިން ކައުންސިލްގެ ރައީސްގެ ސިޓީ. އޭގައި އޮތީ ރުއް ރަށުން ބޭރު ކުރިޔަސް މައްސަލައެއް ނެތް ކަމަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި، މިކަން ހުއްޓުވުމުގައި ބައިވެރި މީހަކު ބުންޏެވެ.

"ކައުންސިލްގެ ރައީސް ބުނަނީ ރަށުގައި ނެތޭ ރުއް ޖަހާނެ ތަނެއް. އެކަމަކު އެއީ ވަރަށް ބޮޑު ދޮގެއް." 

މިކަމާ ގުޅޭ ގޮތުން އީޕީއޭގެ ބަހެއް ހޯދުމަށް ގުޅި އިރު ފޯނަށް ޖަވާބު ނުދޭތީ އެ ތަނުގެ ބަހެއް އަދި ނުލިބެ އެވެ.

ރުއްތައް ނެގި، ޖުވެނައިލް ސެންޓަރު އިމާރާތް ކުރާ ބިން
ރުއްތައް ނެގި ބިމުގެ މަތިން ފެންނަ ސެޓެލައިޓް ފޮޓޯއެއް: އެއީ ގިނަ އަދަދަކަށް ރުއް ހުރި ބިމެއް

ކޮމެންޓް (1)

ޢަހުމަދު

6 ނޮވެމްބަރު 2021
މައުރޫފަށް ސާބަސް! ރަށަށް އަރާތިބޭ ބީރައްޓެހިންނަށް ކައުންސިލް ރައީސްކަން ނުދޭންވީ މިހެންވެގެން . ދެން ފެންނާނީ ތިއޮއްފަދަ ކުޑަހުވަދޫ މަންޓާ މީހުންނަށް ވިއްކާލާތަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް