ވިލިމާލެ އަށް ދަތުރު ދިޔަ ދެ ކުއްޖަކު ރަށު ބައިކް ދުއްވާލަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ރަށު ބައިކް: ސަޅި ހިޔާލެއް، ހިތްފަސޭހަ ވަގުތުކޮޅެއް
މުހިންމު ނުކުތާތައް
އެކަކަށް ވުރެ ގިނަ މީހުންނަށް އަރައިގެން ދުއްވާލެވޭ މި ބައިސްކަލުގެ ހިދުމަތަކީ ދެ ޅިޔަނުންގެ ހިޔާލެއް
ރަށު ބައިކް ފެށުނީ އެ މީހުންގެ އަވަށްޓެރިންނާއި އެކުވެރިން ބައިސްކަލަށް ދޭން ފެށި ޝައުގުވެރިކަމުން
ޖަމްޝާދު އާއި ނަބީލްގެ އުއްމީދަކީ ވިޔަފާރި އިތުރަށް ފުޅާކުުރުން
ބައިސްކަލު ކުއްޔަށް ދޭ ތަނެކޭ ބުނުމުން އެއީ ސަޅި ހިޔާލެއް ނޫންހޭ ހިތަކަށްނާރާ ހެއްޔެވެ؟ ވިލިމާލޭ ދެ ޒުވާނަކު 'ރަށު ބައިކްގެ ނަމުގައި ފަށައިގެން އުޅޭ މި ވިޔަފާރީގައި ކުއްޔަށް ދެނީ އާދައިގެ ބައިސްކަލެއް ނޫނެވެ. އެކަކަށް ވުރެ ގިނަ މީހުންނަށް އަރައިގެން ދުއްވާލެވޭ، ހިޔާކޮށްފައިވާ ބައިސްކަލެވެ.
މިއީ ޖަމްޝާދު އިބްރާހިމް، 28، އާއި އޭނާގެ ޅިޔަނު ނަބީލް ނާސިރު އެއާޕޯޓުގައި އަދާކުރާ ރަސްމީ ވަޒީފާގެ އިތުރުން ޕާޓް ޓައިމްކޮށް ކުރާ މަސައްކަތެވެ. ހަތަރު މަހެއްހާ ދުވަސްވީ މި ވިޔަފާރިއަށް ތަރުހީބު ބޮޑެވެ.
އެއާޕޯޓް ރެޕެއްގެ ވަޒީފާގައި އުޅޭ ޖަމްޝާދު ބުނިގޮތުގައި އޭނާ އާއި އެއާކްރާފްޓް އިންޖިނިއަރު ނަބީލް ޗައިނާ އިން މީގެ ބައިސްކަލެއް ފުރަތަމަ ގެނައީ ގޭގައި އުޅޭ ކުދިން ދުއްވާލާށެވެ. އެކަމަކު އަވަށްޓެރިންނާއި ރައްޓެހިންގެ ޝައުގުވެރިކަން މި ބައިސްކަލަށް ލިބި، ކުއްޔަށްދޭން ބުނުމުން އެކަން ކުރަން ފެށީ އެވެ. އޭގެ ފަހުން ކުއްޔަށް ދިނުމަށް ހާއްސަކޮށް އިތުރު ދެ ބައިސްކަލު ހޯދައި ރަސްމީކޮށް ރަށު ބައިކްގެ ވިޔަފާރި ފެށި އެވެ.
އިންޖީނުލީ އުޅަނދު ނުދުއްވާ ވިލިމާލޭގައި، އެކަކަށް ވުރެ ގިނަ މީހުންނަށް ދުއްވާލެވޭ ބައިސްކަލު މީގެ ކުރިން ވެސް ބޭނުންކޮށްފައިވެ އެވެ. އެކަމަކު މި ބައިސްކަލް އަދި އެއާ ވެސް ތަފާތެވެ. ދެ މީހަކަށް ފާލުގަނޑު އަނބުރަމުން ދުއްވާލެވޭ މި ބައިސްކަލުގައި ހުންގާނު ހުންނަނީ ބަގީތަކުގެ ހުންގާނެކޭ އެއްގޮތަށެވެ. އެއްފަހަރާ ދެ ބޮޑުމީހުންނާއި ތިން ކުޑަކުދިންނަށް ބައިސްކަލުގައި ހަމަޖެހިލައިގެން ތިބެ ދުއްވާލެވޭނެ އެވެ.
މި ބައިސްކަލަށް، މާލެއިން އަންނަ މީހުންގެ އިތުރުން ވިލިމާލެ އަށް އަަންނަ ފަތުރުވެރިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް އޮންނަ ކަމަށް، 1990 އިން ފެށިގެން ވިލިމާލޭގައި ދިރިއުޅެމުން އަންނަ ޖަމްޝާދު ބުންޏެވެ.
ވިލިމާލޭ ބާބެކިއު ސަރަހައްދުގައި ހުންނަ އޭނާގެ ގޭ ދޮށުގައި ބައިސްކަލްތައް ކައިރި ހުއްޓި ހުރެ ވާހަކަ ދައްކަމުން ޖަމްޝާދު ބުނިގޮތުގައި ޗުއްޓީ ދުވަސްވަރާއި ހަފްތާބަންދުގައި މި ބައިސްކަލަށް އަމުދުން ޑިމާންޑް ބޮޑެވެ. ރަށު ބައިކުން ހޯދައިދެނީ މުޅި އާއިލާ އެކުގައި އުފާވެރި ވަގުތުކޮޅެއް ތަފާތު ގޮތަކަށް ހޭދަކޮށްލުމުގެ ފުރުސަތެވެ. ދަބަރު ނުޖަހާ ގޮތަށް އަދި މީހުން ދުއްވާލާ ހިތްވާ ގޮތަށް ސާފުކޮށް ބައިސްކަލް ބެހެއްޓުމަކީ ވަކިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއްކަން ޖަމްޝާދު ފާހަގަކުރި އެވެ.
ރަށު ބައިކްގެ ދެ ބައިސްކަލު ކުއްޔަށްދެނީ ގަޑި އިރަކަށް 100 ރުފިޔާ އަށް ނުވަތަ ބައި ގަޑިއިރަށް 70 ރުފިޔާ އަށެވެ. މަގުތަކުގައި މި ބައިސްކަލް ދުއްވާ އިރު ހިތަށް ގެނެވޭނީ އައިސްކްރީމް ގާޑިޔަލެއް ދުއްވާފައި ބަޔަކު އަންނަނީ ކަމުގަ އެވެ. މީހުން ހުއްޓިގެން ބަލަން ވެސް ތިބެ އެވެ.
"މިއީ ތަފާތު، މަޖާ ކަމެއް. ވިލިމާލޭގެ ހިތްފަސޭހަ މަގުތަކުގައި ހިތްއުފާކޮށްލެވޭ. ކުދިވެރިން ވަރަށް ގަޔާވި،" ރަށު ބައިކް ކުއްޔަށް ނަަގައިގެން ދުއްވި މީހަކު ކިޔައިދިނެވެ.
ޖަމްޝާދު ބުނިގޮތުގައި މި ހިޔާލު އިތުރަށް ތަރައްގީ ކުރުމަށް އެ މީހުން ބޭނުންވެ އެވެ. ކުރިއަށް އޮތް ތަނުގައި އާދައިގެ ބައިސްކަލް ވެސް ކުއްޔަށް ދޭން ފަށައި ގިނަ މީހުންނަށް އެރޭ ބައިސްކަލް އިތުރުކޮށް، ގޭގެ ވަކި ތަންކޮޅެއްގައި ޓޭކްއަވޭ ވިޔަފާރިއެއް ވެސް ފެށުމަކީ އެ މީހުންގެ އުއްމީދެވެ.
ހިތްފަސޭހަ ވަގުތުކޮޅަކާ އެކު ހަށިގަނޑަށް ކަސްރަތު ލިބޭ އަދި ތިމާވެއްޓާ ވެސް ރައްޓެހި ކޮންސެޕްޓެކެވެ. ކުޑަ ވަގުތު ކޮޅަކަށް ވިލިމާލެއަށް ދިޔަޔަސް މީހާ ތާޒާކޮށްލަދޭ އިރު، ވިލިމާލެއިން ބައިސްކަލް ކުއްޔަށް ހިފުމުގެ ފުރުސަތު ލިބުމަކީ އަދި އިތުރަށް މީހުން ވިލިމާލެ އަށް ދާން ހިތްކިޔާނެ ކަމެއް ކަން ޔަގީނެވެ.