ދިރާގުގެ ވެރިން މިއަދު ކޮމިޓީގައި. (ފޮޓޯ/މަޖިލިސް)

ދިރާގު

ބްރޯޑްކޮމްގެ ގަވާއިދު ވީ ސަޕްރައިޒަކަށް؛ އެފަދަ އިސްލާހެއް ގެންނަ ކަމެއް ނޭނގޭ: ދިރާގު

'ދިރާގު ޓީވީ'ގެ ލައިސަންސް އަންނަ ޖެނުއަރީ މަހު ހަމަވުމާ އެކު އެ ހިދުމަތް ހުއްޓާލަން ޖެހޭނެ ކަމަށް ދިރާގުން ވަނީ ބުނެފައި
25 އޮކްޓޯބަރު 2022
9

ރީބްރޯޑްކާސްޓް ކުރުން ނުވަތަ ކޭބަލް ޓީވީގެ ހިދުމަތް ދިނުން ހުއްޓާލަން ޖެހޭނެ ފަދަ އުސޫލެއް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ގެނެސްފާނެ ކަމަށް ހިތަށް ވެސް ގެނެވިފައި ނުވާ ކަމަށާއި ހިޔާލު ހޯދަން ފޮނުވި އާ ގަވައިދުގައި ވެސް އެފަދަ އިސްލާހެއް ނެތް ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ރީބްރޯޑްކާސްޓިންގެ އާ ގަވައިދެއް މިދިޔަ ޖެނުއަރީ މަހު ބްރޯޑްކޮމް އިން ގެޒެޓްކުރިއިރު އެ ގަވާއިދުގައިވާ ގޮތުން ކޭބަލް ޓީވީގެ ހިދުމަތް ދެވޭނީ %100 ދިވެހި ހިއްސާދާރުން ތިބި ކުންފުނިތަކަށް އެކަންޏެވެ. އެކަމާ ގުޅިގެން ދިރާގުން ދެމުން އަންނަ ކޭބަލް ޓީވީގެ ހިދުމަތް 'ދިރާގު ޓީވީ'ގެ ލައިސަންސް އަންނަ ޖެނުއަރީ މަހު ހަމަވުމާ އެކު އެ ހިދުމަތް ހުއްޓާލަން ޖެހޭނެ ކަމަށް ދިރާގުން ވަނީ މިހާރު ބުނެފަ އެވެ.

ވީ ކިހިނެއް؟ - ބްރޯޑްކޮމް އިން ވަކި ވިޔަފާރިއަކަށް މަންފާ ލިބޭ ގޮތަށް އަދި ވާދަވެރިކަން ނެތިގެން ދާ ގޮތަށް ރީބްރޯޑްކާސްޓިން ގަވައިދެއް ހަދާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ގަވައިދު ކޮމިޓީން ބަލަމުން އަންނަ އިރު މިއަދު ވަނީ އެ މައްސަލައިގައި ދިރާގުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ދިރާގު ޓީވީ އާއި ފައިބާ އިންޓަނެޓުގެ ހިދުމަތް މ. ދިއްގަރަށް ތައާރަފުކުރަން އެ ރަށުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން. (ފޮޓޯ/ދިރާގު)

ބުނީ ކީކޭ؟ - އެ ކޮމިޓީގައި މެންބަރުން ކުރި ސުވާލުތަކާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު ޓީވީގެ ހިދުމަތް ތައާރަފް ކުރަން އެ ކުންފުނިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށާއި އެ ހިދުމަތް ހުއްޓާލަން ޖެހިއްޖެ ނަމަ އެ ކުންފުންޏަށް އެއީ ބޮޑު ގެއްލުމަކަށް ވާނޭ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ކަންތައްތަކަކީ:

  • 15،000 ކަސްޓަމަރުންނަށް ކުއްލިއަކަށް ހިދުމަތް ހުއްޓާލަން ޖެހޭއިރު މިއީ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ދެރައެއް

  • ކުއްލި ކުއްލިއަށް ގެންނަ މިކަހަލަ ބަދަލުތަކުން އިންވެސްޓާ ކޮންފިޑެންސަށް ވަރަށް ބޮޑަށް އަސަރުކުރާނެ

  • ދިރާގު ޓީވީ ފެށީ ލަފާކުރުންތައް ހަދައިގެން ނަމަވެސް މިފަދަ ހުރަސްތަކުގެ ސަބަބުން އިންވެސްޓްމަންޓުގެ ރިކަވަރީ މުއްދަތު ދިގު ދެމިގެންދާނޭ

  • މި ހިދުމަތުގެ ޓެކްނޮލޮޖީ ބަދަލުވަމުން އަންނަ އިރު ދިރާގު ޓީވީ ފަށަން އާ ޓެކްނޮލޮޖީތައް ހޯދަން ވެސް ބޮޑެތި ހަރަދުތަކެއް ވަނީ ކޮށްފައި

  • މިހެން އަންނަ ލޮޅުންތަކުގެ ސަބަބުން ކޮންޓެންޓް ހޯދުން ފަދަ މަސައްކަތްތަކަށް ވެސް އަސަރު ކުރާނެ

"އަޅުގަނޑުމެން ހިތަށް ވެސް ނާރާ މިކަހަލަ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް. ވަރަށް ބޮޑު ދެރައެއް އިވެސްޓްމަންޓެއްކޮށްފައި އޮތް ކަމެއް މި ގޮތަށް ހުއްޓާލަން ޖެހޭ ޖެހުމަކީ. އަނެއްކާ މިއީ އެހާ ބޮޑު މާޖިންއެއް ނޯންނަ ކަމަކަށް ވާއިރު މިގޮތަށް އަންނަ ބަދަލުތަކުން ވަރަށް ބޮޑެތި އަސަރުތައް މި ވިޔަފާރިއަށް ކުރާނެ،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ދިރާގުގެ ލީގަލް އަދި ބޯޑް ޑިރެކްޓަރު ހަޒްރަތު ރަޝީދު ހުސެއިން ވިދާޅުވީ ރީބްރޯޑްކާސްޓިންގެ އާ ގަވާއިދަށް ބްރޯޑްކޮމް އިން ބަދަލު ގެންނަން ވެގެން ޑްރާފްޓްތަކެއް ހިޔާލަށް ފޮނުވި ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ޑްރާފްޓެއްގައި ދިރާގަށް އެ ވިޔަފާރި މަނާކުރާ ފަދަ މާއްދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ މާއްދާއެއް އޮތްކަން އެނގުނީ ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފެށުމުންކަން ދިރާގުން ފާހަގަކުރި އެވެ.

'ބްރޯޑްކޮމް އިން ކުރީ ނުކުރެވޭނޭ ކަމެއް'

ދިރާގުގެ ވިސްނުން ހާމަކުރައްވަމުން ހަޒްރަތު ވިދާޅުވީ ރީބްރޯޑްކާސްޓް ކުރުމަކީ ދިވެހިންނަށް އެކަނި ހަނިކޮށްފައި އޮންނަ ދާއިރާއެއްކަން ބްރޯޑްކާސްޓިން ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ. އެހެން ވީއިރު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ބޭރުގެ ފަރާތްތަކެއް ހިއްސާވާ ކުންފުނިތަކަށް ރީބްރޯޑްކާސްޓް ނުކުރެވޭނެ ގޮތަށް ގަވައިދެއް ނުހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގާނޫނުގައި ހަމައެކަނި ބުނަނީ ބްރޯޑްކޮމް އިން އުސޫލުތަކެއް ހަދަން ޖެހޭ ވާހަަކަ. އެކަމަކު އެ އުސޫލުތަކުން ވަކި ބަޔަކަށް ވިޔަފާރި ނުކުރެވޭނެ ގޮތަށް ހަދަން ޖެހޭނެ ކަމަކަށް ނުބުނޭ. އެހެން ވީއިރު ގާނޫނުގައި ނެތް ކަމެއް ގަވާއިދަކުން ނުއެއް ގެނެވޭނެ. އެ ގޮތަށް އެކަން ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ހަޒްރަތު ވިދާޅުވި އެވެ.

ގަވައިދު މިހާރު އޮތް ގޮތުން ދިރާގަށް އެ ހިދުމަތް ދެވޭނޭ އެއްވެސް މަގެއް ނެތީތޯ މެންބަރުން ސުވާލު ކުރެއްވުމުން ހަޒްރަތު ވިދާޅުވީ:

  • ދިރާގު ޓީވީއަށް ދީފައިވާ ލައިސަންސް އަންނަ ޖެނުއަރީ 29 ވަނަ ދުވަހަށް ހަމަވާތީ ލައިސަންސް އާ ކުރަން މިދިޔަ ޖުލައި މަހު ބްރޯޑްކޮމްއަށް ހުށަހެޅި 

  • އެ ސިޓީއަށް އެ ކޮމިޝަނުން އޮގަސްޓް މަހު ޖަވާބު ދީފައިވަނީ އާ ގަވައިދުގެ ދަށުން ދިރާގަށް އެ ލައިސަންސް ދެވެން ނެތް ކަމަށް

"އެހެންވީމާ ގަވާއިދު ބަދަލުނުކުރަންޏާ އަޅުގަނޑުމެން ޖެހޭނީ މި ހިދުމަތް ހުއްޓާލަން. އެ ހިދުމަތް ދިނުމުގެ ލައިސަންސް ނުއެއް ލިބޭނެ،" ހަޒްރަތު ވިދާޅުވި އެވެ.

'ހިދުމަތް ދެނީ ކުދި ވިޔަފާރިތަކަށް ފުރުސަތު ދީގެން'

ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، ދިރާގު ޓީވީގެ ހިދުމަތް ރަށްރަށަށް ފުޅާކުރަމުން އަންނަ އިރު ވެސް އެ ރަށެއްގައި ދިރާގާ ގުޅިގެން އެކަން ކުރަން ޝައުގުވެރިވާ ވިޔަފާރިއެއް ހުރި ނަމަ އެ ފަރާތަށް އެ ފުރުސަތު ދޭ ކަމަށެވެ. އެގޮތުން، ރަށުގައި ރަނގަޅު ނެޓްވޯކެއް އޮންނަ އަދި އާ ނެޓްވޯކެއް އަޅައިގެން ހިދުމަތް ދޭން ބޭނުންވާ ނަމަ، ދިރާގާ ގުޅިގެން އެކަން ކުރުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންޝުއާ ކުރަނީ ގޭގެއާ ހަމައަށް އެ ކޮލިޓީގައި ހިދުމަތް ދެވޭނެ ބައެއްތޯ. އެކަން ކުރެވެންޏާ އަޅުގަނޑުމެން ޕާޓްނާ ވެގެން ހިދުމަތް ދެނީ. އެ އޮޕްޝަން އޮވޭ އަބަދު ވެސް،" އިސްމާއިލް ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން އެ ކޮމިޝަންގެ ބައްދަލުވުމެއްގައި. (ފޮޓޯ/ބްރޯޑްކޮމް)

ނަމަވެސް އާ ބައެއް ވިޔަފާރިއަށް އައުމުން އެ ވިޔަފާރި ޒަމާނުއްސުރެ ކުރަމުން އަންނަ ބައެއް ފަރާތްތަކަށް ދަތިވުން އެކަށީގެންވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ. އަދި އެއީ ވާދަވެރި ވިޔަފާރީގެ މާހައުލުގައި ވާނެ ގޮތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ވާދަވެރިކަން ނެތިއްޖެ ނަމަ އާންމު މީހާއަށް އަގުތައް ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އާންމު އުސޫލުން ހަމަ އިތުރު ވާދަވެރިން ނެތިއްޔާ މި ހިދުމަތުގައި ވެސް އަގުތައް ބޮޑުވުމުގެ ފުރުސަތު އޮންނާނީ،" އިސްމާއިލް ވިދާޅުވި އެވެ.

'އެންމެ ބޮޑު ދައްޗަކީ ކޮންޓެންޓް ނުލިބުން'

ހިދުމަތް ދިނުމުގައި ދިރާގަށް އެންމެ ދަތިވާ އެއް ކަމަކީ ބައެއް ޗެނަލްތައް ބޭރުން ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ވަނީ ރާއްޖޭގެ ބައެއް ފަރާތްތަކުން އެކްސްކުލޫސިވްކޮށް އެ ޗެނަލްތައް ރާއްޖެއަށް ނަގާފައިވާތީ ކަމަށް އިސްމާއިލް ރަޝީދު ފާހަގަކުރެއްވި އެވެ.

ނަމަވެސް، ދިރާގު ޓީވީގެ ހިދުމަތް ފަށައި އެ ހުރަސްތަކުގެ ވަރަށް ބޮޑު ބައި ގިރާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިދިޔަ ފަސް އަަހަރުގެ ތެރޭގައި އާންމުންގެ މެދުގައި ދިރާގު ޓީވީ ދިޔައީ ވަރަށް ބޮޑަށް މަގުބޫލުވަމުންކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިކަން އައުމާ ހަމައަށް ވެސް އަޅުގަނޑުމެން އައީ ޗެނަލްތައް ވެސް އިތުރުކުރަމުން. މިފަހުން އަޅުގަނޑުމެން އެއިނީ ހަމަ އެކްސްކުލޫސިވްކޮށް އިން ބީބީސީ ވެސް އިތުރުކޮށްފައި،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ދިރާގުން މިއަދު ކޮމިޓީގައި ފާހަގަކުރި ގޮތުގައި، ދިރާގު ޓީވީއަށް ދިވެހި ޗެނަލްތައް ވެސް ލައި ދެނީ މަހު ފީއެއް ނުނަގާ ހިލެ އެވެ. ދިވެހި ޗެނަލްތަކުން ކުރަން ޖެހޭނެ ހަމައެކަނި ހަރަދަކީ ދިރާގު ޓީވީއާ ހަމައަށް ސިގްނަލް ގެންނަން އެއް ފަހަރު ކުރަން ޖެހޭ ހަރަދެއް ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ. އަދި އެ ކުންފުނިން އާންމުންނާއި ވިޔަފާރިތަކަށް ވިއްކާ ޕެކޭޖްތަކަށް ވެސް ވިއްކަނީ ބްރޯޑްކޮމްއަށް ހުށަހަޅައި ހުއްދަ ހޯދައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެނގުން މުހިންމު - ދިރާގުން އާންމު ގޭބިސީތަކަށް ވިއްކާ ޕެކޭތްތަކުގެ އަގު އުޅޭނީ 150-450ރ. ދެމެދުގަ އެވެ.

ކޮމެންޓް (9)

ބުރުމާ ބުރޯ

26 އޮކްޓޯބަރު 2022
އެހެންނެންނު ވާނީ ސަރުކާރުން އެބަޖެހޭ މީޑިޔާނެޓް ކީލި ޖަހައިގެންވެސް ކުރިޔަށް ގެންދަން . އެ ކީއްވެ ؟ ގާސިމް ސަރުކާރު ފަޅީގަ ބަހައްޓަން »ދިރާގް ޓީވީ ސައިޒް ކޮށް ގަވައިދު ބަދަލްކޮށް ،ސަރުކާރިއްވެސް ވަންނަން އޮންނަ ބައިވެސް އަމިއްލަ ޖީބަށް- ވިޔަފާރީގެ ވާދަވެރިކަން ރައްޔިތުންނައް މުކޮސް
0 0

ސިކުނޑި

25 އޮކްޓޯބަރު 2022
މީޑިއާ ނެޓްގެ ހިއްސާ އޮންނަ ޖޭސެޓްގެ ހިއްސާދާރުން މިތިބީ https://business.egov.mv/BusinessRegistry/ViewDetails/44950?key=647091062 ދިރާގު ޓީވީ ލައިސަންސް ބާތިލު ކުރުމާދެކޮޅަށް ޕެޓިޝަންއެއް ހަދަން އެންމެހާ ކަސްޓަމަރުންނަށް ގޮވާލަން!
5 1

އަހުމަދު

25 އޮކްޓޯބަރު 2022
@ސިކުނޑި ވަރަށް ވެސް މުހިންމު ކަމެއް
2 0

ހަސަންދީ

25 އޮކްޓޯބަރު 2022
ބުރޯކޮމްއަކީ މީޑިއާނެޓުން ކޮންޓްރޯލްކުރާ ތަނެއް. ޚަބަރު ކިޔަންތިބި ބަޔަކަށް މިކަހަލަ ޒިންމާދާރު ތަނެއް ހަވާލުކުރީމަ ވާގޮތެއް ތޯއްޗެއް.
4 1

ސިކުނޑި

25 އޮކްޓޯބަރު 2022
ބްރޯޑް ކޮމްގެ ގަވައިދު ގާނޫނާއި ޚިލާފު! އެ ބާތިލުކުރަންޖެހޭ! މީޑިއާނެޓްގެ ޑައިރެކްޓަރުންގެ ބޯޑަށް ބަލާލީމާ މިވާގޮތް ނިކަން ރަނގަޅަށް އެނގޭނެ! https://business.egov.mv/BusinessRegistry/ViewDetails/10471?key=1182141849
3 0

އަހުމަދު

25 އޮކްޓޯބަރު 2022
@ސިކުނޑި ތީ ތި ބަލާލީމަ މަންޒަރު ވަރަށް ސާފު. ކޮން ބަޔެއް ކަން ތިކަމުގެ އަޑީގަ ތިބީ ވެސް ސާފު
2 0

އައިލެންޑަރ

25 އޮކްޓޯބަރު 2022
ބުރޯޑް ކޮމް އަށް ހެޔޮ ބަދަލެއް އަންނަ އެބަޖެހޭ ދޯ
5 1

މުހައްމަދު

25 އޮކްޓޯބަރު 2022
ވާދަވެރި ވިޔަފާރި މާހައުލެއް އޮތުމަކީ އެކަމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ތަފާތު އެކި އެކި މަންފާ ވާ ކަމެއް. އެހެންވީމާ ކޮމްޕެޓީޝަން މަރާލަން ބަޔަކު މިކުރާ މަސައްކަތް ހުއްޓުވަން ޖެހޭ
6 1

ބުރޯޑް

25 އޮކްޓޯބަރު 2022
ބުރޯ ކޮމް އަކީ ވަކި ބަޔަކަށް މަންފާ ހޯދަ ދޭން އުޅޭ ބައެއް ކަން މިހާރު މުޅި ދިވެހި ގައުމައް ވެސް އޮޅިފައެއް ނެތް
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް