މަޑަވެއްޔަށް އިއްޔެ އުދަ އަރަނީ: ރައްކާތެރިވާން ރަށުގެ ރައްޔިތުންނަށް މާ ބޮޑު ފުރުސަތުތަކެއް ނުލިބުނު (ފޮޓޯ/ތޯހާ)

'މި ކަހަލަ ދެ ވަނަ ރާޅެއް އަރައިފިއްޔާ މަޑަވެއްޔެއް ނޯންނާނެ'

މަޑަވެއްޔަށް އިއްޔެ އެރި އުދައިގައި އެތައް ބައެއްގެ ދިރިއުޅުން ވަނީ ސުންނާފަތިވެފައި

މުހިންމު ނުކުތާތައް

އެގޮތަށް ރާޅު އެރުމުން އެތައް ބަޔަކަށް ވަނީ ބިރާއި މާޔޫސްކަން ލިބިފައި

އުދައިގެ އެފަދަ ހާދިސާތައް ގިނަވާން ފަށައިފި ނަމަ ރަށުގައި ދިރިއުޅެން އުނދަގޫވާނެ

ގިނަ މީހުން ގޯސްކުރަނީ މިހާރު ހަދާފައި އޮތް ކޯޒްވޭ

އެއީ އިއްޔެ މެންދުރު ފަހު 1:15 ހާއިރެވެ. ހުކުރުން އައިސް، އެއްޗެހި ބަދަލުނުކުރެވި އުޅެނިކޮށް، އަޒްހާރު މުހައްމަދު ވަހީދުގެ ގެއަށް ލޮނުގަނޑު ވައްދާލި އެވެ.

ދެން އޭނާ މަސައްކަތް ފެށީ، ގޭދޮށުގައި އޭރު އެއްކޮށްފައި ހުރި ވެލިފުންޏަކުން، ވެލި ބަސްތާ ހަދައި، ދޮރޯށި ދަށުގައި އެ ވެލި ބަސްތާތައް ޖައްސާށެވެ. އެކަމަކު އެކަން މުޅިން ނުނިމި އުޅެނިކޮށް، ފުލުފުލުގައި ރާޅުތައް ގޭ ސަރަހައްދަށް ބިންދަން ފެށި އެވެ. ދެ ފޫޓުގެ އުސްމިން ހުރި ރާޅުތައް އައިސް، ވެލިބަސްތާތައް ފޫއަޅުވާލާފައި ގޯތިތެރެއަށް ލޮނުގަނޑު ވަންނަމުން ދިޔައިރު، އޭނާއަށް ކުރެވޭނެ އިތުރު ކަމެއް ނެތެވެ.

އަޒްހާރުގެ ގެ ހުންނަނީ، މަޑަވެލީ ދެކުނު ފަރާތުން އެންމެ ފަހުން ދޫކުރި ރޯހައުސްތަކުގެ ތެރެއިން، ގޮނޑުދޮށާ ދެ ވަނައަށް އެންމެ ކައިރީގަ އެވެ. ބޮޑެތި ރާޅުތައް އައިސް ގޯތިތެރެއަށް ވަންނަމުން ދިޔައިރު، އަޒްހާރު މަސައްކަތް ކުރީ، ވެލިބަސްތާ ޖަހައި ގެ ހިމާޔަތްކުރާށެވެ. ގޭތެރެއިން އޭރު ދަރިންތައް ބިރުން ރޯ އަޑު އޭނާއަށް އިވެ އެވެ. 

ރޯހައުސްތަކުގެ ތެރެއިން އަޒްހާރުގެ ގެ: އުދަ އަރައި އެ ގެއަށް އިއްޔެ ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި

އެންމެ ފަހުން އޭނާއަށް ޖެހުނީ، އެ ބިރުވެރިކަމުން އާއިލާ ސަލާމަތް ކުރުމަށް، ފަސް ދަރިންނާއި އަނބިމީހާ، އޭނާގެ މަންމަގެ ގެއަށް ބަދަލުކުރާށެވެ.

"ކޮން އެއްޗެއްތޯ އަޅުގަނޑުމެންނަށް މިތަނުން ސަލާމަތް ކުރެވޭނީ؟ ބެޑްރޫމް ސެޓަކަސް، ހިފާ ގެންގުޅޭ ސާމާނަކަސް، ހަމަ އެކައްޗެއް ވެސް ނެތް ސަލާމަތަކުން،" އަޒްހާރު، 41، ބުންޏެވެ.

އިއްޔެ މެންދުރު ފަހު މަޑަވެއްޔަށް އަރަން ފެށި އުދައިގެ ރާޅުތައް، ކިރިޔާ ވެސް މައިތިރިވީ ރޭ އަށެއް ޖެހި އިރު އެވެ. އޭރު، ރަށުގެ ތިން ބައިކުޅަ ދެބައިގައި އޮތީ ފެން ބޮޑުވެފަ އެވެ. ދެކުނު ފަރާތުގައި އަލަށް އެޅި 22 ރޯ ހައުސް ހުރީ ފެނު އަޑީގަ އެވެ. ރަށުގެ ހުޅަނގު ފަރާތުގައި ހުރި އިތުރު ގިނަ ގެތަކަށް ވެސް ލޮނުގެ އަސަރުކޮށް، ގިނަ ސާމާނުތަކެއް ހަލާކުވި އެވެ.

ރޯހައުސް ހައުސިން ޔުނިޓްތަކުގެ ތެރެއިން އޭނާއަށް ލިބުނު ގޭގައި، އަޒްހާރުގެ އާއިލާއިން ދިރިއުޅެން ފެށިތާ އަދި ވީ ތިން އަހަރެވެ. އޭނާ ބުނާ ގޮތުން ދިރިއުޅުން ސުންނާފަތި މިވީ، "ހަމަޖެހިލިތަނުން"ނެވެ. 

އަލަށް ލިބުނު ގޭގައި ވަރަށް އުއްމީދާ އެކު ދިރިއުޅެން ފެށި ނަމަވެސް އެތަނުގައި އުޅެން އޭނާ މިހާރު ޖެހިލުންވެ އެވެ. މޫސުން ގޯސް ދުވަސްވަރެއްގައި، ކަނޑުގެ ރާޅުތައް ހުރަހެއް ނެތި، އެ ސަރަހައްދަށް އާދެ އެވެ. މި އުދައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ދެ ތަނަކުން ގެ ހުރީ ކަނޑައިގެން ގޮސްފަ އެވެ. ބޯކޮށް ވިއްސާރަ ވެހި، އަދި އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދު ގަނބަ އެވެ.

"މިހާރު މިތަނުގައި ދިރިއުޅެވޭ ވަރެއް ނޫން. މިތަނުގައި އުޅުމަށް ވުރެ، ކުރިން އުޅުނު ގޮތަށް މަންމަގެ ގޭގައި އުޅުން ވެސް މާ ރަނގަޅު،" މާޔޫސްވެ ހުރެ، އަޒްހާރު ބުންޏެވެ.

މަޑަވެއްޔަށް އުދަ އަރައި، މަގުތަކުގައި ފެން ބޮޑުވެފައި (ފޮޓޯ/ތޯހާ)

އިއްޔެގެ އުދަ އެރުމުގެ ހާދިސާގައި، މީހެއްގެ ފުރާނައަށް ގެއްލުން ނުވި ނަމަވެސް، ގެތަކުގައި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން، މީހުން އާމްދަނީ ހޯދަން ހައްދާފައި ހުރި ފަތްކޭލާއި އެހެނިހެން ގަސްތައް ސުންނާފަތިވި އެވެ.

"ވަރަށް ބިރުވެރި މަންޒަރެއް އެއީ. ރާޅުތައް އަރައިގެން އައީ ފުލުފުލުން،" މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވި އެވެ.

އޭނާ ހުންނެވީ ރަށުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގެންފަ އެވެ. ވިއްސާރަ މޫސުމުގައި، މިގޮތަށް ބޮޑަށް ރަށުތެރެއަށް އުދަ އެރި މަންޒަރު މީގެ ހަތަރު އަހަރު ކުރިން ވެސް އޭނާ ދެކެވަޑައިގަތެވެ. އެކަމަކު އިއްޔެ ރަށަށް އެރި ފަދަ ރާޅުތަކެއް މީގެ ކުރިން ދުވަހަކު ވެސް ފެނިވަޑައިގެންފައެއް ނުވެ އެވެ.

ފިޔާޒް ވިދާޅުވި ގޮތުގައި މީހެއްގެ ފުރާނައަށް ގެއްލުން ނުލިބުނު ނަމަވެސް، މި ފަދަ ހާދިސާތަކާ މެދު މިހާރު ހޭލާ ތިބެން ވެއްޖެ އެވެ.

"މި ފަދަ ދެ ވަނަ ރާޅެއް އަރައިފިއްޔާ މަޑަވެއްޔެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

މަޑަވެލީ ކޯޒްވޭ؛ އުދަ އަރާ ސަބަބަކަށް ވެދާނެތަ؟

މޫސުން ގޯސް ދުވަސްވަރު، މަޑަވެއްޔަށް އުދަ އެރުމަކީ މި ފަހުން އާއްމު ކަމެކެވެ. ކަނޑުގެ އަނގަމަތީގައި އޮތުމުން، ހުރަހެއް ނެތި އެ ރަށަށް ރާޅު އަރަ އެވެ.

އެކަމަކު އުދަ އެރުން އެހާ ބޮޑަށް ގޯސްވެފައިވަނީ، އެ ރަށުގެ ގިނަ މީހުން ބުނާ ގޮތުން، މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް 2018 ގައި ހެދި ކޯޒްވޭގެ ސަބަބުންނެވެ. މި ކޯޒްވޭ އެޅި ފަހުން، މަޑަވެއްޔާއި ހޯޑެއްދުއަށް ރާޅު އެރުން ވަނީ އިތުރުވެފަ އެވެ. އޮއެ ގަދަ ސަރަހައްދެއްގައި، ފެން ދައުރު ވާނެ ގޮތެއް ނެތި، ވެލީގެ ފާލަމެއް ދެ ރަށުގެ ދެމެދުގައި އެޅުމުން، ކޯޒްވޭ މަތިން ވެސް ރާޅު އަރަން ފެށި އެވެ.

ކޯޒްވޭގެ ސަބަބުން ރަށުތެރެއަށް ރާޅު އަރަން ފެށުމުން، 2018 ގައި ހޯޑެއްދޫ ރައްޔިތުން ނުކުމެ، އެ ރަށާ ވީ ފަޅިން، ފާލަން ބުރި ވެސް ކޮށްލި އެވެ. އޭރު އެމްޓީސީސީން ބުނެފައި ވަނީ، ރާޅު އެރުމުގެ މައްސަލަ ދިމާވީ، ކޯޒްވޭ ޑިޒައިންކޮށްފައިވާ ގޮތުން ކަމަށެވެ. 

މަޑަވެލި-ހޯޑެއްދޫ ގުޅާލާފައިވާ ކޯޒްވޭ، ހޯޑެއްދޫ ކޮޅުން ކަނޑާލާފައި. އުދަ އަރަނީ މިތަނުން ރަނގަޅަށް ނުދެމޭތީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

މަޑަވެލީ ކައުންސިލްގެ ރައީސް ވެސް ގަބޫލުކުރައްވާ ގޮތުގައި، އެ ރަށަށް މި ފަހުން އެހާ ބޮޑަށް އުދަ އަރަން ފެށީ، ކޯޒްވޭ ހަދާފައި އޮތް ގޮތުން، އެތަނުން ލޮނުގަނޑު ދައުރުވުން ކުޑަވުމުގެ ސަބަބުން"ނެވެ. އަދި އެ ކޯޒްވޭ ހަދާފައިވަނީ، އޭގެ ޑިޒައިނާ މެދު ދެ ރަށުގެ ރައްޔިތުން ވެސް ދެކޮޅުހަދަމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެމްޓީސީސީން ވަރަށް ގޯސްކޮށް ކޮށްފައި ހުރި ކަމެއް. މީގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން މިދަނީ،" ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މިފަދަ ކުދިކުދި ރަށްތައް ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ، ކުރިއަށް އޮތް ތަނުގައި އެފަދަ ރަށްރަށުގައި މީހުންނަށް ދިރިނޫޅެވޭނެ ކަމަށެވެ.

އަދި މިގޮތަށް ރާޅު އަރާ ނަމަ، މަޑަވެލީގެ މުސްތަގްބަލެއް ނެތް ކަމަށް ފިޔާޒް ގަބޫލުކުރައްވަ އެވެ.

މެޓުން ބުނަނީ މިއަދު މާ ބޮޑަށް އުދަ އަރާނެ ކަމަށް

މަޑަވެލީގެ އިތުރުން ދެކުނުގެ ގިނަ ރަށްތަކަކަށް އިއްޔެ ވަނީ އުދަ އަރައި، ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި މިއަދު 1:30 އިން ފެށިގެން 4:30އަށް، މެދު ރާއްޖެތެރެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އުދަ އަރާނެ އެވެ. އަދި އިއްޔެ އުދަ އެރި މިންވަރަށް ވުރެ، މިއަދު އުދައިގެ ރާޅުތައް ބޮޑުވާނެ ކަމަށް ވެސް ލަފާކުރެ އެވެ.

މަޑަވެއްޔަށް އުދަ އަރައި، ފެން ބޮޑުވެފައި- (ފޮޓޯ/ އިލްހާމް މުހައްމަދު، ޓުވިޓާ)

އެހެންވެ މަޑަވެލިން ވެސް މިއަދު އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ.

އިއްޔެ އެ ރަށަށް އެރި ލޮނުގަނޑު  ބޭރުކުރީ، އެކްސްކަވޭޓަރެއްގެ އެހީގައި ކޯރު ކަނޑައިގެންނެވެ. ރަށުގެ ގިނަ ބަޔަކު ނުކުމެ، އެ މަސައްކަތްކޮށް ނިމުނު އިރު ފަތިސް ވެއްޖެ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

މިހާރު އަނެއްކާވެސް ރައްޔިތުން ތައްޔާރުވަމުން އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، އިތުރު ވެލި ބަސްތާތައް ޖަހައި، އުދައިން ރައްކާތެރިވުމަށެވެ. އެގޮތުން އާއްމުކޮށް އުދަ އަރާ ސަރަހައްދުތަކާއި ހަނި ގޯޅިތައް ބެދޭ ގޮތަށް، ވެލި ބަސްތާތައް ޖަހަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ދެން އޮތީ ދުއާކުރުމެވެ: އިއްޔެ ފެނުނު ކަހަލަ ރާޅުތަކެއް ރަށަށް ނާރާތޯ އެވެ. އެ ބިރުވެރިކަމުން ސަލާމަތްކޮށްދެއްވާތޯ އެވެ.

ކޮމެންޓް (1)

ދެބޯގެރި

2 ޖުލައި 2022
ދެން ތިބުނާ ކޯޒުވޭއެއް މިހާރު ފުނޑާލާފަ އޮތަސް ރާޅު އެ އަރަނީ ހަމަ ކޯޒުވޭގެ ސަބަބުން ތޯ؟ މިހާރު ކިތައް އަހަރު ފަހުންބާ ރާޅު ތި އަރަނީ.؟؟
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް