ޕީޕީއެމްގެ ޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

ޗާގޯސްއަކީ މޮރިޝަސް ކަމަށް ބަލައިގަތް ނިންމުން އަނބުރާ ޖަހާނަން: ޔާމީން

ޗާގޯސް މައްސަލައިގައި އދ. ގައި ވޯޓު ދޭ ގޮތް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ޔާމީން ވިދާޅުވި
2 ނޮވެމްބަރު 2022
1

ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލައިގައި މި ސަރުކާރުން ނެގި ސްޓޭންޑަށް ޕީޕީއެމްގެ ވެރިކަމެއްގައި އިހުތިރާމް ނުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ތަފްސީލް - ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވީ އެ މައްސަލައިގައި ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި އެއީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ބުނީ ކީކޭ؟ - "ﷲގެ ރަހުމަތާ އެކީ 2023 އަކީ ދިވެހި ރައްޔިތުންގެ އަހަރެއް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ކަމަށް ވަންޏާ، ގާނޫނާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށް، މިހާރު ސަރުކާރުން މި މައްސަލައިގައި ކޮށްގެން އުޅޭ ކަންތަކަށް އަޅުގަނޑު އިހުތިރާމެއް ނުކުރާނަން. އެކަން އަނބުރާ ޖަހާނަން،" ޔާމީން ވިދާޅުވި އެވެ.

މައްސަލައިގެ ފެށުން - ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް އެ ގައުމުން ކުރާ ދައުވާއާ ދެކޮޅަށް ރާއްޖެއިން މީގެ ކުރިން ދެ ފަހަރު އދ.ގައި ވޯޓު ދިނުމަށް ފަހު އެ ނިންމުން ސަރުކާރުން މި އަހަރު ވަނީ ބަދަލުކޮށްފަ އެވެ. ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން އަންގަވައި ރައީސް ސޯލިހު ސިޓީ ފޮނުއްވީ އޮގަސްޓް މަހު އެވެ. އެކަމަކު އެކަން ފުރަތަމަ އެނގުނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހަޅާފައިވާ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި މިދިޔަ މަހު ފަހުކޮޅު ބޭއްވި އަޑުއެހުމެއްގަ އެވެ.

ވީ ކިހިނެއް؟ - އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ރާއްޖެއިން ބަލައިގަތަސް ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދަނީ ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔާމީން ވެސް ވާހަކަދެއްކެވީ އެ މޭރުމުންނެވެ.

"އެ ސަރަހައްދު ކޮމްޕްރޮމައިޒްވާ ގޮތަށް، އަޅުގަނޑުމެން ކަނޑައެޅި ސަރަހައްދަށް ވުރެ ކުޑަ ސަރަހައްދެއް އަޅުގަނޑުމެންނަށް ލިބޭ ގޮތަށް އޮތް އޮތުމެއް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަމޭ. އަޅުގަނޑުމެންނަށް ދޭހަވެގެން މިއުޅެނީ ރައީސް ފޮނުއްވި ސިޓީގައި އޮތީ މި ވާހަކައޭ. އެއީ މޮރިޝަސް ރުއްސަން، އިންޑިއާ ރުއްސަން،" ޔާމީން ވިދާޅުވި އެވެ.

އެނގުން މުހިއްމު - ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަންނަން ރާއްޖެއިން ނިންމީ، އިން ވަކިކުރުމުގެ މައްސަލައިގައި، އެއީ މޮރިޝަސް ކަމަށް އިޓްލޮސްއިން ކަނޑައެޅި ފަހުންނެވެ. 

ޔާމީން ވިދާޅުވީ ރައީސް ސޯލިހު އެފަދަ ސިޓީއެއް މޮރިޝަސްއަށް ފޮނުއްވައިގެން ނުވާނެ ކަމަށެވެ.

"ރުޅިއާދޭ މި މައްސަލަ މިގޮތަށް ނިންމީމަ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް،" ޔާމީން ވިދާޅުވި އެވެ.

"ރައިސުލްޖުމްހޫރިއްޔާ ކަމުގައި ހުރެގެން އެ ފޮނުވި ސިޓީ އެއީ ފޮނުވޭނެ ސިޓީއެއް ނޫން. އެ ސިޓީއަށް އޮނާ ކުރާކަށް ވެސް ނުޖެހޭނެ. އެއީ ގާނޫނާ ހިލާފަށް، އޮންނަ އުސޫލުތަކާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ސިޓީއަކަށް އޮނާއެއް ނުކުރެވޭނެ."

ގުޅުން ހުރި ކަމެއް - ރައީސް ފޮނުއްވި ސިޓީއާ މެދު ބައެއް މީހުން ނުރުހުން ފާޅުކުރަމުންދިޔަ ނަމަވެސް، އެ ސިޓީ އާންމުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވަނީ އެ ސިޓީ ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އިދިކޮޅު ޕީޕީއެމްގެ ތޯރިގު އެ މައްސަލަ ހުށަހެޅުއްވި އިރު، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ، ރައީސްގެ ނިންމުމަށް ފާޑުވިދާޅުވެ، އެ ނިންމުން މަޖިލީހާ ހިއްސާނުކުރައްވާތީ ނުރުހުން ފާޅުކުރައްވާފަ އެވެ.

ކޮމެންޓް (1)

މުޙައްމަދު

2 ނޮވެމްބަރު 2022
ޓެކްސް ވެސް އަނބުރާ ޖަހާދޭތި. ޝުކުރިއްޔާ ރައީސް ޔާމިން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް