މަޖިލިސް ޖަލްސާއެއްގައި މަހިނބަދޫ ދާއިރާ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ރައީސް މޮރިޝަސްއަށް ފޮނުވި ސިޓީ ހޯދަން ހުށަހަޅައިފި

ތޯރިގު ވަނީ، އެ ސިޓީ މަޖިލީހުގެ ކޮމެޓީއަށް ގެންނަވައި، މައްސަލަ ބެލުމަށް އެދިވަޑައިގެންފައި
31 އޮކްޓޯބަރު 2022

ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯދައި، އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މައްސަލައިގެ ފެށުން- ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބުނެ އެ ގައުމުން ކުރާ ދައުވާއަށް ރާއްޖެއިން ގެންދިޔައީ މީގެ ކުރިން ފާޅުގައި އިންކާރުކޮށް އދ.ގައި އެކަމާ ދެކޮޅަށް ވޯޓު ދެމުންނެވެ.

ނަމަވެސް، އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)އަށް އެ ގައުމުން ލާފައިވާ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ކުރިއަށްދާ އަޑުއެހުންތަކުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ބަލައިގަންނަން ނިންމައި ރައީސް ސޯލިހު ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭ މޮރިޝަސްގެ ރައީސްއަށް ސިޓީއަކުން އެކަން ދަންނަވާފައި ކަމަށެވެ.

ވީ ކިހިނެއް؟- ސިޓީގެ މައްސަލަ ހޫނުވެ ބޮޑު ބަހުސަކަށް ވެފައިވީ ނަމަވެސް އެ ސިޓީ އާންމުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، އެ ސިޓީ ހޯދުމަށް މިއަދު މަޖިލީހަށް ހުށަހެޅުއްވީ، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ތޯރިގު ވިދާޅުވީ:

  • މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރުލިބިގެންވާ ކަމަށް ދައުވާ ކުރާ މައްސަލައިގައި ޒަމާނުއްސުރެ، ރާއްޖޭން އަމަލު ކުރަމުން ދިޔަ އަދި ދަމަހައްޓަމުން އަންނަ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގެ ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް އުނިވާ ކަމަށް

  • އެހެންވެ، ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާ ކަމަކަށް ވާތީ، މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީއަށް ސިޓީ ގެންނަވައި، މައްސަލަ ބަލައިދިނުމަށް

އެނގުން މުހިއްމު- މައްސަލަ ހޫނުވެފައިވާ ސިޓީ އާއްމު ކުރުމާ ގުޅޭގޮތުން ކުރިން 'ދައުރު'އިން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ:

  • ރައީސް ގައުމުތަކުގެ އިސް ވެރިންނަށް ފޮނުއްވާ ސިޓީތައް ސިއްރު ގެއްލޭ ގޮތަށް އާންމު ކުުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން

  •  އެފަދަ މުއާމަލާތްތައް ހާމަކުރުމަކީ ސަރުކާރުން އަމަލު ކުރާނެ އުސޫލެއް ނޫން

މިއުވާން ވިދާޅުވީ ރައީސްގެ ސިޓީގައި ރާއްޖޭގެ ވިސްނުން ހާމަކުރެއްވި އިރު، ރާއްޖޭގެ އިމުން ބައެއް ދޫކޮށްލުން ފަދަ ވާހަކައެއް ރައީސްގެ ސިޓީގައި ވިދާޅުވެފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އިން ކަނޑައެޅުމުގައި މޮރިޝަސް އިން ކުރާ ދައުވާގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ބައެއް ދޫކޮށްލުން ފަދަ ޔަގީންކަމެއް ދީފައިވާ ސިޓީއެއް ނޫން އެއީ." މިއުވާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް