ޕީޖީ ޝަމީމް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކުޑަކުދިންނަށް ޖިންސީގޯނާކުރުމުގެ 409 މައްސަލަ، ނިމުނީ 21 މައްސަލަ

ކޯޓަށް އެންމެ ގިނަ މައްސަލަ ހުށަހެޅީ 2020 ގައި. އެ އަހަރު 158 މީހެއްގެ މައްޗަށް 192 ދައުވާ ކޯޓަށް ހުށަހެޅި
14 ނޮވެމްބަރު 2021

ފާއިތުވި ތިން އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން 292 މީހުންގެ މައްޗަށް 409 ދައުވާއެއް ކޯޓަށް ހުށަހެޅި ނަމަވެސް، މިހާތަނަށް ނިމިފައި ވަނީ ވަރަށް މަދު މައްސަލަތަކެއް ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީޖީ ޝަމީމް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އުފުލާފައިވާ ދައުވާތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވައިފަ އެވެ.

ތަފްސީލް -

2019 ވަނަ އަހަރު 71 މީހެއްގެ މައްޗަށް 101 ދައުވާ ކޯޓަށް ހުށަހެޅި

2020 ވަނަ އަހަރު 158 މީހެއްގެ މައްޗަށް 192 ދައުވާ ކޯޓަށް ހުށަހެޅި 

2021 ގެ އޮކްޓޫބަރު މަހާ ހަމައަށް 83 މީހެއްގެ މައްޗަށް 116 ދައުވާ ކޯޓަށް ހުށަހެޅި

ޕީޖީ ވިދާޅުވީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، 2020 ވަނަ އަހަރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޕީޖީގެ ބަސް - "މާނައަކީ މި ބާވަތުގެ މައްސަލަ މީހުން ރިޕޯޓުކުރާ މިންވަރު ވެސް އިތުރުވެއްޖެ. ހެކި ހޯދޭ މިންވަރު ވެސް އިތުރުވެއްޖެ. އަދި ކޯޓަށް ހުށަހެޅޭ ވަރު ވެސް އިތުރުވެއްޖެ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މިދިޔަ ތިން އަހަރު 292 މީހެއްގެ މައްޗަށް ކޯޓަށް ހުށަހެޅި 409 ދައުވާގެ ތެރެއިން %82 މައްސަލަތަކުގެ ޝަރީއަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

"ކޯޓުން ނިމުނު ކަމަށް އަޅުގަނދުމެންނަށް ލިބިފަ ހުރި ހިސާބުތަކުން ދައްކަނީ 17 މީހެއްގެ މައްޗަށް 21 މައްސަލަ،" ޝަމީމް ވިދާޅުވި އެވެ. އެއީ:

  • 2020 ވަނަ އަހަރުގެ 12 މައްސަލަ 

  • 2019 ވަނަ އަހަރުގެ 9 މައްސަލަ 

ނަމަވެސް ކޯޓުތަކުން ހުކުމްކޮށް، ޕީޖީ އޮފީހަށް މައްސަލަ ނިމުނުކަމުގެ ރިޕޯޓު ލިބިފައި ނުވާ މައްސަލަތަކެއް ހުރެދާނެ ކަމަށާއި، އެހެންކަމުން އެ ތަފާސްހިސާބުގައި ތަފާތު ހުންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެގޮތުން އެފަދަ ފަސް މައްސަލައެއް މިދިޔަ މަހު ވެސް ނިންމި ކަމަށާއި، ނަމަވެސް އެ މައްސަލަތައް ނިމުނުކަމުގެ ރިޕޯޓު އަދި ނުލިބޭކަން ޝަމީމް ފާހަގަކުރެއްވި އެވެ.

ޝަމީމް ވިދާޅުވީ މި އަހަރުގެ މައްސަލަތައް އަދި ކޯޓުގައި މާ ބާރަށް ނުހިނގާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް